މިދިޔަ މާޗު މަހު ރާއްޖޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށް ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް މިހާތަނަށް ނުފެށި ލަސްވެއްޖެއެވެ.
މިދިޔަ ނޮވެންބަރު 27ގައި ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވަނީ، ރާއްޖޭގައި މާޗު މަހު ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، މިނިސްޓަރު ދެއްވި ތާރީޚުގެ ފަހުން މަހަކަށްވުރެ ގިނަ ދުވަސްވީއިރު، އަދިވެސް ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާފައެއްނުވެއެވެ.
އެހެންވެ، ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ހޯދަން 'ސަން'އިން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.
ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނެ ތާރީޚެއް މިނިސްޓަރު އިއުލާނުކުރެއްވުމުގެ ކުރިން، މިދިޔަ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހު މިނިސްޓްރީން ރާއްޖޭގައި ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކަޕްޓަރު ޚިދުމަތް ދޭން ފަށަން ފުރުސަތު ހުޅުވާލިއެވެ.
އޭގެފަހުން، މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގައި އެ ޚިދުމަތް ފަށަން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއެއޭ)ގެ ލަފާގެ މަތިން ތަހުލީލު ހެދި ކަމަށާއި ޚިދުމަތުގައި ބޭނުން ކުރާނީ ސަލާމަތީ ގޮތުން އޮޕަރޭޓު ކުރަން އެންމެ ރަނގަޅު ހެލިކޮޕްޓަރު ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނީ އެއް ރަށުން އަނެއް ރަށަށް ނުވަތަ ރަށަކުން މާލެއަށް ބަލި މީހުން ގެނައުމުގެ ކަންކަމާއި ރޭގަނޑު ފަތުރުވެރިން އުފުލުމަށް ހުރި ދަތިތަކަށް ވެސް ހައްލެއް ލިބޭ ގޮތަށެވެ.
މިދިޔަ އޮގަސްޓު މަހުގެ 21ގައި ރީޖަނަލް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އާރްސީއެލް)އިން ވަނީ، ރާއްޖޭގައި 20 އަހަރަށް ހެލިކޮޕްޓަރުގެ ޚިދުމަތް ދޭ ގޮތަށް ދުބާއީގެ ހެލިކޮޕްޓަރު އޮޕަރޭޓަރެއް ކަމަށްވާ އެއާ ޝާޓޯ ޑީޑަބްލިއުސީއާއި ވިންގް ކެޕިޓަލް މެނޭޖްމަންޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ހެލިކޮޕްޓަރާއި ޑްރޯން ޖެއްސޭ ގޮތަށް 100 ހައިބްރިޑް ވާޓިޕޯޓްސް ގާއިމުކޮށް، ހެލިކޮޕްޓަރުގެ ޚިދުމަތަށް ހުޅުވައިލާނެ ކަމަށް ބޭރުގެ ނޫހެއް ކަމަށްވާ އާބަން އެއާ މޮބިލިޓީން އޭރު ރިޕޯޓުކޮށްފައިވެއެވެ.
މި ޕޯޓުތަކުގެ ތެރޭގައި، ޓަޗް ޑައުން އެންޑް ލިފްޓް އޮފް އޭރިއާތަކާއި ސަލާމަތީ ޒޯންތަކާއި ޓާމިނަލް ވެއިޓިން ހޯލްތައް ހިމެނެއެވެ. އަދި، ކާގޯ އޮޕަރޭޝަން ހިމެނޭހެން ތަފާތު ކަންކަމަށް 500 ޑްރޯން ޕޯޓު ވެސް ގާއިމުކުރަން ވަނީ ނިންމާފައެވެ.