އެންސްޕާއިން އިމާރާތެއް ހޯދަން އުޅުމުން ތަރުހީބެއް ނުލިބުނު؛ އަލުން ބީލަމަށް ހުޅުވާލައިފި

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު: ތަރުހީބު ނުލިބުމުން އަނެއްކާ ވެސް އެންސްޕާއިން އޮފީސް އިމާރާތެއް ހޯދަން އިއުލާނުކޮށްފި -- ފޮޓޯ: ރައީސް އޮފީސް

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އިމާރާތެއް ހޯދަން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން، ބީލަށް ހުށަހެޅުމަށް އަލުން އިއުލާނުކޮށްފިއެވެ.

އެންސްޕާއިން ވަނީ އެ އެޖެންސީ ހިންގާނޭ އޮފީސް އިމާރާތެއް ހޯދުމަށް މި ފެބުރުވަރީ މަހުގެ ހަތަރުވަނަ ދުވަހުވެސް އިއުލާނުކޮށްފައެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ އެންސްޕާގެ އެދުމުގެ މަތީން އެ އެޖެންސީ ހިންގާނޭ އޮފީސް އިމާރާތެއް ފަސް އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނޭ ފަރާތެއް ހޯދުމަށް މިނިސްޓްރީއިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އަލުން ބީލަމަށް ހުޅުވާލިކަމަށެވެ.

މިނިސްޓްރީއިން ބުނީ އެ ކަމަށް ޝަރުތުހަމަވާ މީހެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތީން ކަމަށެވެ.

އެ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އަންނަ ހޮނިހިރު ދުވަހު ރޯދަމަސް ފެށޭނެ ކަމަށް ކަލަންޑަރުގައި އޮތްއިރު، އެ މަހު ފައިސާ ބަލައިގަންނާނީ ހެނދުނު 09:30 އިން މެންދުރު 13:00 އަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ފައިސާ ބަލައިގަންނާނީ މިނިސްޓްރީގެ އޮންލައިން ޕޭމެންޓް ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ވަނީ މި މަސައްކަތާ ގުޅޭ ލިޔެކިޔުންތަކެއްގެ ސޮފްޓް ކޮޕީ މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 252،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށެވެ. އަދި ޕްރޮޖެކްޓާ ބެހޭ އެއްވެސް ސުވާލެއް ވާނަމަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސޯޝަލް މީޑިއާގައި ވަނީ އެންސްޕާ ހިންގާ އިމާރާތް ކުއްޔަށް ނެގުމުގައި ކުރި މުއާމަލާތާ ގުޅުވައި ތުހުމަތުތަކެއް ކޮށްފައެވެ. އެއީ އެންސްޕާއަށް އޮފީސް އިމާރާތެއް ހޯދަން މިދިޔަ އަހަރު ޓެންޑާ ބޯޑު މެދުވެރިކޮށް އިއުލާންކުރިއިރު، ކުރިމަތިލީ ހަމައެކަނި ފަރާތް ކަމަށްވާ މޯލްޑިވްސް މީޑިއާ ހައުސްއަށް ބިޑު ކާމިޔާބުވި ކަމަށް ނިންމުމުންނެވެ.

އެ ބިޑުގެ ދަށުން އެންސްޕާއަށް ދިނީ، މޯލްޑިވްސް މީޑިއާ ހައުސްގެ ދަށުން ހިންގާ އެމްއެމްޓީވީއަށް ނަގައިފައިވާ ފަންގިފިލާތަކުގެ ތެރެއިން ފަންގިފިލާތަކެއް ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވެއެވެ.

އެ ތުހުމަތުތަކާ ގުޅިގެން އެމްއެމްޓީވީއަށް މާއްދީ ގޮތުންނާއި މައުނަވީ ގޮތުން ފޫނުބެއްދޭ ގެއްލުން ލިބުނު ކަމަށް އެންސްޕާއިން ބުނެފައިވެއެވެ. އަދި އެ އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ.

އެ މައްސަލަ ބަލާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މީގެ ކުރިން ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް