މި އަހަރުގެ ފިޠުރު ޢީދާ ދިމާކޮށް ސިނަމާތަކަށް ގެންނަން ނިންމާފައިވާ ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު"ގެ ރޯލް އެކްޓަރު ކުޅެދީފައި ވަނީ 13.7 މިލިއަށް އެމެރިކާ ޑޮލަރަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ފްރީ ޕްރެސް ޖާނަލްގައި ބުނެފައިވާ ގޮތުގައި ސަލްމާން ޚާންއެކޭ އެއްގޮތަށް ފިލްމުގެ ކާސްޓުގައި ހިމެނޭ އެހެން ތަރިންތައް ވެސް މި ފިލްމުގެ ރޯލްތައް ކުޅެދީފައި ވަނީ ވަރަށް ބޮޑު ފީއަކަށެވެ.
އޭއާރް މުރުގަދޯސް ޑައިރެކްޓްކޮށް ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ "ސިކަންދަރު"ގެ ބަތަލާ ރަޝްމިކާ މަންދަންނާގެ ރޯލް ބަތަލާ ކުޅެދީފައިވާ އަގު 5.74 ލައްކަ ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރަޝްމިކާގެ އިތުރުން "ސިކަންދަރު"ގެ މުހިއްމު ރޯލްއިން ދެން ފެންނާނީ ސައުތު ބަތަލާ ކާޖަލް އަގަރްވާލްއެވެ. ކާޖަލް އަގަރްވާލް މި ފިލްމުގައި ފެންނާނީ ވަރަށް ކުޑަ ރޯލަކުން ނަމަވެސް ފިލްމަށް ބަތަލާ ހުށަހެޅި އަގު 3.45 ލައްކަ ޑޮލަރަށް އަރާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ސަލްމާން ޚާން އަދި ފިލްމު "ސިކަންދަރު"ގެ ބަތަލާ ރަޝްމިކާ--ފޮޓޯ/ބޮލީވުޑްހަންގާމާ
ބޮލީވުޑްގެ ގިނަ އެކްޓަރުންނަކީ ބޮޑު ބަޖެޓުން އުފައްދާ ފިލްމުތަކުން ފައިދާގެ ހޯދާ މީހުން ކަމަށް ވާއިރު ފިލްމު "ސިކަންދަރު"އަށް ފައިދާގެ ގޮތުގައި ލިބޭ އާމްދަނީ ހޯދުމަށް ސަލްމާން ހުށަހަޅާފައިވާ ކަމެއް އަދި ސާފެއް ނުވެއެވެ.
ސަލްމާން ޚާން ލީޑް ރޯލް ކުޅެފައިވާ ފިލްމެއް އެންމެފަހުން ސިނަމާތަކަށް އައިސްފައި ވަނީ 2023 ވަނަ އަހަރެވެ. އެއީ ވައިއާރްއެފްގެ ސްޕައިޔުނިވާސްއިން ގެނެސްދިން "ޓައިގާ 3"އެވެ.
މި މަހުގެ 28 ގައި ފިލްމު "ސިކަންދަރު" ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާއިރު މި ފިލްމުގެ ފުރަތަމަ ލަވަ ރިލީޒްކުރުމާ އެކު ޔޫޓިއުބް މެދުވެރިކޮށް މި ލަވަ ބެލި މީހުންގެ އަދަދު އެއް މިލިއަނަށް ވަނީ އަރާފައެވެ.