އާމްދަނީއާއެކު މުސާރައާއި އިނާޔަތަށް ކުރި ޚަރަދު ވެސް އިތުރުވެއްޖެ

ސިވިލް ސާވަންޓުން: ދައުލަތުން މުސާރައަށް ކުރި ޚަރަދުތައް ވަނީ އިތުުރުވެފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދައުލަތަށް މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީއާއެކު، މުސާރައާއި އިނާޔަތް ފަދަ ކަންތައްތަކަށް ކުރާ ރިކަރަންޓު ޚަރަދު ވެސް އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފާސްހިސާބު އާންމުނުކުރާތާ މަހެއް ފަހުން މިއަދު ވަނީ އެ ތަފާސްހިސާބު އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ 8.81 ބިލިއަން ޑޮލަރު ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 840 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަަރުގެ މި މުއްދަތުގެ ލިބިފައިވަނީ 7.97 ބިލިއަން ރުފިޔާއެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ)އިންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 3.71 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޖެނެރަލް ގުޑްސް އެންޑް ސާވިސެސް ޓެކްސްގެ ގޮތުގައި ލިބުނު 1.05 ބިލިއަން ރުފިޔާއާއި ޓޫރިޒަމް ގުޑްސް އެންޑް ސާވިސެސް ޓެކްސްގެ ގޮތުގައި ލިބުނު 2.67 ބިލިއަން ރުފިޔާއެވެ.

ދައުލަތުން ޓެކުހުން މިހާތަނަށް 6.99 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.78 ބިލިއަން ރުފިޔާ ލިބިފައިވެއެެވެ.

ޓެކްސް ނޫން އާމްދަނީއަށް ބަލާއިރު، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 340 މިލިއަން ރުފިޔާ އާއި ރިޒޯޓުގެ ކުލީގެ ގޮތުގައި 289 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އާމްދަނީ އިތުރުވި ސަބަބާ ގުޅޭގޮތުން މީރާއިން ކުރިން އެކަމުގެ މައިގަނޑު ސަބަބަކީ، ފެބްރުއަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ބަންދު ދުވަހަކާ ދިމާވުމުން މާޗު މަހުގެ ތިންވަނަ ދުވަހަށް މުއްދަތު އިތުރުކޮށްފައިވުން ކަމަށެވެ.

އަދި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީ ވެސް މި މުއްދަތުގައި ބަލައިގަތުމަކީ އާމްދަނީ އިތުރުވި ސަބަބެއްކަމަށް މީރާއިން ބުންޏެވެ.

ދައުލަތުގެ ޖުމްލަ ޚަރަދު، މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 7.63 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 1.26 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ މާރިޗް 20ގެ ނިޔަލަށް ޚަރަދު އޮތީ 8.89 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

އެހެންނަމަވެސް ރިކަރަންޓު ޚަރަދު ވަނީ، މިދިޔަ އަހަރަށް ވުރެ 382 މިލިއަން ރުފިޔާ އިތުރުވެފައެވެ. އެއީ 6.69 ބިލިއަން ރުފިޔާއިން 7.08 ބިލިއަން ރުފިޔާއަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މުސާރަ: 1.07 ބިލިއަން ރުފިޔާ
  • އިނާޔަތްތައް: 1.05 ބިލިއަން ރުފިޔާ
  • ޕެންޝަން، ރިޓަޔަމެންޓް ބެނިފިޓްސް އެންޑް ގްރެޓިޓިއުޑްސް: 508 މިލިއަން ރުފިޔާ

މި އަހަރު ސަރުކާރުން މަޝްރޫއުތައް ކުރިއަށްނުގެންދާތީ ކެޕިޓަލް އެކްސްޕެޑިޗާ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މާރިޗް 20ގެ ނިޔަލަށް ކެޕިޓަލް އެކްސްޕެންޑިޗާއަށް 2.12 ބިލިއަން ޚަރަދުކޮށްފައިވާއިރު މި އަހަރު އެ އަދަދު ބިލިއަނަކާ ގާތްވެސް ނުކުރެއެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި ޚަރަދުކޮށްފައިވަނީ 554 މިލިއަން ރުފިޔާއެވެ.

މި އަހަރާއި އަންނަ އަހަރަކީ ވެސް ރާއްޖެއިން ބޮޑު އަދަދުތަކުން ދަރަނިތައް ދައްކަން ޖެހޭ އަހަރުތަކަށްވާއިރު، މި އަހަރުގެ މިހާތަނަށް ދަރަންޏަށް ދައުލަތުން 2.40 ބިލިއަން ރުފިޔާ ދައްކައިފައިވެއެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނަށް ދައްކައިފައި ވަނީ 845 މިލިއަން ރުފިޔާއެވެ.

https://sun.mv/203531

މި އަހަރު ދެއްކި ދަރަނީގެ ތެރޭގައި ކުރީ ސަރުކާރުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނެއް ހިމެނެއެވެ. އެ ލޯނު، 26 މިލިއަން ޑޮލަރުގެ އިންޓްރެސްޓާއެކު ދައްކައިފައިވަނީ އެމެރިކާގެ، ދަރަންޏަށް ފައިސާ ދޫކުރާ އޭޖެންސީއެއް ކަމަށްވާ ކާގިލް ފައިނޭންޝަލް ސާވިސް އިންޓަނޭޝަނަލްއަށެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެފައިވުމުން، މާލީ އިދާރާތަކުން ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ލަފާދީފައެވެ. އަދި ސަރުކާރުން ވެސް ޚަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅައި، 7.7 ބިލިއަން ރުފިޔާގެ އިސްލާހީ ފިޔަވަޅުތައް ބަޖެޓުގައި ހިމަނައިފައިވެއެވެ.

comment ކޮމެންޓް