ވޮޝިންޓަން (9 އެޕްރީލް 2025): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އުފަން ދުވަހުގެ މުނާސަތުގައި އެމެރިކާ ސިފައިންގެ ލަޝްކަރުތަކުގެ ބޮޑު ޕެރޭޑެއް ވެރިރަށް ވޮޝިންޓަނުގައި ބާއްވާގޮތަށް ރާވަމުންދާކަން ވައިޓް ހައުސް އިން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އަށް އަންގައިފި ކަމަށް އެމެރިކާގެ މިޑީއާތަކުން ބުނެފިއެވެ.
އެމެރިކާގެ ނޫސްތައް ބުނާގޮތުން ރައީސްގެ އުފަންދުވަހުގައި ސިފައިންގެ ޕެރޭޑް ބޭއްވުމަކީ އެމެރިކާއަށް އަދި ވަރަށް އައުކަމެކެވެ. ނަމަވެސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގައިވަނީ އުތުރު ކޮރެއާ ފަދަ ގައުމުތަކުގައި އޮންނަ ގޮތަށް ވެރިމީހާ މުގައްދަސްކޮށް އޭނާއަށް "އަޅުކަން ކުރުމުގެ" ސަގާފަތެއް އަލަށް ތަޢާރަފްވާން ފަށާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ނޫސްތައް ބުނާގޮތުން މި ޕެރޭޑް ބާއްވަން ޓްރަމްޕް އާއި އޭނާގެ ޓީމުން ރާވާފައިވަނީ އެމެރިކާގެ ސިފައިންގެ ލަޝްކަރުތައް އުފެއްދި ތާރީޚު ނުވަތަ ސިފައިންގެ އަހަރީ ދުވަސް ޓްރަމްޕްގެ އުފަންދުވަހާ ދިމާވާތީ އެކަން ބަހަނާއަކަށް ހަދައި ގެންނެވެ.
ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވާލައިގެން އެ ދުވަސް ފާހަގަ ކުރުމުގެ ނަމުގައި ސިފައިން ހަތިޔާރާއެކު ބޮޑު ޕެރޭޑެއް ބާއްވައިގެން ޓްރަމްޕްގެ އުފަން ދުވަސް ކުލަ ގަދަގޮތެއްގައި ފާހަގަ ކުރާގޮތަށެވެ.
އެހެން ގައުމުތަކާ ޚިލާފަށް އެމެރިކާއަކީ އަސްކަރީ ޕެރޭޑްތައް ބާއްވާ ގައުމެއް ނޫނެވެ. އެމެރިކާ ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން ވެސް އަދި އެނޫންވެސް އެމެރިކާގެ އަސްކަރީ އަދި ގައުމީ މުނާސަބަތުތަކާ ގުޅުވައިގެން ވެސް އެމެރިކާއަކީ އަސްކަރީ ޕްރޭޑްތަކާއި ރޫޓްމާޗްތައް ވަރަށް ނާދިރުގޮތެއްގައި ނޫނީ ބާއްވާ ގައުމެއް ނޫނެވެ.
އެންމެ ފަހުން އެމެރިކާގައި އަސްކަރީ ޕެރޭޑެއް ބާއްވާފައިވަނީ 1991 ވަނަ އަހަރު އިރާގާ ދެކޮޅަށްކުރި ގަލްފު ހަނގުރާމައިގެ އިރާގުގެ މައްޗަށް ކާމިޔާބު ހޯދިކަމަށް އެމެރިކާ ބުނާ މުނާސަބާ ފާގަހަކުރުމުގެ ގޮތުންނެވެ.
އޭގެ ކުރިން އެމެރިކާގައި އަސްކަރީ ޕެރޭޑެއް ބާއްވާފައިވަނީ 1961 ވަނަ އަހަރު ޖޯން އެފް ކެނެޑީގެ ވެރިކަމުގައެވެ. ކެނެޑީގެ އަމުރަށް 1961 ވަނަ އަހަރު އަސްކަރީ ޕެރޭޑެއް އެމެރިކާގައި ބާއްވާފައިވަނީ އޭނާ ވެރިކަމުގެ ހުވާ ކުރެއްވި މުނާސަބާ ފާހަގަ ކުރުމުގެ ގޮތުންނެވެ.
ރައީސުން ހުވާ ކުރުމުގެ ރަސްމިއްޔާތާ ގުޅުވައިގެންވެސް މިގޮތަށް ޕެރޭޑް ބޭއްވުމަކީ ކެނެޑީގެ ކުރިން ވެސް އަދި އޭނާއަށް ފަހު ވެސް އެމެރިކާގައި ކޮށްފައިވާ އަދި ކުރާ ކަމެއްނޫނެވެ.
1961
ނަވާރަސަތޭކަ ފަސްދޮޅަސް އެއްވަނަ އަހަރުގެ ކުރިން އެމެރިކާގައި އަސްކަރީ ޕެރޭޑެއް ބާއްވާފައިވަނީ 1865 ވަނަ އަހަރު އެމެރިކާގެ ދާޚިލީ ހަނގުރާމަ ނިމުނުކަން އިއުލާނު ކުރުމުން އެ މުނާސަބާ ފާހަގަކުރުމަށެވެ. ނަމަވެސް ދެވަނަ ބޮޑުހަނގުރާމަ ފަދަ ހަނގުރާމަތަކުގެ ކާމިޔާބީތައް ފާހަގަ ކުރުމުގެ ގޮތުން މަދުމަދުން އަސްކަރީ ކުދިކުދި ޕެރޭޑްތައް އެމެރިކާގެ އަސްކަރީ ބޭސްތަކާއި އަސްކަރީ މަރުކަޒުތަކުގައި ބާއްވައެވެ.
އެމެރިކާގެ އިއްތިޙާދު ނުވަތަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ގެ ނަމުގައި ފެޑްރަލް ދައުލަތެއްގެ ގޮތުގައި އެމެރިކާ އުފެދުނުތާ މިވީ 235 އަހަރު ތެރޭގައި އެމެރިކާގައި ބާއްވާފައިވަނީ އެންމެ 13 ޕެރޭޑްކަމަށްވެއެވެ.
މި އަހަރު އެމެރިކާ ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ޓަކައި އެމެރިކާގައި މިހާތަނަށް ނުބާއްވާ ވަރުގެ އަސްކަރީ ދައްކާލުމަކާއި ސިފައިންގެ ބޮޑު ޕެރޭޑެއް ވޮޝިންޓަންގެ މަގުތަކުގައި ހަތިޔަރާއެކު ބޭއްވުމުގެ މަޝްވަރާތައް ކުރިޔަށް އެބަދެއެވެ.
މި ކަން ވޮޝިންޓަން ޑީސީ ނުވަތަ ޑިސްޓްރިކްޓް އޮފް ކޮލަންބިއާގެ މޭޔަރު މުރިއެލް ބޮވްސާ އާއި އާލިންގްޓަން ސަރަހައްދުގެ ކަންޓްރީ ކައުންސިލްގެ ރައީސް ޓަކިސް ކަރަންޓޮނިސް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.
ވޮޝިންޓަން ޑީސީ ގެ މޭޔަރު މުރިއެލް ވިދާޅުވި ގޮތުގައި ޕެރޭޑްގައި އަސްކަރީ ޓޭންކްތައް ވޮޝިންޓަންގެ މަގުތަކުގައި ދުއްވައިފިނަމަ އެމަގުތަކުގެ ތާރުތައް ހާލުކުވާނެއެވެ. އެހެންކަމުން ޕެރޭޑަށްފަހު ދެންޖެހެނީ މަގުތަކުގެ މަތީގައި ތާރުގެ އިތުރު ލޭޔަރެއް އަޅައި މަގުތައް އަލުން މަރާމާތު ކުރާށެވެ. މިކަން ކުރުމަށް ބޮޑު ޚަރަދެއް ހިނގާނެކަމަށާއި އެވަރަށް ފައިސާ އެ ކައުންސިލްގެ މިއަހަރުގެ ބަޖެޓްގައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕް ބޭނުންފުޅުވަނީ ޕެންޓަގަންގެ ކުރިމަތީގައި ޕެރޭޑް ބޭއްވުމުގެ ބަދަލުގައި ވައިޓް ހައުސްގެ ކުރިމަތީގައި ޕެރޭޑް ބާއްވާށެވެ.