ސިޔާސީ ޙަރަކާތްތައް ހިންގަންވާނީ ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން ކަމަށް ބުނެ އެމްޑީޕީން ކުރިއަށްގެންދަ އިހުތިޖާޖުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިރޭ ބަޔާނެއް ނެރެފިއެވެ.
މިފަހުން އެމްޑީޕީން ވަނީ ސިލްސިލާ ގޮތެއްގައި މާލޭގައި އިހުތިޖާޖުތައް ބާއްވަން ފަށައިފައެވެ. އެކި އިދާރާތަކުން މިއަދު ބަޔާން ނެރެފައިވަނީ ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ބައިވެރިއަކު ދެއްކި ވާހަކައާ ގުޅިގެންނެވެ. އެ ވާހަކަ ނިސްބަތްކޮށްފައިވަނީ ރައީސްގެ ދަރިކަލަކަށެވެ.
އެ ކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައިވަނީ އެމްޑީޕީން މާލޭގައި މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގުމުގައި ވެސް ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޢަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށް ބުނެފައެވެ.
ޚާއްޞަކޮށް ސިޔާސީ ޙަރަކާތްތައް ރާވައި ހިންގުމުގައި، ޤާނޫނު ނަންބަރު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ޙައްޤުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަދެއްކުމާއި އެ ކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ ވާހަކަތައް ދެއްކުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ.
"ހަމައެހެންމެ، ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެންމެހާ ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދާއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިއުމާއި، ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށް ނަސޭޙަތްތެރިވަމެވެ،" ބަޔާނުގައިވެއެވެ.
އެ ކޮމިޝަނުން ބުނީ ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް ކޮމިޝަނުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށެވެ.