ޚާއްސައެހީއަށް ބޭނުންވާ ކުދީންގެ ތެރެޕީއަށް ތިން މަހުން 25 މިލިއަން ރުފިޔާ ޚަރަދުކޮށްފި

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު -- ފޮޓޯ: ރައީސް އޮފީސް

ޚާއްސައެހީއަށް ބޭނުންވާ ކުދިންގެ ތެރެޕީ ފަރުވާއަށް މި އަހަރުގެ މާޗު މަހުގެ ނިޔަލަށް، 25 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފިއެވެ.

އެންސްޕާއިން މިފަދައިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރައްވައިފައިވާ ސުވާލަކަށް ޖަވާބުދީ ފޮނުވާފައިވާ ސިޓީއެއްގައެވެ.

މެންބަރު ކުޑޫ ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދީންގެ ތެރެއިން ތެރެޕީ ޚިދުމަތް ބޭނުންވާ ކިތައް ފަރާތް އެންސްޕާގައި ރަޖިސްޓްރީ ކުރެވިފައި ވޭތޯއާއި އަދި އޭގެތެރެއިން ރާއްޖެއިން ބޭރުގައި ދިރިއުޅެނީ ކިތައް ފަރާތްތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދީ އެންސްޕާއިން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދުނުމުގެ ޕްރޮގްރާމް މެދުވެރިކޮށް މި އަހަރުގެ މާޗު މަހުގެ ނިޔަ؛ަށް 675 ފަރާތަކަށް 25.4 މިލިއަން ރުފިޔާ ދޫކޮށްފައި ވާކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ:

  • 18 އަހަރުން ދަށުގެ 652 ފަރާތް (24.8 މިލިއަން ރުފިޔާ)
  • 18 އަހަރުން ދަށުގެ ކުދީންގެ ތެރެއިން ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ޚިދުމަތް ހޯދުމަށް އެހީ ފޯރުކޮށްދެވުނު 30 ފަރާތް (1.2 މިލިއަން ރުފިޔާ)

އެންސްޕާއިން އާޏްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދީންގެ ތެރެޕިއުޓިކް ފަރުވާއަށް މިދިޔަ އަހަރު ވަނީ 96.7 މިލިއަން ރުފިޔާ ޚަރަދުކޮށްފައެެވެ.

އޭގެތެރޭގައި ހިމެނެނީ:

  • 18 އަހަރުން ދަށުގެ 1031 ފަރާތް (94 މިލިއަން ރުފިޔާ)
  • 18 އަހަރުން ދަށުގެ ކުދީންގެ ތެރެއިން ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ޚިދުމަތް ހޯދުމަށް އެހީ ފޯރުކޮށްދެވުނު 54 ފަރާތް (4.2 މިލިއަން ރުފިޔާ)

ދާދި ފަހުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ކަންބޮޑުވުންތައް ބޮޑުވެފައި ވަނިކޮށް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި، އެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/204845

މިނިސްޓަރު ނާޒިމް ވަނީ އެފަދަ މީހުންނަށް ދެމުންދާ ތެރަޕީތަކާއި ސިއްހީ ހިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި، އެ މީހުންނަށް ފަރުވާ ހޯދުމުގެ ކަންކަމުގައި ކުރިއެރުން ހޯދުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

comment ކޮމެންޓް