ޣައްޒާގައި 120 ތުއްތު ކުއްޖަކު ނުރައްކަލަށް ހުށަހެޅިފައި

ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލްގައި އިންކިއުބޭޓަރުގައި ބާއްވާފައި އޮތް ތުއްތު ކުއްޖަކު ފަލަސްތީނުގެ ނަރުހަކު ފަރުވާދެނީ ފޮޓ/އަލްޖަޒީރާ

ޣައްޒާގައި މި ފަހުން އުފަންވި 120 ކުއްޖަކު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް އދ.ގެ ޗިލްޑަރެންސް އޭޖެންސީއާ ހަވާލާދީ އިންގްލިޝް އަލްމަޔާދީން ނޫހުން ރިޕޯޓުކޮށްފިއެވެ.

އދ. ގެ ކުޑަކުދިންނާބެހޭ އޭޖެންސީން ބުނާ ގޮތުގައި ޣައްޒާއަށް ތެޔޮ ނުލިބުމުގެ ސަބަބުން އިންކިއުބޭޓަރަށްލާފައި ތިބި ތުއްތު 120 ކުއްޖަކު ވަނީ މަރުގެ ތުންފަތްމަތީގައެވެ.

ޔުނިސެފްގެ ތަރުޖަމާނު ޖޮނަތަން ކްރިކްސްއާ ހަވާލާދީ އިންގްލިޝް އަލްމަޔާދީން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ވަގުތު އިންކިއުބޭޓަރުގައި ފަރުވާދޭ 120 ކުދިން އެބަތިއްބެވެ. އޭގެ ތެރެއިން މެކޭނިކަލް ވެންޓިލޭޝަންގައި 70 ކުދިންނަށް ފަރުވާދެއެވެ.

"ހަމަގައިމުވެސް މިއީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ ކަމެއް." ޖޮނަތަން ވިދާޅުވިއެވެ.

ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގެ ހޮސްޕިޓަލްތަކަށްވެސް އަންނަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ. ހަމަލާތަކުގެ ޒަހަމްވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ހޮސްޕިޓަލްތަކަށް ތެޔޮ ބޭނުންވާއިރު، ހޮސްޕިޓަލްތަކަށް ތެޔޮ ފޯރުކޮށްދިނުން އެދި ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ ގޭސް ސްޓޭޝަންތަކަށްވެސް ގޮވާލާފާއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ޤުދްރާ ވިދާޅުވީ ހޮސްޕިޓަލްތަކަށް ތެޔޮ ނުލިބުމުން ބޮޑެތި އުދަގޫތަކެއް ކުރިމަތިވެ، ކިޑްނީ ފެއިލްވެފައިވާ 1،100 ބަލިމީހުން މަރުވެދާނެ ކަމަށާއި އޭގެ ތެރޭގައި 38 ކުދިން ހިމެނޭ ކަމަށެވެ. މީގެ އިތުރުން އާދަޔާ ޙިލާފަށް ނުރައްކާތެރި ހަތިޔާރު ހަމަލާދޭން ބޭނުންކުރުމުގެ ސަބަބުން މީހުން ޒަހަމްވާ މިންވަރު ވަރަށް ބޮޑު ކަމަށްވެސް މެޑިކަލް ޓީމްތަކުން ބުނާ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ޣައްޒާ ސިޓީގެ ހޮސްޕިޓަލްތަކަށް ފުދޭވަރަށްވުރެ 150 އިންސައްތަ އިތުރުވެ، ހިދުމަތް ދިނުމަށް ހޮސްޕިޓަލްގެތަކުގެ ބޭރުގައި ޓެންޓު ޖަހާފައިވާ ކަމަށްވެސް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް ހިތާމަޔާއެކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ އެތެރެކުރުން ބަންދުކޮށްފައި އޮތުމަށްފަހު އެހީ އެތެރެކުރުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލި ނަމަވެސް ޣައްޒާއަށް ތެޔޮ އެތެރެކުރަން އިސްރާއީލުން ހުއްދަ ނުދޭކަމެވެ.

އދ. ގެ އާބާދީއާ ބެހޭ ފަންޑާއި ހަވާލާދީ އަލްމަޔާދީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގައި ކޮންމެ ދުވަހަކު ގާތްގަޑަކަށް 160 މީހުން ވިހައެވެ. އަދި 2.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގައި 50000 މާބަނޑު މީހުން މިވަގުތު އެބަތިބި ކަމަށްވެސް އދ. ރިޕޯޓުކޮށްފައިވެއެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ފެނާއި ކަރަންޓާއި ކާބޯތަކެތިވެސް ހުސްވެ އަސާސީ ހުރިހާ ކަމަކުން އެ މީހުން ވަނީ މަހްރޫމްވެފައެވެ.

comment ކޮމެންޓް