ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މި އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި 19 އެޕްރެންޓިސްއަކަށް މިއަދުގެ ރަސްމިއްޔާތުގައިވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީއުއެވެ. އަދި، މި ރަސްމިއްޔާތުގައި ދިރާގުގެ ބޯޑް އަދި މަނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ތައުލީމީ މުއައްސަސާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ދިރާގަކީ ދިވެހިރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށާއި ޒުވާނުން ތަރައްގީކުރުމަށް ދިރާގުގެ އިސްނެގުމުގެ މަތިން ހިންގާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކާމިޔާބު ކަމަށެވެ. މި ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ މައިދާނަށް ތައްޔާރުވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމުގައި ވިދާޅުވެ، ޒުވާނުން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ މުހިންމުކަން ވެސް އޭނާ ފާގަހަކުރެއްވިއެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ހަފުލާގެ ދަސްވެނިންނަށާއި އަލަށް ބައިވެރިވި އެޕްރެންޓިސުންނަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާގެ ވާހަކަފުޅުގައި، ދިވެހި ޒުވާނުންނަށް ތަރައްގީގެ ފުރުސަތުތައް ހޯދައިދީ ޒުވާނުން ބިނާކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި، މި ޕްރޮގްރާމް ނިންމާ ގިނަ ކުދިން މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ އެކި އިންޑަސްޓްރީތަކުގައި ތަފާތު ޒިންމާދާރު ވަޒީފާތައް ކާމިޔާބުކަމާއެކީ އަދާކުރަމުން ދިއުމަކީ ފަހުރުވެރިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާ އަދާކުރުމުގެ ހުނަރު ތަރައްގީކުރުމަށް ދޭ އިސްކަމުގެ ދަށުން އެ ކުންފުނިން ހިންގާ އެންމެ މުހިންމު އެއް ސީއެސްއާރު ޕްރޮގްރާމެވެ. އަދި، މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފުކުރި މި ފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެ ވެސް މެއެވެ.
ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވިދިވިދިގެން ކޮންމެ އަހަރަކު ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 288 ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ 20 ބައިވެރިންނާއެކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 16 ވަނަ ބެޗަށް ވެސް މަރުހަބާ ކިޔާފައެވެ. ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާ މި ޕްރޮގްރާމުގެ ސަބަބުން ބައިވެރިންނަށް ކާމިޔާބު ކެރިއަރަކަށް ދިއުމަށް މަގުފަހިވާނެއެވެ. އަދި ބައިވެރިންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.