އެސްއެސްޓީވީއާއި ކޯޗިން ކޯ ގުޅިގެން އާންމުން ހޭލުންތެރި ކުރުވުމަށް "ބްރޭކިން ދަ ސައިލެންސް"ގެ ނަމުގައި ޕްރޮގްރާމެއް މިރޭ ލޯންޗު ކުރުމަށް ނިންމައިފިއެވެ.
މި ޕްރޮގްރާމްގެ ކޮންމެ އެޕިސޯޑެއްގައި ވެސް ގެނެސްދެނީ، ދިރިއުޅުމުގައި ގިނަ ބަޔަކު ކުރިމަތިލާންޖެހޭ ގޮންޖެހުންތައް އަސްލަކަށް ބަލައިގެން ކުޅެފައިވާ މަންޒަރުތަކެކެވެ. މީގެ ތެރޭގައި ނުރަނގަޅު ގުޅުންތަކާއި، އިޖުތިމާއީ މިންގަނޑާ ޚިލާފު ކަންތައްތަކުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ އިތުރުން، ނަފުސާނީ ގޮތުން ކުރިމަތިވާ ދަތިތައް ހިމެނެއެވެ.
މި ދަތިތަކާ ގުޅޭ ގޮތުން ޕްރޮގްރާމުގެ ތެރެއިން ކޯޗިން ކޯގެ ތަޖުރިބާކާރު ލައިފް ކޯޗުން ކަމަށްވާ ރީމާ ރަޝީދާއި މާދިހު މުހައްމަދު، މައުލޫމާތު ހިއްސާކުރައްވާނެއެވެ. އޭގެ ތެރޭގައި، މީހުން ކުރިމަތިލާ ގޮންޖެހުންތަކުގެ އަސްލަކީ ކޮބައިކަން ދެނެގަނެ، ނަފުސާނީ ނަޒަރަކުން ވާހަކަ ދައްކައި، މައްސަލަތަކުގެ ހައްލުތައް ކިޔައިދެއްވާނެއެވެ.
ކޮންމެ ހަފުތާއަކު ވެސް ހަމަ އެކަނި އެސްއެސްޓީވީން ގެނެސްދޭ މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑު އެއާކުރާނީ މިރޭ 10:30ގައެވެ.
މި ޕްރޮގްރާމުގެ މަގުސަދަކީ، މީހުން ސިއްރުގައި ކުރިމަތިލާ ގޮންޖެހުންތަކާއި، އެ ފަދަ ނާޒުކު މައުޟޫއުތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކައި، އެ ކަންކަމާ ގުޅޭ ގޮތުން ނަފުސާނީ އަދި ޖަޒުބާތީ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.
އެސްއެސްޓީވީއާއި ކޯޗިން ކޯ ގުޅިގެން ގެނެސްދޭ "ބްރޭކިން ދަ ސައިލެންސް"އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރެވުނު މިބާވަތުގެ އިޖުތިމާއީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެވެ.
ކޯޗިން ކޯއަކީ އަމިއްލަ ދިރިއުޅުމުގައި ކަމެއް ހާސިލުކުރުމަށް، ނުވަތަ އުފާވެރިކަން ހޯދުމަށް، ނޫނީ ކުރާ މަސައްކަތާ ގުޅިގެން ކަމެއް ހާސިލުކުރަން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް ޕްރޮފެޝަނަލް ކޯޗިންގެ ޚިދުމަތް ފޯރުކޮށްދޭ، އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން (އައިސީއެފް)އިން ތަމްރީނުވެފައިވާ ލައިފް ކޯޗުންގެ މައްޗަށް އެކުލެވޭ ކުންފުންޏެކެވެ.
މީގެ ތެރޭގައި ނިއުރޯ ލިންގުއިސްޓިކް ޕްރޮގްރާމިން (އެންއެލްޕީ) އާއި، ސޯޝަލް އެންޑް އިމޯޝަނަލް އިންޓެލިޖެންސް އަދި ޓައިމްލައިން ތެރަޕީގެ ޚިދުމަތް އެ ޖަމިއްޔާއިން ދެއެވެ.