އަލީ ރަމީޒާއި ދަގަނޑޭ ގުޅިގެން ސްޕޯޓްސް އެކެޑަމީއެއް ހުޅުވަނީ

އަލީ ރަމީޒާއި ދަގަނޑޭ ގުޅިގެން ސްޕޯޓްސް އެކަނޑަމީއެއް ހުޅުވަނީ -- ފޮޓޯ/ އަލީ ރަމީޒް: ފޭސްބުކް

އަލީ ރަމީޒުގެ މަންފާ ޖަމިއްޔާއިން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އާ ގުޅިގެން ސްޕޯޓްސް އެކެޑަމީއެއް ހުޅުވަން ނިންމައިފިއެވެ.

މަންފާ ޖަމިއްޔާގެ ސްޕޯޓްސް އެކެޑަމީއެއް ވަރަށް އަވަހަށް ވުޖޫދަށް އަންނާނެ ކަމަށް އަލީ ރަމީޒު އިއުލާނުކޮށްފައި ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައެވެ.

އެ ފޭސްބުކް ޕޯސްޓުގައި އަލީ ރަމީޒު ވަނީ އެކެޑަމީގެ ކަންކަމާ މިވަގުތު އެންމެ އިސްކޮށް ހަވާލުވެ ހުރީ މަޝްހޫރު ވޮލީބޯޅަ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ ކޯޗު) ކަމަށް ބުނެފައެވެ.

"ސަން"އާ ވާހަކަ ދައްކަމުން ކާއްޓޭ ބުނީ މި އެކެޑަމީއަކީ ހުރިހާ ކުޅިވަރުތަކަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާނެ އެކެޑަމީއެއް ކަމަށެވެ.

އޭނާ ބުނީ އެ އެކެޑަމީގެ މަގުސަދަކީ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތީން މުޅި ރާއްޖޭގައި ކުޅިވަރު ދިރުވައި އާލާކުރުން ކަމަށެވެ. އަދި ފުރަތަމަ އެކެޑަމީން ކުރިއަށްގެންދާނީ ފުޓުބޯޅައާއި ފުޓްސެލްގެ އިތުރުން ވޮލީބޯޅަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަޅުގަނޑުމެން އަމާޒު ހިފާފައި މިހިރީ އަސްލު މާލެއަށްވުރެ ބޮޑަށް އަތޮޅުތެރޭގެ ރަށްތަކަށް. އެއީ ކޭމްޕް ސްޓައިލެއްގެ އެކެޑަމީގެ ހަރަކާތްތައް ކުރިއަށްގެންދަން." ކާއްޓޭ ބުންޏެވެ.

ކާއްޓޭ ބުނީ މިހާރު ކުރިއަށްދަނީ އެކެޑަމީގެ ހިންގާ ކޮމެޓީއެއް ފާސްކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ނިމުމާއެކު ފުރުސަތުތައް ހުޅުވާލާނެ ކަމަށެވެ. އަދި އެކެޑަމީ ހުޅުވަން އުޅޭކަން އިއުލާނު ކުރުމުން މިހާރު ވެސް ގިނަ ރަށްރަށުން ޝައުގުވެރިކަން ފާޅުކޮށްފައި ވާކަމަށް ކާއްޓޭ ބުންޏެވެ.

"ވަރަށް އަވަހަށް، އިރާދަކުރެއްވިއްޔާ މި މަހުގެ ފަހުކޮޅު އަޅުގަނޑުމެން ހިންގާ ކޮމެޓީ އެކުލަވާލައި ރަސްމީކޮށް އެކެޑަމީ ހުޅުވަން ހަފުލާއެއް ބާއްވާނަން. އެއަށްފަހު ހުޅުވާލާނަން ފުރުސަތުތައް." ކާއްޓޭ ބުންޏެވެ.

މަންފާ ޖަމިއްޔާއަކީ މީގެ ދެ މަސް ދުވަސް ކުރީން އަލީ ރަމީޒު އިސްކޮށް ހުރެ ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާއެކެވެ.

https://sun.mv/202038

"ސަން"އާ ވާހަކަ ދައްކަމުން އޭރު އަލީ ރަމީޒު ބުނީ އެ ޖަމިއްޔާއަކީ ދީނީ ދައުވަތުތައް ދިނުމާއި، އިޖުތިމާއީ މަސައްކަތް ކުރުމުގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް އުފެއްދި ޖަމިއްޔާއެއް ކަމަށެވެ.

comment ކޮމެންޓް