ދެވަނަ މެޗުގައި ހުރާ ބަލިކޮށް، ވެމްކޯއިން ޗެމްޕިއަންޝިޕާ ގާތަށް

ގައުމީ ވޮލީބޯޅަ ލީގުގައި ކުލަބް ވެމްކޯ އާއި ހުރާ ކޮމިއުނިޓީ ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ކުލަބް ވެމްކޯ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް، އެ ޓީމުން ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕާ ގާތަށް ޖެހިލައިފިއެވެ.

މުބާރާތުގައި އެ ޓީމު ކުޅުނު ދެވަނަ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބާ ވާދަކޮށް، ވެމްކޯއިން މެޗު ކާމިޔާބުކޮށްފައި ވަނީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގައި ވެމްކޯއިން ސެޓުތައް ގެންގޮސްފައި ވަނީ 18-25، 22-25، 10-25 އަދި 22-25 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު، ފަސޭހަކަމާއެކު ވެމްކޯއިން ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓުގައި ހުރާއިން ވަނީ އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. ވެމްކޯއަށް ރަނގަޅު ލީޑެއް ހިފަހައްޓަން ފުރުސަތު ނުދީ، ފަހަތުން އަރައި ހުރާއިން ވަނީ ދެވަނަ ސެޓު ގެންގޮސްފައެވެ.

ގައުމީ ވޮލީބޯޅަ ލީގުގައި ކުލަބް ވެމްކޯ އާއި ހުރާ ކޮމިއުނިޓީ ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ތިންވަނަ ސެޓުގައި ފެނިގެންދިޔައީ ފުރަތަމަ ސެޓަށް ވުރެ ވެސް ބޮޑަށް ވެމްކޯއިން ޑޮމިނޭޓުކުރި ތަނެވެ. ހުރާއިން ދެވަނަ ސެޓުގައި ދެއްކި ކުޅުން ތަކުރާރުކުރިޔަ ނުދީ، ސެޓު ފެށުނު ހިސާބުން ފެނިގެންދިޔައީ ވީހާވެސް އަވަހަކަށް ސެޓު ނިންމާލަން ވެމްކޯއިން މަސައްކަތްކުރި ތަނެވެ. ހަތަރުވަނަ ސެޓުވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި ސެޓު ވެސް ކާމިޔާބުކުރާނެ ޓީމެއް އެންމެ ފަހު ވަގުތާ ހަމައަށް ވެސް ލަފާކުރަން ނޭނގުނެވެ.

މި ނަތީޖާއާއެކު، ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެން ވެމްކޯއިން މިވަނީ ގައުމީ ޗެމްޕިއަންޝިޕާ ގާތަށް ޖެހިލާފައެވެ. އަނެއްކޮޅުން ހުރާ ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ، އެ ޓީމު މިވަނީ އުނދަގޫ ހާލަތަކަށް ވެއްޓިފައެވެ.

މުބާރާތުގައި ކުރިއަށް އޮތީ މިރޭ ޕޮލިސް ކުލަބާއި ސިޓީ ފްރެންޑްސް ކުލަބް ބައްދަލުކުރާ މެޗެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.

comment ކޮމެންޓް