އޮފީސްތަކާއި ކުންފުނިތަކަށް ހާއްސަކޮށްގެން ޖުލަައި މަހު ބާއްވަން އިއުލާން ކުރި ބައިބަލާ މުބާރާތް އަވަސްކޮށްފިއެވެ.
ބައިބަލާ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ސައީދު އަލީ މިއަދު "ސަން"އަށް ވިދާޅުވީ އެ މުބާރާތް ޖޫން މަހުގެ 20ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފައިވާ ކަމަށެވެ.
މުބާރާތް އަވަސްކުރަން ނިންމީ ކުރިން މުބާރާތް ބާއްވަން ޕްލޭންކުރި ތާރީހުގެ ތެރެއަށް ކްލަބް މޯލްޑިވްސް މުބާރާތާއި އަޟްހާ އީދާއި މިނިވަން ދުވަސް ވަންނާތީއެވެ. އަދި އެ ދުވަސްވަރަކީ ރިޔާސީ ކެމްޕޭން ވެސް ފޯރި ހިފާނެ ދުވަސްވަރަކަށް ވާތީއެވެ.
ސައީދު ވިދާޅުވީ މި މުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކަށާއި ކުންފުނިތަކަށް ކަމަށެވެ. އަދި އަމިއްލަ ކުންފުނިތަކަށް ހުޅުވާލާނީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ތަރުހީބު ކުޑަވެއްޖެނަމަ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު ވާނީ އޮފީސްތަކަށާއި ކުންފުނިތަކަށް މުބާރާތުގައި ބައިވެރިވުމަށް އިންވިޓޭޝަން ވެސް ފޮނުވާފައި،" ސައީދު ވިދާޅުވިއެވެ.
މިއީ އޮފީސްތަކާއި ކުންފުނިތަކަށް ބައިބަލާ މުބާރާތެއް އިންތިޒާމު ކުރާ ފުރަތަމަ ފަހަރެވެ.
މި އަހަރުގެ ފިތުރު އީދާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި "އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ވެސް ވަނީ ކާމިޔާބުކަމާއެކު ނިންމައިލައިފައެވެ. 34 ޓީމު އެ މުބާރާތުގައި ބައިވެރިވިއިރު ޖުމުލަ 1000އަށްވުރެ ގިނަ ޒުވާނުން އެ މުބާރާތުގައި ކުޅުނެވެ.
ހުޅުމާލޭ ސްޕޯޓްސް ކްލަބާ ވާދަކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކްލަބް ޓީނޭޖުންނެވެ. މިސްޓަ ބައިބަލާއަކަށް ހޮވުނީ ހުޅުމާލެ ސްޕޯޓްސްގެ ޝިރުއާން މުސްތަފާ (ޝިރޫ)އެވެ.
އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވައިލައިގެން ބާއްވާ ބައިބަލާ މުބާރާތް ސްޕޮންސާކުރުމުގެ ފުރުސަތު ބައިބަލާ އެސޯސިއޭޝަނުން ވަނީ ހުޅުވައިލައިފައެވެ. އެ ކަމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން 7911717 / 9579999އަށް ގުޅުމަށް އެ އެސޯސިއޭޝަނުން އެދެއެވެ. ނުވަތަ [email protected] އަށް މެއިލް ވެސް ކުރެވިދާނެއެވެ.