ވީކޭ، އީސްޓް ކޯސްޓް، ހުޅުމާލެ ސްޕޯޓްސް އަދި ކާސިންޖީ ކުއާޓާއަށް

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ގަދަ 16 ގައި ވީކޭ ސްޕޯޓްސް އާއި ވިއެނާ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖަސް

ފިތުރު އީދާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ "އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ކުއާޓާ ފައިނަލުން ވީކޭ ސްޕޯޓްސް އާއި ޔުނައިޓެޑް އީސްޓް ކޯސްޓާއި ހުޅުމާލެ ސްޕޯޓްސް ކްލަބު އަދި ކްލަބު ކާސިންޖީ ޖާގަ ހޯދައިފިއެވެ.

ޖުމުލަ 34 ޓީމަކާއެކު ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ ކުއާޓާއިން ވީކޭ އާއި އީސްޓް ކޯސްޓާއި ހުޅުމާލެ ސްޕޯޓްސް އަދި ކާސިންޖީން ޖާގަ ހޯދީ ގަދަ 16 ގައި އެޓީމުތަކުން މިރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްގެންނެވެ.

މިރޭ ކުޅުނު ގަދަ 16 ގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވީކޭ ސްޕޯޓްސް އާއި ވިއެނާ ސްޕޯޓްސްއެވެ. އެ މެޗު 2-1 ގޭމުން ކާމިޔާބުކޮށް، ކުއާޓާގެ ޖާގަ ކަށަވަރުކުރީ ވީކޭ އިންނެވެ. މެޗުގެ ފުރަތަމަ ގޭމް 7-5 އިން ވިއެނާ ގެންދިޔަ އިރު، 10-8 އިން ދެވަނަ ގޭމް ގެންދިޔައީ ވީކޭ އިންނެވެ. އަދި ގަދަ ހިފުމުގައި ވީކޭ އިން ވަނީ 2-1 އިން މޮޅުވެފައެވެ.

އެ މެޗުގެ ފުރަތަމަ ގޭމްގައި ވީކޭ އިން ފެށީ އެތެރެއިންނެވެ. ކުރީކޮޅު ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ގޭމް އެނބުރިގެންދިޔައީ ވިއެނާގެ ކުޅުންތެރިޔަކު އަރައި، އެއްފަހަރާ ވީކޭގެ ފަސް ކުޅުންތެރިޔަކު ގެންދިއުމުންނެވެ. ދެވަނަ ގޭމްގައި ވިއެނާ އިން އެތެރެއިން ކުޅެ، ކުރީކޮޅު ވީކޭގެ ކުޅުންތެރިންތަކެއް ހިފެހެއްޓި ނަމަވެސް، ވީކޭ އިން ވަނީ ކުޅުން ވަރުގަދަކޮށް ވަގުތު ހަމަވުމުގެ ކުރިން ވިއެނާގެ ދިހަ ކުޅުންތެރިން ބޭރުކޮށްލައި، ގޭމް ގެންގޮސްފައެވެ.

ދެ ޓީމުން ވެސް ގޭމެއް ގެންގޮސްފައިވުމުން ނަތީޖާ ނެރުމަށް ދާން ޖެހުނީ ގަދަ ހިފުމަކަށެވެ. ގަދަ ހިފުމުގައި ދެ ޓީމުން ވެސް ހިފުމެއް ގެންދިޔަ އިރު، ފަހު ހިފުމުގައި ވިއެނާ އިން ބޭރުން އެރި ނަމަވެސް، ވީކޭގެ ކުޅުންތެރިޔާ ވަނީ ވަގުތު ހަމަވަންދެން ވިއެނާގެ ކުޅުންތެރިޔާ ހިފަހައްޓައިފައެވެ. އެއާއެކު މެޗު ލިބުނީ ވީކޭއަށެވެ.

މިރޭ ކުޅުނު ގަދަ 16 ގެ ދެވަނަ މެޗުގައި ބައްދަލުކުރީ ބީޖީ ނިއު ޖެނެރޭޝަނާއި ޔުނައިޓެޑް އީސްޓް ކޯސްޓެވެ. އެ މެޗު ސީދާ ދެ ގޭމުން ގެންދިޔައީ އީސްޓް ކޯސްޓުންނެވެ. އީސްޓް ކޯސްޓުން 18-1 އިން ފުރަތަމަ ގޭމް ގެންދިޔަ އިރު، ދެވަނަ ގޭމް ވެސް އެޓީމުން ފަސޭހަކަމާއެކު ގެންދިޔައެވެ.

ފުރަތަމަ ގޭމްގައި ޔުނައިޓެޑް އީސްޓް ކޯސްޓް އެތެރެއިން ފެށީ ވަރުގަދަކޮށެވެ. ވަގުތު ހަމަވި އިރު، ބީޖީއަށް ގެންދެވުނީ އީސްޓް ކޯސްޓްގެ އެންމެ ކުޅުންތެރިއެކެވެ. ދެވަނަ ގޭމްގައި ބީޖީން މަސައްކަތްތަކެއް ކުރި ނަމަވެސް، އީސްޓް ކޯސްޓްގެ ތަފާތަކަށްވީ އެއް ކުޅުންތެރިޔަކު އަރައި، އެއްފަހަރާ ތިން ކުޅުންތެރިޔަކު ގެންދިއުމުންނެވެ.

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ގަދަ 16 ގައި ހުޅުމާލެ ސްޕޯޓްސް ކްލަބާއި ލޮރެންޒޯ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖަސް

މިރޭ ކުޅުނު ގަދަ 16 ގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ހުޅުމާލޭ ސްޕޯޓްސް އާއި ލޮރެންޒޯ ސްޕޯޓްސްއެވެ. އެ މެޗު 2-1 ގޭމުން ކާމިޔާބުކުރީ ހުޅުމާލޭ ސްޕޯޓްސްއެވެ. ފުރަތަމަ ގޭމް 11-5 އިން ހުޅުމާލޭ ސްޕޯޓްސް އިން ގެންދިޔަ އިރު، 7-6 އިން ދެވަނަ ގޭމް ގެންދިޔައީ ލޮރެންޒޯއެވެ. އަދި ގަދަ ހިފުމުން ހުޅުމާލޭ ސްޕޯޓްސް މޮޅުވީ 2-1 އިންނެވެ.

ފުރަތަމަ ގޭމްގައި އެތެރެއިން ލޮރެންޒޯ، ރަނގަޅަށް ފެށި ނަމަވެސް، ގޭމް އެނބުރުނީ ހުޅުމާލެ ސްޕޯޓްސްގެ އެއް ކުޅުންތެރިޔަކު އަރައި، އެއްފަހަރާ ލޮރެންޒޯގެ ފަސް ކުޅުންތެރިޔަކު ގެންދިއުމުންނެވެ. އޭގެ ފަހުން ހުޅުމާލެ ސްޕޯޓްސްގެ ކުޅުންތެރިޔަކު އަރައި، އެންމެ ފަހަށް ތިބި ލޮރެންޒޯގެ ތިން ކުޅުންތެރިން ވެސް ގެންދިޔައެވެ. ދެވަނަ ގޭމްގައި ލޮރެންޒޯ އިން ވަރުގަދަކޮށް ފަށައި، މަޑުމަޑުން ހުޅުމާލެ ސްޕޯޓްސްގެ ކުޅުންތެރިން ގެންދިޔައެވެ. އެގޮތުން ލޮރެންޒޯ އިން ގޭމް ނިންމާލީ ހުޅުމާލެ ސްޕޯޓްސްގެ ހަތް ކުޅުންތެރިޔަކު ގެންގޮސްގެންނެވެ.

ގަދަ ހިފުމުގެ ފުރަތަމަ ހިފުމުގައި ލޮރެންޒޯ އިން ބޭރުން އަރައި ހުޅުމާލެ ސްޕޯޓްސްގެ ކުޅުންތެރިޔާ ގެންދިޔަ އިރު، ދެވަނަ ހިފުމުގައި ހުޅުމާލެ ސްޕޯޓްސް އިން ވެސް ބޭރުން އަރައި ލޮރެންޒޯގެ ކުޅުންތެރިޔާ ގެންދިޔައެވެ. އަދި ފަހު ހިފުމުގައި ފެނުނީ ދެ މިސްޓަ ބައިބަލާ ކަމަށްވާ ހުސައިން ޝިމާޒް (ކޮކީ) އާއި ހާންޑޯގެ ކުރިމަތިލުމެކެވެ. އެ ހިފުމުގައި ކޮކީ ވަނީ އެރިގޮތަށް އަރައި، ހާންޑޯ ގޮވައިގެން ފައިބާފައެވެ.

މިރޭ ކުޅުނު ގަދަ 16 ގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ކްލަބު ކާސިންޖީ އާއި އެމްސީ ސްޕޯޓްސްއެވެ. އެ މެޗު ސީދާ ދެ ގޭމުން ގެންދިޔައީ ކާސިންޖީއެވެ. ފުރަތަމަ ގޭމް 14-2 އިން ކާސިންޖީ ގެންދިޔަ އިރު، އެޓީމުން ދެވަނަ ގޭމް ގެންދިޔައީ 11-10 އިންނެވެ.

އެ މެޗުގެ ފުރަތަމަ ގޭމްގައި ވަރުގަދަކޮށް ފެނުނީ ކާސިންޖީއެވެ. ވަގުތު ހަމަވި އިރު، ކާސިންޖީން ވަނީ އެމްސީގެ 16 ކުޅުންތެރިޔަކު ހިފަހައްޓައިފައެވެ. އެމްސީއަށް ގެންދެވުނީ ކާސިންޖީގެ ދެ ކުޅުންތެރިއެކެވެ. ދެވަނަ ގޭމްގައި އެމްސީން މަސައްކަތްތަކެއް ކުރި ނަމަވެސް، ވަގުތު ހަމަވުމުގެ ކުރިން ގޭމް ގެންދެވިފައެއް ނުވެއެވެ. ވާދަވެރިކޮށް ފެނިގެންދިޔަ އެ ގޭމްގައި އެމްސީއަށް ގެންދެވުނީ ކާސިންޖީގެ ދިހަ ކުޅުންތެރިއެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ފެށި ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް