ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ސިނގިރޭޓު ކާޓަންތަކެއް ނެރުނު މައްސަލައިގައި ފުލުހުންގެ އިސް އޮފިސަރުންތަކަކަށް ތުހުމަތުކުރާތީ، އެކަމުގެ ހަގީގަތް ބަލަން ފަށައިފިއެވެ.
މި މައްސަލައިގައި ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެ ކާޓަންތައް އަތުލައިގަތީ ވީއައިއޭގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގުތަކެެއް ޗެކު ކުރި އިރުގައި ކަމަށެވެ.
މި ކަމާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު "ސަން"އަށް ދެއްވަމުން ހޯމް މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު ވިދާޅުވީ، އެ މައްސަލައިގައި ފުލުހުންގެ އިސް އޮފިސަރުންތަކަކަށް ތުހުމަތުކުރެވޭތީ އެކަން ބަލަން ފަށާފައިވާ ކަމަށެވެ.

ވަގަށް ސިނގިރޭޓު ބޭރުކުރި މައްސަލައިގައި ހައްޔަރުކުރި އައިހަމް ---- ފޮޓޯ/ ފުލުހުން
އެގޮތުން، ސިނގިރޭޓު ބޭރުކުރުމުގައި ބައެއް ވެރިންގެ ބައިވެރިވުން އޮތް ކަމަށާއި އެކައުންޓުތަކުގައި ގިނަ އަދަދަކަށް ފައިސާ ދައުރުކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރެއެވެ. އެ ކަންކަން ވެސް ބަލަމުން އަންނަ ކަމަށް ރިފާތު ވިދާޅުވިއެވެ.
އެ މައްސަލައިގައި މިދިޔަ މަހު 25ގައި ހައްޔަރުކުރިއެވެ. އެއީ މ. ސިލްވާނެސްޓް އަހުމަދު އަފްސަލާއި ދަފުތަރު ނަންބަރު ރސ. 14358 ޔޫސުފް ނަޒީރެވެ.

މައްސަލައިގައި ހައްޔަރުކުރި ދެމީހުން: އޭގެތެރެއިން ނަޒީރު ވަނީ ސަސްޕެންޑުކޮށްފައި ---- ފޮޓޯ/ ފުލުހުން
އޭގެތެރެއިން ނަޒީރަކީ ފުލުހެއް ކަމަށްވާއިރު، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ވަނީ ދޫކޮށްލައިފައެވެ. އެ މައްސަލައިގައި ޔޫސުފް ނަޒީރު ވަނީ، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފައެވެ.
އޭގެފަހުން، ނ.ވެލިދޫ، ގަސްކަރަ މުޙައްމަދު އައިހަމް (23އ) ހައްޔަރުކުރިއެވެ.އެނގިފައިވާ ގޮތުގައި އެއީ ސިފައިންގެ މީހެކެވެ. އޭނާ ޑިއުޓީ އަދާކުރަނީ އެއާޕޯޓުގައެވެ.
ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅުނު ކަމަށް ބުނި ނަމަވެސް ސީދާ ވަކި އަދަދެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ސިނގިރޭޓުން ނަގައި ޑިއުޓީއާއި ފީތައް ވެސް ބޮޑުކޮށްފައިވާއިރު ސިނގިރޭޓުގެ އަގު ވަނީ ދެގުނަ ބޮޑުކޮށްފައެވެ. އަދި، ވޭޕް ވެސް މި ސަރުކާރުން ވަނީ މަނާކޮށްފައެވެ.
އެކަމަކު، ސިނގިރޭޓުގެ އަގު ބޮޑުވުމާ އެކު 'ވަގަށް' އެތެރެކޮށްގެން ސިނގިރޭޓު ވިއްކާކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.