ރޯދަ މަހު ވޭޕު ބޭނުންކުރި 27 މީހަކު 123،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖެ އެތެރެކުރި ވޭޕް ޝިޕްމެންޓެއް: މިދިޔަ ރޯދަ މަހު ވޭޕް ބޭނުންކުރި 27 މީހަކު ވަނީ ޖޫރިމަނާކޮށްފައި -- ފޮޓޯ/ ހޯމް މިނިސްޓަރު އަލީ އިހުސާން

ރާއްޖެއަށް އެތެރެކޮށް, ބޭނުން ކުރުން މަނާ ކޮށްފައިވާ ވޭޕް ކޮށްގެން މިދިޔަ ރޯދަ މަހު 27 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ވޭޕް އެތެރެކުރުން ނޮވެމްބަރު މަހުގެ 15ގައި ވަނީ މަނާ ކޮށްފައެވެ. އަދި އޭގެ ވިޔަފާރި ކުރުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މިދިޔަ ޑިސެންބަރު 15އިން ފެށިގެން ވަނީ މަނާކޮށްފައެވެ.

އޭގެފަހުން، ކޮންމެ މަހަކު ވެސް ފުލުހުން އަންނަނީ ވޭޕު ބޭނުންކުރާ މީހުން ޖޫރިމަނާކުރަމުންނެވެ.

މިއަދު ފުލުހުން 'ސަން'އަށް ބުނީ، މި ކުށްކޮށްގެން, މިދިޔަ މަހުގެ އެކަކުން ފެށިގެން 31ގެ ނިޔަލަށް ޖުމުލަ 27 މީހަކު 123،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ އޮޕަރޭޝަނެއްގައި މީގެ ކުރިން އަތުލައިގަތް ވޭޕްތަކެއް: މިދިޔަ މަހު ވޭޕު ބޭނުންކުރި 27 މީހަކު 123،000 ރުފިޔާއިން ޖޫރިމަނާކޮށްފި -- ފޮޓޯ/ ފުލުހުން

އޭގެތެރޭގައި ވޭޕު ބޭނުންކޮށްގެން ޖޫރިމަނާކުރި އަދަދު 82،000 ރުފިޔާއަށް އަރާއިރު، ވޭޕު ގެންގުޅެގެން މިދިޔަ މަހު ޖޫރިމަނާއަށް 41،000 ރުފިޔާ ލިބުނު ކަމަށް ފުލުހުން ބުނެއެވެ.

އެއާއެކު، ސިނގިރޭޓާއި ދުންފަތާ ގުޅުން ހުރި ބާވަތްތައް އެތެރެކޮށް ވިޔަފާރިކުރި ހަ މައްސަލައެއް މިދިޔަ މަހު ރިޕޯޓުކުރި ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމަކީ މިހާރު ގާނޫނީ ގޮތުން ކުށެކެވެ. އެކަން ކުށަކަށް ހެދީ ކިޔަވާ ކުދިންނާއި ޒުވާނުން އެ ނުރައްކާތެރި ވަބާގައި ވަރަށް ބޮޑަށް ޖެހުމާ ގުޅިގެންނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ހިލޭ މީހަކަށް ވޭޕެއް ދިނަސް 10،000 ރުފިޔާގެ އަދަދުން ޖޫރިމަނާ ކުރެވެއެވެ. އަދި ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000ގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ. އަދި ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމާނާއެއް އަންނާނެއެވެ.

ފުލުހަކު މަގުމަތީގައި: މިދިޔަ މަހު ވޭޕު ބޭނުންކުރި 27 މީހަކު 123،000 ރުފިޔާއިން ޖޫރިމަނާކޮށްފި --ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެއިތުރުން، މިފަހުން ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޖެނެރޭޝަން ބޭންގެ ވާހަކަ އިއުލާނުކުރައްވައި، ދުންފަތް މަނާ ކުރަންވީ ކޮށް ޖީލަކަށްތޯ ބެލުމަށް އާންމުންގެ ހިޔާލު ހޯދައިފައެވެ.

އެކަމަށް އާންމުންގެ ޚިޔާލު ހޯއްދަވަން ތިން ދުވަހުގެ މުއްދަތަށް ޕޯލެއް ރައީސް ހުޅުވާލެއްވިއެވެ. އެ ޕޯލަށް މުއްދަތު ހަމަވިއިރު، އެންމެ ގިނަ ބަޔަކު ތާއީދުކުރީ 2000ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރާށެވެ.

https://sun.mv/204536

ޖެނެރޭޝަނަލް ބޭން އާ ގުޅިގެން ރައީސް ވިދާޅުވީ، 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާތާ އަދި މާ ގިނަ ދުވަހެއް ނުވާނެ ކަމަށެވެ. އެެހެންކަމުން އެ ޒުވާނުން އެ ވަބާއިން ސަލާމަތްކުރުމަށް ފަސޭހަ ވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެ މަނިކުފާނު ހުށަހެޅުއްވި ތިން ގޮތް ވެސް ފަންނީ ލެވެލެއްގައި މަޝްވަރާ ކުރުމަށްފަހު، ކޮންމެވެސް އެއް ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ. އޭރުން ގާނޫނަކުން އެ އުމުރުގެ ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް