ބީއެމްއެލް އެކައުންޓުތަކަކުން ދެ ފަހަރަށް ފައިސާ ކެނޑުނު މައްސަލަތައް ހައްލުކޮށްފި

މީހަކު ކާޑަކުން ފައިސާ ދައްކަނީ: ބީއެމްއެލްގެ އެކައުންޓުތަކަކުން ދެ ފަހަރަށް ފައިސާ ކެނޑުނު މައްސަލައެއް ވަނީ ފެންމަތިވެފައި --- ފޮޓޯ/ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓުތަކަކުން އިތުރަށް ފައިސާ ކެނޑުނު މައްސަލައެއް ދިމާވި ނަމަވެސް، އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.

ބީއެމްއެލްގެ ކަސްޓަމަރުން ވަނީ، ބައެއް މުއާމަލާތްތައް ކުރުމުން ދެ ފަހަރަށް ފައިސާ ކެނޑުނު ކަމަށް ބުނެ، އެކަމުގެ ޝަކުވާތައް ސޯޝަލްމީޑިއާގައި ކޮށްފައެވެ. އަދި، ބައެއް މުއާމަލާތްތަކުގެ ޓްރާންސެކްޝަންތައް ޕެންޑިންވެ، ބައެއް އެކައުންޓުތަކުން ފައިސާ މަދުވެފައިވާ ކަމުގެ ޝަކުވާ ވެސް ބައެއް މީހުން ކޮށްފައިވެއެވެ.

އެކްސްގައި ކޮށްފައިވާ އެފަދަ ޝަކުވާއަކަށް ދިން ޖަވާބުގައި ބީއެމްއެލްއިން ބުނީ، ބައެއް މުއާމަލާތްތައް ޕްރޮސެސް ކުރުމުން ޕެންޑިންއަށް ގޮސްފައިވާ ކަމަށެވެ. އެހެންވެ، އެކައުންޓުގައި ޖުމުލަ ފައިސާ ހުރި އަދަދު ބަދަލުވި ކަމަށް އެ ބެންކުން ބުނެފައިވެއެވެ.

އެ މައްސަލަ ދިމާވި ސަބަބު ބަލައި، މިހާރު އެކަން ހައްލުކޮށްފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މިކަމުގައި މިހާތަނަށް ބީއެމްއެލްގެ ބަހެއް "ސަން"އަށް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް