މަލިކު، ރާއްޖެ އަތުން ގެއްލުނީ ކީއްވެތޯ ސުވާލުކުރުމުގެ ހައްގު އޮންނަން ވާނެ: ދިޔާނާ

ދިޔާނާގެ އަރިހުގައި ފިރިކަލުން ޖާބިރު--- ސަން ފައިލް ފޮޓޯ

ރާއްޖެއަށް މަލިކު ގެއްލުނީ ކީއްވެތޯ ސުވާލުކުރުމުގެ ހައްގު އޮންނަން ވާނެކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެޑްވައިޒަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ޖާބިރު ދާދި ފަހުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއެއްގައި، ރާއްޖެއަށް މަލިކު ގެއްލުނު ސަބަބު ހޯދަން މަޖިލީހުގައި މިނިސްޓަރުންނާ ސުވާލު ކުރައްވާނެ ކަމަށް ވިދާޅުވުމުން އެ މައްސަލަ ހޫނުވި އެވެ.

މަލިކުގެ މައްސަލައިގައި މީހަކު އުފެއްދި ސުވާލަކަށް ޓުވިޓާގައި ރައްދު ދެމުން ދިޔާނާ ވިދާޅުވީ، މަލިކަކީ އިންޑިއާގެ ބައެއްގެ ގޮތުގައި މިހާރު އޮތް އޮތުމަށް އެކަމަނާ ތާއީދުކުރައްވާ ކަމަށެވެ. އެހެން ނަަމަވެސް މަލިކު ރާއްޖެ އަތުން ބީވެގެން ދިޔަ ސަބަބާމެދު ސުވާލުނުކުރެވޭތީ އެކަމާމެދު ކަންބޮޑުވެ ވަޑައިގެން ހުންނެވި ކަމަށް ވިދާޅުވި އެވެ.

ޖާބިރުގެ ވާހަކަތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ޖާބިރު ދެއްކެވި ވާހަކައަކީ ދިވެހި ސަރުކާރުން އެއްވެސް ވަރަކަށް ތާއީދު ކުރާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ އޭނާގެ އަމިއްލަ ހިޔާލު ކަމަށެވެ.

މަލިކުގެ މައްޗަށް ދިވެހިރާއްޖޭގެ ވެރީންގެ އަމުރު ބައެއް ފަހަރު ހިނގި ނަމަވެސް، މަލިކަކީ އެއް ޒަމާނެއްގައި ވެސް ދިވެހިރާއްޖޭގެ ވެރިކަން މާ ވަރުގަދައަށް އޮތް ރަށެއް ނޫނެވެ.

ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް އިރު މަލިކު ވެސް އޮތީ އިނގިރޭސީންގެ ދަށުގައެވެ. އެހެންނަމަވެސް ދެ ތަނެއްގެ ގޮތުގައެވެ. ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކު ތިބި ރަށެއް ކަމުގައި ވިޔަސް މަލިކު އިނގިރޭސީންގެ ދަށަށް ދިޔައީ ރާއްޖެއާ ވަކީން، ވަކި ތަނެއްގެ ގޮތުގައެވެ.

އިނގިރޭސީންގެ އަތްދަށުން އިންޑިޔާ މިނިވަންވުމަށް ފަހު މަލިކުގައި ނެގި ވޯޓަކަށް ފަހު ރަސްމީކޮށް މަލިކު، އިންޑިޔާގެ ބައެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް