ސައުދީ ފަންޑުގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަރުފުޅުގެ ތެރެއިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ބޮޑުކުރުމުގެ މަސައްކަތުގެ އިތުރުން، 400 ފްލެޓު އެޅުމަށް ފައިސާ ހަޖައްސައިދޭން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، ސައުދީ ފަންޑުގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދު ތިން ދުވަހުގެ ދަތުރުފުޅެއްގައި، މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އެއާއެކު ވީއައިއޭއިން އެ މިނިސްޓްރީގެ ސީނިއާ އޮފިޝަލުންވަނީ ސީއީއޯއަށް މަރުހަބާ ދަންނަވައިފައެވެ.

ސައުދީ ފަންޑުގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދު -- ފޮޓޯ/ މިހާރު
"ސަން"އަށް އެނގިފައިވާ ގޮތުގައި މި ދަތުރުފުޅުގައި ވީއައިއޭގެ އެކްޓެންޝަންގެ މަސައްކަތަށް އިތުރު ފައިނޭންސް ހަމަޖައްސައިދިނުމުގެ އިތުރުން، އެފޯޑަބަލް 400 ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ ފައިސާ ހަމަޖައްސަވައިދެއްވާނެއެވެ.
މި ސަރުކާރުން ވަނީ ވީއައިއޭ ތަރައްގީ ކުރުމުގެ އައު ޕްލޭނެއް މިދިޔަ އަހަރުގެ ޖެނުއަރީ ހަތަރުވަނަ ދުވަހު އިއުލާންކޮށްފައެވެ. އައު ޕްލޭންގެ ތެރޭގައި ހިމެނެނީ:
- 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ އައު ޓާމިނަލެއް
- ޕްރައިވެޓު ޖެޓުތަކަށް ޚާއްސަ ޓާމިނަލެއް
- ސީޕްލޭންގެ ޚިދުމަތް ތަރައްގީކޮށް އިތުރަށް ފުޅާކުރުން
- ފިއުލް ކެޕޭސިޓީ 100 މިލިއަން ލިޓަރާ ހަމަޔަށް އިތުރުކުރުން
- އައު އެމްއާރުއޯ ފެސިލިޓީއެއް ގާއިމްކުރުން
- ކާގޯ ޓާމިނަލް 300،000 މެޓްރިކް ޓަނަށް އިތުރުކުރުން
- މަތިންދާ ބޯޓުގެ ޕާކިން ޖާގަ 73 އިންސައްތައަށް އިތުރުކުރުން
މި ދަތުރުފުޅުގައި ވީއައިއޭގެ މަޝްރޫއަށް އިތުރު ފައިސާ ދޭން ހަމަޖައްދާފައި ވާއިރު، ބަޖެޓު ނެތުމުގެ ސަބަބުން މި މަސައްކަތް ހުއްޓިފައި ވާކަމަށް ބުނެ އިދިކޮޅުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
މިހާރު ކުރިޔަށްދާ އައު ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ގާތްގަނޑަކަށް 5.3 ބިލިއަން ރުފިޔާއަށް ހަވާލުކުރި މަސައްކަތެކެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނިީ ވީއޭއީގެ ތަރައްގީއަށް ޔޫއޭއީ ސަރުކާރު މެދުވެރިކޮށް 1.2 ބިލިއަން ރުފިޔާ ހޯއްދަވާފައެވެ.
މި މަޝްރޫއު ނިންމޭނެކަމަށް ކޮންޓްރެކްޓަރުން ދީފައިވާ ތާރީޚަކީ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރެއެވެ.