ތަޢުލީމާއި އަޅުގަނޑުމެންގެ ދިރިއުޅުން

މާލޭ ކަލާފާން ސްކޫލުގެ އެސެމްބްލީއެއް ތެރެއިން -- ސަން ފޮޓޯ

މިއަދަކީ ދަރިވަރުންނާއި ބެލެނިވެރިންނަށް ސްކޫލުތަކުން އައު އަހަރަށް މަރުހަބާ ކިޔާ ދުވަހެވެ. މުދައްރިސުންނާއި ސްކޫލުގެ ހިންގުންތެރިން އެ މީހުންގެ މާތް މަތިވެރި ޚިދުމަތްތައް އަލުން ފައްޓަވާ ދުވަހެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި ތަޢުލީމު އުނގަންނައި ދިނުމަކީ އެންމެ މާތް އެއް މަސައްކަތެވެ. ތަޢުލީމަކީ އިންސާނުން ރޯފިލުވާ ހަކަތައެވެ. މި ހަކަތަ ލިބުން ހުއްޓިއްޖެއްޔާ އެ މުޖުތަމަޢެއްގެ ދުވެލި މަޑުޖެހެންފަށައެވެ.

ކަމެއްނެތި ހުއްޓި ތިބޭ މީހުން ގިނަވެ، ނުފެށި ނުދާނޭ އިޖްތިމާޢީ އެތައް ބަލިމަޑުކަމެއް ފާޅުވާން ފަށައެވެ. މި ރާއްޖެ ދުށް އެންމެ ތަޢުލީމީ އެއް ބޭފުޅާ ކަމުގައިވާ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ލިޔުއްވައިފައިވާ ފަދައިންނެވެ. "ތަޢުލީމު ނެތަމަ ތާކު ޒަމާނާ އެކުވެގެން ތަން ދާނެއެ ބުއްދީގެ މަގުން އެއްކިބާވެގެން"

އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެ ތަޢުލީމީ ސަފުގައި މިއަދު ހޯދަމުން އަންނަ ކުރިއެރުންތަކާއި ކާމިޔާބީގެ ކުރިބޯށިތަކަކީ އޭރުގެ ޢިލްމީ ބޭބޭފުޅުން މި ރާއްޖޭގެ މީހުންގެ ހިތްތަކުގައި އަޅުއްވައިދެއްވި ތަޢުލީމީ ބިންގަލެވެ. ޢިލްމަށް ލޯބިޖެއްސެވުމަށް ކުރެއްވި މިންނެތް މަސައްކަތްޕުޅެވެ. ޒަމާނީ އޮއިވަރުތަކުގައި ޖެހި ހެއްލިގެއްލި ނުދާނޭހެން ޅަ ހިތްތަކުގައި އާރޯކުރެއްވި އިސްލާމީ ތަޢުލީމެވެ. މި ދީނުގެ އަޤީދާއެވެ. މަތިވެރި އަޚުލާޤެވެ. ރިވެތި މުޢާމަލާތެވެ. އިޙްތިރާމާއި ޤަދަރުކުރުމެވެ.

މާޒީގެ ސަފުހާތަކަށް ބަލާއިރު ދިވެހިރާއްޖޭގައި ދެމުން އައި އެންމެ އިސް ޢިލްމަކީ ދީނީ ޢީލްމަވެ. އިސްލާމީ ރިވެތި ދިރިއުޅުމަށް މަގުފަހިކުރުވާ ޢިލްމެވެ. އެ މަންހަޖުގެ ތެރޭ އުނގެނި ތަރުބިއްޔަތު ވެގެން ނުކުންނަ ދަރިވަރުން ވެގެންދިޔައީ ރާއްޖޭގައްޔާއި ރާއްޖެއިން ބޭރުގައި ރަންވަނަތައް ހޯދި ކުދިންނަށެވެ. ބޭރުގެ ޔުނިވަރސިޓީތަކުން ޖާގަ ލިބުނު ކޮންމެ ދިވެހި ދަރިވަރެއް ފަޚުރުވެރި އެއްވަނަ ހޯދައި އެންމެ މަތީ ދަރަޖައިން ފާސްވެގެން ރާއްޖެއަށް ރީތި ނަން ގެނެސްދެއްވީ ތަރުބިއްޔަތުގެ ތެރެއިން މި ދެންނެވި އަސާސީ ބިންގާ އެ ކުދިންގެ ތަޢުލީމީ ޙަޔާތުގައި އަޅައިދެވިފައި އޮތީމައެވެ.

ދިވެހިންގެ ސަޤާފަތާއި އިސްލާމްދީނުގެ ޙުކުމްތަކާ ބީރައްޓެހި އެތައް ކަމެއް ހިނގަނމުންދާ މުޖުތަމަޢުތަކުގައި ތަޢުލީމު ޙާޞިލުކުރަމުން ގެންދެވި ދިވެހި ދަރިވަރުން އެ ދުވަހު ދެއްކެވީ ޢިލްމީ އެންމެ ރިވެތި ނަމޫނާއެވެ. އެ މީހުންގެ ދީނާ އެ މީހުންގެ ޘަޤާފަތާ ނުގުޅޭ ކޮންމެ ކަމަކަށް ނޫނެކޭ ބުނަމުން ދިޔައީ އަނެކާއަށް ވެސް އިޙުތިރާމުކުރަމުންނެވެ. ހަރުކަށިކަމެއް ނެތި އޯގާތެރި ހިތަކުން ދީނީ ސާބިތުކަން ދައްކަވަމުންނެވެ. ޘަޤާފީ އެކިއެކި އެއްވުންތަކުގައި ތަމްސީލުކުރަމުން ގެންދެވީ ވަޠަނީ ލޯބި އޭގެ އެންމެ ފުންމިނުން ނެރެ ހާމަކުރައްވަމުންނެވެ. މިއީ ތަރައްޤީއެވެ. މިއީ ތަހުޒީބެވެ. މިއީ ތަމައްދުނެވެ.

މިއަދު ބޭރުގެ ޤައުމުތަކުގައި ތަޢުލީމު ހާޞިލުކުރަމުން އަންނަ ދިވެހި ދަރިވަރުންގެ ތެރެއިން މަދުން ނަމަވެސް ނޭދެވޭ ނޭއްގާނީ ޢަމަލުތައް ހިނގާކަމުގެ ރިކޯޑުތައް ޚަބަރު ފަތުރާ ވަޞީލަތްތަކުން ގެންދަނީ ރިޕޯޓުކުރަމުން ނޫންތޯއެވެ؟ މަސްތުގެ ހާލަތުގައި ވަނިކޮށް ހިފެހެއްޓުމާއި، އޭގެ ވިޔަފާރީގައި އުޅެނިކޮށް ހައްޔަރުކުރާ ދަރިވަރުންގެ ވާހަކައިން މި ޤައުމު ލަދުގަންނަން ޖެހޭ ފަހަރުތައް ވެސް އެބައާދެއެވެ. "ތަޢުލީމު ނެތަމަ ތާކު ޒަމާނާ އެކުވެގެން ތަން ދާނެއެ ބުއްދީގެ މަގުން އެއްކިބާވެގެން" މިއީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ވިދާޅުވެފައިވާ ހާދަހައި ބޮޑު ތެދުފުޅެކެވެ. ތަޢުލީމު ނެތިދިޔައީއެވެ. މާއްދީ މުދަލުގެ ލޯބި، ބުއްދީގެ ފިކުރީ މުދަލުގެ މައްޗަށް އިސްވީއެވެ.

ޒަމާނުގެތެރެއިން ދެއްކި އެންމެ ނުބައި ހުވަފެނަކީ މާއްދިއްޔަތުގެ ހުވަފެނެވެ. މުދާވެރިކަމުގެ ރޭހުގައި ކުރިއަރައިދިޔުމުގެ އަހައްމިއްޔަތެވެ. އަމިއްލަ ނަފުސުގެ މާއްދީ ތަނަވަސްކަމުގައި ކުރިއަރައި ހިނގައިދާންވީ ސަބަބުތަކާއި އޭގެން ނުކުންނޭ ކަމަށް ބެލެވޭ ނަތީޖާއެވެ. އެ ކަންކަމަށް ކުރާނެ ހޭދައެވެ. ލިބޭގޮތް ނެތިއްޔާ ލޭންދޭނަށް ލޯނުނަގައިގެން ވެސް އޭގެ ފަހަތުން ދުވާނެ ހިތްވަރެވެ. މާއްދިއްޔަތުގެ ރޭހުގައި އެންމެ ކުރިޔަށް ދެވޭނެ ކަމަށް ކޮންމެ މީހަކު ދެކިގެން ލޯނުތަކުގައި ތާށިވުމުގެ ނަތީޖާއަކަށް ވީ، އެހެން މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލައި ތިމާ އެޅިފައިވާ ކަސްތޮޅުން ސަލާމަތްވުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމެވެ.

އެއްބަނޑު ތިމާގެކަމުގެ ގުޅުމަށް ބުރޫ އެރިއްޔާ އެރީއެވެ. ރައްޓެހި ރަޙުމަތްތެރިން ގެއްލުނިއްޔާ ގެއްލުނީއެވެ. މައިންބަފައިންނާ ވަކިވާންޖެހިއްޖެއްޔާ އެކަން ވެސް ކުރާންތިބީ ތައްޔާރަށެވެ. މިއީ ތަހުޒީބެއް ނޫނެވެ. ކުރިއެރުމެއް ވެސް ނޫނެވެ. މިއީ ވާވަނުމެވެ. ހިޔަންޏަށް މުޑިނެގުމެވެ.

މިއަދު މިފެށޭ ތަޢުލީމީ އައު އަހަރުގައި، ޙަޤީޤީ މާނައިގައި އަޅުގަނޑުމެން ޢިލްމުވެރިވާން ޖެހެއެވެ. އަމިއްލަ ނަފުސުން އެކަން ފެންނަށް ޖެހެއެވެ. ތިމާގެ އަމިއްލަ ނަފުސުގެ އެދުންތައް ފަހަތައް ޖައްސައި ޢާއިލާއާއި މުޖުތަމަޢުގެ މަސްލަހަތު އިސްކުރަންވެއްޖެއެވެ. ދިވެހިރާއްޖެ މި ރާއްޖޭގެ ގޮތުގައި ދެމިއޮތް އަސާސީ ސަބަބު ކަމުގައި ވާ އިސްލާމްދީން ނަގަހައްޓާނޭ ދަރިންނަށް އަޅުގަނޑުމެން ވާން އެބަޖެހެއެވެ. ޢުމްރާނީ ތަރައްޤީގެ ވަޞީލަތްތައް ބޭނުންކުރާ މީހުންނަކީ ނަފްސާނީ ދުޅަހެޔޮކަމާއި އިންސާނީ ތަރައްޤީ އައިސްފައި ތިބޭ ބަޔަކަށް ވާންޖެހެއެވެ.

އަޅުގަނޑުމެން މުސްލިމުންގެ ތެރެއިން ޢިލްމުހޯދައި އުނގެނި އުޅޭ މީހުންނަކީ އެންމެންގެ ކުރިމަތީގައި ޤަދަރު އުފުލޭނޭ މީހުންނެވެ. އެއީ ދުނިޔޭގައި ޝަރަފު ލިބިގެންވާ މީހުންނެވެ. ﷲ ހަޟްރަތުގައި ދަރަޖަ މަތިވެރިވެގެންވާ މީހުންނެވެ. އެފަދަ މީހުންގެ ދަރަޖަ އެހެން މީހުންގެ ތެރޭގައި ވެސް ﷲ އެހެން އުފުއްލަވާނެތެވެ. ﷲ سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައި ވެއެވެ. ﴿يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ‏﴾ ‎( المجادلة: ١١) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާ މީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އަޅުގަނޑުމެންގެ ޢިލްމީ ޙަޔާތުގައި ބަރަކާތް ލައްވާނދޭވެ! ޢިލްމު އުނގެނުމަށް ލޯބިކުރާ މީހުންގެތެރެއިން އަޅަމެން ލައްވާނދޭވެ! ލިބޭ ޢިލްމަށް ޢަމަލުކުރުމުގެ ތައުފީޤުދެއްވާނދޭވެ! އުނގަންނައިދެއްވާ މުދައްރިސުންނަށް އިޙްތިރާމުކުރުން ދަރިވަރުންގެ ހިތްތަކުގައި ބޮޑުކުރައްވާނދޭވެ! މުދައްރިސުންގެ ހިތްތަކުގައި ދަރިވަރުންގެ މައްޗަށް ލޯބި އިތުރުކުރައްވާނދޭވެ! ޢިލްމީ ކުރިއެރުންތަކަށް މަގުފަހިކުރައްވާނދޭވެ! آمين.

comment ކޮމެންޓް