ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލައި، އިލްމުވެރިން އިސްނަގައިގެން ސައިކަލު ބުރެއް ބާއްވައިފި

ފަލަސްތީނުގެ ދިފާއުގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން --- ފޮޓޯ/ ޖަވިޔަނި. އެމްވީ

ފަލަސްތީނުގެ، ޣައްޒާއަށް ޔަހޫދީ ޒަޔަނިސްޓު އިސްރާއިލުން ދެމުން އަންނަ ހަމަލާތަކަށް ދެކޮޅު ހެދުމަށާއި، ހާލުގައި ޖެހިފައިވާ އާއިލާތަކުގެ ހައްގުގައި އަޑުއުފުލަން ދިވެހި ދީނީ އިލްމުވެރިން އިސްނަގައިގެން ސައިކަލު ބުރެއް މިއަދު ބާއްވައިފިއެވެ.

ހަވީރު 04:30 ހާއިރު ރަސްފަންނު ސަރަހައްދުން ފެށި މި ސައިކަލު ބުރުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

މި ސައިކަލު ބުރުގައި އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުން ދުއްވުމަށްފަހު، ނިންމާލީ ރަސްފަންނު ސަރަހައްދަށެވެ. މި ސައިކަލު ބުރުގެ ބައިވެރިން ވަނީ ފަލަސްތީނާއެކު، ދިވެހި ރައްޔިތުން ތިބި ކަން ދައްކުވައިދޭ ޕޯސްޓަރުތަކާއި، ޝިއާރުތައް ބޭނުންކޮށްފައެވެ.

ފަލަސްތީނުގެ ދިފާއުގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން --- ފޮޓޯ/ ޖަވިޔަނި. އެމްވީ

ސައިކަލު ބުރު ރަސްފަންނު ސަރަހައްދަށް ނިންމާލުމަށްފަހު، އެ ސަރަހައްދުގައި މަޑުކޮށް އިލްމުވެރިން ވަނީ ފަލަސްތީނުގެ ހައްގުގައި ޝުއޫރު ފާޅުކޮށްފައެވެ.

އެ ހަރަކާތުގައި ޝެއިޚް އާދަމް ނިޝާން ވިދާޅުވީ، މި ހަރަކާތް ބޭއްވީ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކަށް ކެތްނުކުރެވޭތީ ކަމަށެވެ. އެ މަންޒަރުތައް ފެނުމުން ހިތްތައް ކުދިކުދި ވަމުންދާ ކަމަށް ޝެއިޚް ނިޝާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މުސްލިމުންނަށް އަނިޔާލިބި އެ މީހުންނަށް ނަސްރަށް، މަދަދަށް އެދި އެޙީއަށް ބޭނުންވެފައިވާ ޙާލު، އަޅުގަނޑުމެން އެ މީހުންނަށް އެއްވެސް އެހީތެރިކަމެއް އަޅާލުމެއް ނުދީ ތިބެއްޖެ ކަމުގައިވާނަމަ ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަ ވަނީ އަޅުގަނޑުމެނަށް އެކަމުގެ އިންޒާރު ދެއްވާފައި،" ޝެއިޚް ވިދާޅުވެފައެވެ.

ފަލަސްތީނުގެ ދިފާއުގައި ބޭއްވި ސައިކަލު ބުރުގެ ތެރެއިން --- ފޮޓޯ/ ޖަވިޔަނި. އެމްވީ

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ އާއިލާތައް ގުރުބާން ވަމުންދަނީ އެހެން މުސްލިމުންގެ ހައްގުގައި ކަމަށާއި ފަލަސްތީނުގެ ހަމަލާތަކުން ސަލާމަތްކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ޝެއިޚް ވަނީ ވިދާޅުވެފައެވެ.

މި ހަރަކާތް ނިންމާލާފައި ވަނީ، ފަލަސްތީނުގެ އާއިލާތަކުގެ ހައްގުގައި ކުރި ދުއާއަކުންނެވެ.

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއިލުން ދެމުން އަންނަ ހަމަލާތަކަށް ލުއެއް ލިބިފައެއް ނުވެއެވެ. އެތައް ހާސްބަޔަކު ޝަހީދުކޮށް، އެތައް ހާސް ބަޔަކަށް ލިބުނު އަނިޔާތަކުގައި ގިނަ ބަޔަކު ވަނީ ދުނިޔެ އުމުރު ތަހައްމަލުކުރަން ޖެހޭ ބަލިތަކާއި، ނުކުޅެދުންތެރިކަމަށް ހުށަހެޅިފައެވެ.

comment ކޮމެންޓް