ޖޭއެސްސީއަށް ސުޕްރީމް ކޯޓުން ފަނޑިޔާރު ޝަހީދު ހަމަޖައްސައިފި

ފަނޑިޔާރު ޝަހީދު، ރައީސް މުއިއްޒާ އެކު: ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ޝަހީދު ހަމަޖައްސަންވަނީ ނިންމާފައި -- ފޮޓޯ/ ރައީސް އޮފީސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސުޕްރީމް ކޯޓު ތަމުސީލުކުރައްވާ ފަނޑިޔާރަކަށް، އެ ކޯޓަށް އެންމެ ފަހުން އައްޔަންކުރެއްވި ފަނޑިޔާރު ހުސައިން ޝަހީދު ހަމަޖައްސަން އެ ކޯޓުން މިއަދު ނިންމައިފިއެވެ.

މީގެ ކުރިން ޖޭއެސްސީގައި އެ ކޯޓު ތަމުސީލުކުރެއްވީ ފަނޑިޔާރު ހުސްނުއްސުޢޫދެވެ. އެކަމަކު، އޭނާ ވަނީ ޖޭއެސްސީން ސަސްޕެންޑުކުރުމުން މަގާމުން އިސްތިއުފާދެއްވައިފައެވެ.

އެހެންވެ، ސުއޫދު އިސްތިއުފާދެއްވުމުން މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަން ފޮނުއްވައި، މަޖިލީހުން ފާސްކުރެއްވުމުން އެ މަގާމަށް އައްޔަންކުރީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގައި ހުންނެވި ޝަހީދެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މި މަހު 19 ގައެވެ.

ސުޕްރީމް ކޯޓުގެ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ، ޖޭއެސްސީގައި އެ ކޯޓު ތަމުސީލުކުރާ ފަނޑިޔާރަކަށް ޝަހީދު ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

ޝަހީދު ވަނީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިފައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ވެސް އޭނާ ހާސިލުކުރައްވައިފައިވެއެވެ.

https://sun.mv/203886

މީގެ ކުރިން ޝަހީދު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި:

  • އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން
  • ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމު
  • ކްރިމިނަލް ކޯޓުގެ ގާޒީކަން
  • ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމު

ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހެވެ. ހައިކޯޓުގެ އިސް ފަނޑިޔާރުގަކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ އޮކްޓޫބަރު 30، 2023 ގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހުސްވީ މިދިޔަ މަހުގެ 26އިން ފެށިގެން ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު މި މަހުގެ ހަތަރުވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުއޫދާ އެކު ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވެސް ސަސްޕެންޑުކުރިއެވެ. އެއީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތިން ފަނޑިޔާރުންގެ ޖިނާއީ މައްސަލަ ބަލައި ކަމަށް ބުނެއެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި ޕާޓީން ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން އަންނަނިކޮށެވެ.

https://sun.mv/203885

ތިން ފަނޑިޔާރުން ސަސްޕެންޑުކުރި ދުވަހު މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ބިލެއް ފާސްކޮށްފައެވެ. އެކަމަކު، އެ ބިލުގައި ގާނޫނުއަސާސީއާ ފުށޫ އަރާ ކަންތައްތަކެއް ހުރި ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ލަފާ ދެއްވުމުން ރައީސް ވަނީ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލައްވައިފައެވެ.

އެ ބިލަށް ގާނޫނީ ދާއިރާގެ އިތުރުން ޕީއެންސީގެ މެންބަރުންތަކެއްގެ ވެސް ފާޑުކިޔުން އަމާޒުވެފައިވާއިރު، އެ ޕާޓީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ނިންމީ އަނެއްކާ ވެސް ބިލު ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށެވެ.

އިދިކޮޅުން ވަނީ ސަރުކާރުން އެ ފިޔަވަޅުތައް އަޅަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކަމަށް ތުހުމަތުކޮށްފައެވެ. އަދި، ސުއޫދާއި އަޒްމިރަލްދާ ވެސް ވަނީ ސަރުކާރުން މަސައްކަތް ކުރަނީ ކޯޓަށް ނުފޫޒު ފޯރުވައިގެން ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އަޒްމިރަލްދާއާއި މަހާޒު އަދިވެސް ތިއްބެވީ ސަސްޕެންޝަންގައެވެ. އެ ބޭފުޅުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

އެ މައްސަލަ ސުއޫދުގެ ފަރާތުން ވަނީ އދ. އާއި ކޮމަންވެލްތަށް ވެސް ހުށަހަޅާފައެވެ.

comment ކޮމެންޓް