ހަބޭސް، ޑީޖޭ އަލީ އަދި ތޮލާގެ ހުށަހެޅުންތަކާ އެކު ސައުންޑްސް އޮފް މޯލްޑިވްސް ފަށައިފި

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ޑައިވިންގް އެންޑް ރިސޯޓް ޓްރެވަލް އެކްސްޕޯ (ޑީއާރުޓީ ޝޯ)ގެ ތެރެއިން -- ފޮޓޯ: އެސްއޯއެމް

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށާއި، ދިވެހި މިއުޒިކީ ފަންނާނުންގެ ހުނަރުތައް ދައްކާލުމަށް ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ސައުންޑްސް އޮފް މޯލްޑިވްސް މިއުޒިކް ފެސްޓިވަލް މިއަދު ސިންގަޕޫރުގައި ފަށައިފިއެވެ.

މިއަހަރުގެ ސައުންޑްސް އޮފް މޯލްޑިވްސް ފެސްޓިވަލް ބާއްވަނީ ސިންގަޕޫރުގައި އޮންނަ ޑައިވިންގް އެންޑް ރިސޯޓް ޓްރެވަލް އެކްސްޕޯ (ޑީއާރުޓީ ޝޯ)ގެ ތެރެއިންނެވެ.

ޑީއާރުޓީ ޝޯގެ ފުރަތަމަ ދުވަސް މިހާރު ނިމިފައިވާ އިރު، ސައުންޑްސް އޮފް މޯލްޑިވްސް ފެސްޓިވަލްގެ ތެރެއިން ޑީއާރުޓީ ޝޯގައި މިއަދު ހެނދުނު ހަބޭސް ބޮޑުބެރު ގްރޫޕުން ވަނީ ހުށަހެޅުންތަކެއް ހުށަހަޅައިދީފައެވެ. މިއަދު މެންދުރުފަހުގެ ވަގުތުގައި ޑީޖޭ އަލީއާ އެކު ހަބޭސް ބޮޑުބެރުގެ ހުށަހެޅުންތަކެއް ހުށަހަޅާއިދީފައިވާ އިރު، މިރޭ ޑީއާރުޓީ ޝޯގައި ހަސަން ތޮލާގްއާ އެކު ގްރެވިޓީ ބައި ހަބޭސް ވަނީ ޕަފޯމް ކޮށްފައެވެ.

ސައުންޑްސް އޮފް މޯލްޑިވްސްގައި ދިވެހި މިއުޒިކީ ހުށަހެޅުންތައް ހުށަހަޅައިދޭ ފަރާތްތަކުގެ ތެރޭގައި ހަބޭސް ބޮޑުބެރު، ގްރެވިޓީ ބައި ހަބޭސް، މުހައްމަދު މުއައްޒިން ނައީމް، ހަސަން ތޮލާޤް، ރިއްޓޭ އަދި ޑީޖޭ އަލީ ހިމެނެއެވެ. ސައުންޑްސް އޮފް މޯލްޑިވްސްގެ ހުރިހާ ހުށަހެޅުމެއް ވެސް ކުރިޔަށް ދަނީ ޑީއާރުޓީ ޝޯގެ ސްޓޭޖް އޭގައެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ޑައިވިންގް އެންޑް ރިސޯޓް ޓްރެވަލް އެކްސްޕޯ (ޑީއާރުޓީ ޝޯ)ގެ ތެރެއިން --

ޑީއާރުޓީ ޝޯގައި ރާއްޖެއަށް ލިބިފައިވާ ޒޯނުގައި ދިވެހި 12 ކުންފުންޏަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބައެއް ގެސްޓްހައުސްތައް ވެސް ހިމެނެއެވެ.

ރާއްޖޭގެ ކުންފުނިތަކުން ރާއްޖެ ތަމްސީލުކުރުމަށްޓަކައި ޑީއާރުޓީ ޝޯގައި ހަރަކާތްތެރިވަމުން ދާނީ ހޯލް 401 އަދި 402ގެ، ބީ43 ސްޓޭންޑުގައެވެ.

ސައުންޑްސް އޮފް މޯލްޑިވްސްގެ މިއަހަރުގެ މެއިން ސްޕޮންސަރަކީ ކާނި ހޮޓެލްސްއެވެ. ކޯ ސްޕޮންސަރުންނަކީ ފީލް ޑެސްޓިނޭޝަން އަދި އޭޝިއާ ފޯވަޑިންގްއެވެ. ޓްރެވަލް ޕާޓްނަރުންނަކީ ސިންގަޕޫރު އެއާލައިންސް އަދި ސަންލެންޑް ޓްރެވަލްސްއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

ސައުންޑްސް އޮފް މޯލްޑިވްސް ފެސްޓިވަލް އަދި ޑީއާރުޓީ ފެއާ، ފެބްރުއަރީ 26 ވާ އާދީއްތަ ދުވަހުގެ ރޭގެ ނިޔަލަށް ކުރިޔަށް ދާނެއެވެ.

comment ކޮމެންޓް