ރައްޖޭގެ ފަތުރުވެރިކަމަށް ފާޑުވިދާޅުވި ލަންކާގެ ވަޒީރު މާފަށް އެދިވަޑައިގެންފި

ލަންކާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ހަރިން ފެނާންޑޯ --- ފޮޓޯ/ ޓައިމްސް ނިއުސް

ރާއްޖެއަކީ ފޫހި ތަނެއްކަމަށް ވިދާޅުވެ ރާއްޖޭގެ ފަތުރުވެރިކަމަށް ހަޖޫ ޖެއްސެވި ލަންކާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު, ހަރިން ފެނާންޑޯ އޭނާ ދެއްކި ވާހަކަތަކަށް މާފަށް އެދިވަޑައިގެންފިއެވެ.

މައާފަށް އެދިވަޑައިގެން އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޖަރުމަނުގެ ވެރިރަށް ބާލިންގައި މިމަހުގެ ހަތަކުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓިބީ) ފެއާގައި ލަންކާ ޕްރޮމޯޓްކޮށް އޭނަ ދެއްކެވި ވާހަކައިގެ މާނަ އޮޅިވަޑައިގެންފައިވާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ލަންކާއިން މަސައްކަތް ކުރަނީ އަވައްޓެރި ގައުމުތަކާ ގުޅިގެންކަމަށެވެ.

އައިޓީބީ ފެއާގައި ވަހަކަ ދައްކަވަމުން ފެނާންޑޯ ވަނީ، ރާއްޖެ އާއި ލަންކާގެ ޓޫރިޒަމް އަޅުވާބަލަމުން ވާހަކަ ދައްކާފައެވެ. އެގޮތުން، ރާއްޖޭގައި އޮތީ ހަމަ އެކަނި ގޮނޑުދޮށްތައް ކަމަށާއި، ރާއްޖޭގައި ފަސް ދުވަސް ވަންދެން ތިބުމުން ފޫހި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިން އައިސް ތިބެން ޖެހޭނީ ރަށެއްގައި ބަންދުވެފައިކަމަށް ވުމުންނެވެ.

https://twitter.com/anushwij/status/1634736632514371584

މިކަމާ ގުޅިގެން މީސް މީޑިޔާގައި އޭނާއަށް އެކި ޤައުމުތަކުގެ މީހުންގެ ފަރާތުން ބޮޑެތި ފާޑުކިޔުން އަމާޒުވިއެވެ.

އެގޮތުން ޓްވީޓާގައި އެކި މީހުން ފާޅުކުރަމުންދާ ޝުޢޫރުތަކަށް ބަލާއިރު، ސްރީލަންކާގެ އަވައްޓެރި ޤައުމަކަށް ރާއްޖެ އޮވެމެ، ރާއްޖޭގެ ފަތުރުވެރިކަމަށް ބަދުބަސް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ. އަދި އެއްވެސް ޤައުމެއް ދަށް ނުކޮށް، ރާއްޖޭގެ ފަތުރުވެރިކަމާ އެއްވަރަށް ސްރީލަންކާއިން ވެސް މަސައްކަތް ކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ.

ފެނާންޑޯގެ ވާހަކަފުޅަށް، ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ ނުސީދާ ރައްދެއް ދެއްވާފައެވެ. ޑރ. މައުސޫމު ކުރެއްވި ޓްވީޓެއްގައި ވަނީ ފާއިތުވި ތިން އަހަރު ވެސް ދުނިޔޭގެ ލީޑިންގް ޑެސްޓިނޭޝަންގެ މަގާމު ހޯދާފައި ވަނީ ދިވެހިރާއްޖެއިން ކަން ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް