ގައުމީ ވޮލީބޯޅަ ލީގުގައި ޕޮލިސް ކުލަބް ކުޅުނު ތިންވަނަ މެޗުގައި ސިޓީ ފްރެންޑްސް ކުލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައި، ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕާ ގާތަށް ޖެހިލައިފިއެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓުތައް، ޕޮލިސް ކުލަބުން ގެންގޮސްފައި ވަނީ 14-25، 19-25 އަދި 23-25 އިންނެވެ.
ތިން ސެޓު ވެސް ފެށިފައި ވަނީ ވާދަވެރިކޮށް ނަމަވެސް މުޅި މެޗުގައި ވެސް ޖުމްލަ ގޮތެއްގައި ފެނިފައި ވަނީ ޕޮލިސް ކުލަބުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، މެޗު ޑޮމިނޭޓުކުރި ތަނެވެ. ވަކިން ޚާއްސަކޮށް ފުރަތަމަ ސެޓުގައި ސީއެފްސީއަށް ރަނގަޅަށް ކުޅެލަން ފުރުސަތެއް ނުދީ، ޕޮލިސް ކުލަބުން ދިޔައީ ކައިރިކައިރީގައި ގިނަ ޕޮއިންޓުތަކެއް ހޯދަމުންނެވެ.
ނަމަވެސް ދެވަނަ ސެޓުގައި ސީއެފްސީގެ ކުޅުން ވަރަށް ބޮޑުތަނުން ރަނގަޅުކޮށް، ޕޮލިސް ކުލަބުގެ މައްޗަށް އެޓީމުން އެކި ފަހަރު މަތިން ލީޑު ކޮށްފައި ވެސް ވެއެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ޕޮލިސް ކުަލަބާއި ސީއެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާންސެޓަކަށްފަހު ސެޓެއް ކުޅުން ރަނގަޅުކޮށް، ތިންވަނަ ސެޓުގައި ސީއެފްސީން ޕޮލިސް ކުލަބުގެ މައްޗަށް ގިނައިރު ވަންދެން ރަނގަޅު ލީޑެއް ހިފަހައްޓައިގެން އޮތެވެ. ނަމަވެސް ސީއެފްސީން މި ސެޓު ކާމިޔާބުކޮށްފާނެހެން ހީވާން ފެށުމާއެކު ޕޮލިސް ކުލަބުން ވަނީ ފަހަތުން އަރައި މެޗު ނިންމާލާފައެވެ.
މިއާއެކު ސީއެފްސީ ކުޅުނު ތިން މެޗުންވެސް ބަލިވެ، ގާތްގަނޑަކަށް މުބާރާތާ ވަކިވެފައިވާއިރު، ޕޮލިސް ކުލަބު ކުޅުނު ތިން މެޗުން ދެ މެޗު ކާމިޔާބުކޮށް، އެޓީމަށް މިވަނީ ގައުމީ ޗެމްޕިއަންޝިޕުގެ ކޮޅުމަތި ފެންނަން ފަށާފައެވެ.
ގައުމީ ލީގުގެ އަންހެން ޑީވިޝަނުގެ މެޗެއް ދެން އޮންނާނީ އާދީއްތަ ދުވަހުއެވެ. އެދުވަހު ހަވީރު ބައްދަލުކުރާނީ ހުރާ ކޮމިއުނިޓީ ކުލަބާއި ސިޓީ ފްރެންޑްސް ކުލަބެވެ. އަދި އެރޭ ބައްދަލުކުރާނީ ކުލަބް ވެމްކޯ އާއި ކުލަބް އެމްޓީސީސީއެވެ.
މާދަމާ ކުޅޭނީ ގައުމީ ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ މެޗުތަކެވެ. އެގޮތުން ފުރަތަމަ މެޗުގައި ކުލަބް އެމްޓީސީސީ އާ ދެކޮޅަށް ކުލަބް އެޗްޑީސީ ނުކުންނައިރު، ދެވަނަ މެޗުގައި ޕޮލިސް ކުލަބް ނުކުންނާނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ.
މުބާރާތުގެ ހުރިހާ މެޗެއްވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.