ވޮޝިންޓަން (27 އެޕްރީލް 2025) : ފީ އަކާ ނުލައި އެމެރިކާގެ އަސްކަރީ އަދި މަދަނީ ބޯޓުތަކަށް ސްވޭސް ކެނެލް އާއި ޕެނަމާ ކެނެލް ހުރަސް ކުރެވެން ޖެހޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާގެ އަސްކަރީ އަދި މަދަނީ ބޯޓުތައް ސްވޭސް ކެނެލް އާއި ޕެނަމާ ކެނެލް ހުރަސްކުރާއިރު ފީއަކާ ނުލައި ހިލޭ އެކަން ކުރެވެން ޖެހޭނެ ކަމުގައެވެ. އަދި މިކަން މިގޮތަށް ހަމަޖެއްސުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޮބިއޯ އާ ހާވާލުކޮށްފައިވާނެ ކަމަށްވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ޓްރަމްޕް، އޭނާގެ ސޯސަލް މީޑިއާ ޕްލެޓްފޯމް ޓްރަތް ސޯޝަލްގައި ލިޔުއްވާފައިވާ ގޮތުގައި އެމެރިކާގެ އެހީތެރިކަން ނެތްނަމަ ސްވޭސް ކެނެލް އާއި ޕެނަމާ ކެނެލް ވުޖޫދުގައި ނޯންނާނެއެވެ. އެެހެންކަމުން އެ ދެ ކެނެލްއިން ވެސް އެމެރިކާގެ ބޯޓުތަކުން ފީނަގައިގެން ނުވާނެއެވެ.
ޓްރަމްޕް ވަނީ ބާރުގެ ބޭނުންކޮށްގެން ޕެނަމާ ކެނެލް އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެކަމުގެ އިންޒާރު ވެސް ކުރިން ދެއްވާފައެވެ. ނަމަވެސް މިހާތަނަށް އެކަން ޓްރަމްޕް ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ކުރިޔަށްވުރެ ބޮޑަށް ޕެނަމާ ކެނެލް އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގައި ބޭއްވޭނެ ގޮތެއް ހެދުމަށް ޕެނަމާ ސަރުކާރާއެކު އެމެރިކާ ވަނީ ވާހަކަަތައް ފަށާފައެވެ. މިހާރުވެސް ޕެނަމާ ކެނެލް އާއި ސްވޭސް ކެނެލްއިން ވެސް އެމެރިކާގެ ބޯޓުތަކުން ފީ ނަގަމުން ގެންދެއެވެ.
ޕެނަމާ ކެނެލް އަކީ 20 ވަނަ ގަރުނުގެ ކުރީކޮޅު އެމެރިކާގެ އެހީތެރިކަމާއެކު ކޮނެ ބިނާކޮށްފައިވާ ކެނެލްއެކެވެ. އެއަށްފަހު 80 ވަރަކަށް އަހަރު އެމެރިކާގެ އިސްތިއުމާރީ ކޮންޓްރޯލްގެ ދަށުގައި އެކެނެލްގެ މައްޗަށް އަތްގަދަކޮށްގެން އެމެރިކާ އުޅުނެވެ.
ނަމަވެސް މީގެ ފަންސަވީހަކަށް އަހަރު ކުރިން އެމެރިކާ ވަނީ އެއްބަސްވުމެއްގެ ދަށުން ޕެނަމާ ކެނެލް އެތަނުގެ މިލްކުވެރި ފަރާތް ކަމަށްވާ ޕެނަމާ އާ ހަވާލުކޮށްފައެވެ. އެތަން ހަވާލުކުރީ އެކެނެލް ހުރަސްކުރާ އެމެރިކާގެ ބޯޓުތަކުން ފީ ނުނަގާގޮތަށް ޝަރުތުކޮށްފައެއް ނޫނެވެ.
ޕެނަމާ ކެނެލްއާ ޚިލާފަށް މިސްރުގެ ސްވޭސް ކެނެލްއަކީ އެތަން ބިނާކުރުމުގައިވެސް އަދި އެތަން ކޮނުމުގައިވެސް އެމެރިކާގެ މާބޮޑު ދައުރެއް އޮތް ތަނެއް ނޫނެވެ. ސްވޭސް ކެނެލް ބިނާކުރީ މިސްރު މީހުންނެވެ. ނަމަވެސް އެކަމުގައި ފަރަންސޭސިވިލާތުގެ ދައުރު ވަރަށް ބޮޑެވެ. ފަރަންސޭސި ކުންފުނިތަކުގެ މާލީ އަދި ފަންނީ ހިއްސާ ސްވޭސް ކެނެލް ބިނާކުރުމުގައި ލިބިފައިވެއެވެ.
ސްވޭސް ކެނެލްއަކީ މިސްރުގެ އިގްތިސާދަށް ފައިސާ ވައްދާ މައިގަނޑު އެއްދޮރު ކަމަށްވާއިރު އެމެރިކާގެ ބޯޓުތަކުން ފީނުނެގުމަކީ ނުވަތަ މިކަމުގައި އެމެރިކާއަށް އިސްތިސްނާއެއް ދިނުމަކީ އިގްތިސާދީ ގޮތުން މިސްރަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.
ނަމަވެސް މިސްރަކީ އެމެރިކާގެ ކުރިމަތީގައި ބަހެއް ބުނަން ނުކެރޭބާވަތުގެ ފިނޑި ސިޔާސަތެއް ގެންގުޅޭ ގައުމަކަށްވާތީ މިމައްސަލާގައި އެމެރިކާ އެދޭގޮތަށް މިސްރު ދީލާލުމަކީ އެކަށީގެންވާކަމެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.