'ޚިޔާނާތުގެ ފައިސާއިން ހުރީ ބިން ގަނެފައި'، ގާނޫނު ހުށަހަޅަން އޭޖީއަށް މުހުލަތެއް ދީފި

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ، ކޮރަޕްޝަނުން ހޯދާ ފައިސާ ހުންނަނީ ހުޅުމާލޭގައި ބިންބިމާއި ފުލެޓަށް އިންވެސްޓްކޮށްފައި ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އެކިއެކި މައްސަލަތަކުގައި ދައުލަތުން ނުހައްގުން ހޯދާފައި ހުރި ގިނަ ފައިސާ ހުރީ ހުޅުމާލޭގައި ބިންބިމާއި ފުލެޓުތަކަށް އިންވެސްޓްކޮށްފައި ކަމަށާއި އެހެންވެ، އެސެޓް ރިކަވަރީ ގާނޫނުގެ މަސައްކަތް އަވަސްކުރަން ބަންޑާރަނައިބު (އޭޖީ)އަށް މުހުލަތެއް ދީފިއެވެ.

ބޭރުގެ ކޮންސަލްޓަންޓުންގެ އެހީއާ އެކު އެސެޓް ރިކަވަރީ ބިލެއް އޮތީ ފަރުމާކޮށްފައެވެ. އެކަމަކު، އެ ބިލު އަދި މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ، މިހާރު މާލިއްޔަތު ކޮމިޓީން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ނުހައްގުން ހޯދާ ހުރިހާ ފައިސާއަކުން ގަނެފައި ހުރި އެސެޓްތައް އަތުލެވޭނެ ގޮތެއް ހެދުން ކަމަށެވެ.

އެ ގޮތުން، ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ، ޕޮލްކޯގެ މައްސަލަ ތެރެއިން ވެސް ނުހައްގުން ހޯދި ފައިސާއަށް ހުޅުމާލެއިން 15 މިލިއަން ރުފިޔާއަށް ބިމެއް ގަނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޓެކްސް ނުދައްކަން، އެ ބިން ފަހުން ވިއްކާލީ ވެސް އެ ތަން ގަނެފައިވާ އަގަށް ވުރެ ކުޑަކޮށް 12 މިލިއަން ރުފިޔާއަށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އެކަން ކުރީ 'ބްލޫ ހައުސިން ސްކީމް'އާ ގުޅޭ ކޮރަޕްޝަންގެ މައްސަލައިގައި ހިމެނޭ ކުންފުނީގެ ދިވެއްސެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ ނުހައްގުން ހޯދި ފައިސާއަށް ހުރީ ބިން ގަނެފައި ކަމަށް -- ފޮޓޯ/ މަޖިލިސް

"ނުހައްގުން ހޯދައި ހުރިހާ ފައިސާއެއް މި ހުރީ ހުޅުމާލޭގެ އެޕާޓްމަންޓުތަކާއި ބިންތަކަށް އިންވެސްޓްކޮށްފައި. އަޅުގަނޑުމެންނަށް ހަމަ ޕޮލްކޯގެ މައްސަލަ ތެރެއިން އެނގިފައި އެބައޮތް ޕޮލްކޯއިން ލާރި ނެގި ގޮތަށް 15 މިލިއަން ރުފިޔާއިން ހުޅުމާލެއިން ބިމެއް ގައިންކަން، އެ ކުންފުނީގެ ޑިރެކްޓަރު،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެހެންވެ އެސެޓް ރިކަވަރީ ގާނޫނުގެ މަސައްކަތް އަވަސްކުރަން ޖެހޭ ކަމަށެވެ.

އެ ގޮތުން، ބައިނަލްއަގުވާމީ ކޮންސަލްޓަންޓުންގެ އެހީއާ އެކު އޭސީސީން އެސެޓް ރިކަވަރީ ބިލެއް ތައްޔާރުކޮށްފައި އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އެކަމަކު، އެ ބިލު ކޮމިޓީގައި ފަރާތުން މަޖިލީހަށް ހުށަހެޅެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ، އެ ބިލަކީ މާލީ އިންތިޒާމުތަކެއް ހިމެނޭ ބިލަކަށްވާތީ ބިލު ހުށަހަޅަން ޖެހެނީ ސަރުކާރުގެ ފަރާތުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވެ، މި މަހުގެ ނިޔަލަށް ބިލު މަޖިލީހަށް ފޮނުވައިދޭން ބަންޑާރަނައިބަށް ވަނީ ދަންނަވާފައެވެ.

"އޭރުން އަޅުގަނޑުމެން މި ދައުރު ނިންމާފައި، މޭ މަހު 15ގައި ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލު ވުޖޫދަށް ގެނެވިއްޖެއްޔާ، މި ދެންނެވި ގޮތަށް ސަރުކާރުގެ އިދާރާތަކުންނާއި ތަންތަނުން ނުހައްގުން ހޯދައި ފައިސާއަށް އުފަންކޮށްފައި ހުރި އެސެޓްތައް ހޯދާފައި، އެ އެސެޓްތައް ހޯދަން އަޅުގަނޑުމެންނަށް މަގުފަހިވާނެ،" ނާޒިމް ވިދާޅުވިއެވެ.

ބަންޑާރަނައިބު އަހުމަދު އުޝާމް: އެސެޓް ރިކަވަރީ ގާނޫނު ހުށަހަޅަން ބަންޑާރަނައިބަށް ވަނީ މުހުލަތެއް ދީފައި -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، ދެކުނު އިންޑިއާގައި ފުޅާ ދާއިރާގައި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުން އަންނަ އާރުޕީޕީ ގްރޫޕުގެ ސަބްސިޑަރީ ކުންފުނި ރެނާޓަސްއިން ހުޅުމާލޭގައި ތަރައްގީކުރި މަތީ ފެންވަރުގެ އެޕަޓްމެންޓް ހިމެނޭ އިމާރާތުގެ ޕެންޓްހައުސްތައް ވެސް ގަނެފައި ހުރީ، އެ ކުންފުންޏަށް ކޮންޓްރެކްޓް ދިންއިރު މަސްއޫލުވެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އެ ކަންކަން އެނގޭ ވަރަށް ހެކި ހުރި ކަމަށް ނަޒިމް ވިދާޅުވިއެވެ. އެކަމަކު، އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވައެވެ.

އެސެޓް ރިކެވަރީ ނަމޫނާ ގާނޫނެއް އެކުލަވާލުމަށް އޭސީސީން ފުރަތަމަ ޑްރާފްޓްގެ މަސައްކަތްކޮށްފައިވަނީ މޯލްޑިވްސް ޓާރްސްޕޭރެންސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

މި ނަމޫނާ ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ:

  • ކުށްތަކާ ގުޅުންހުރި ފައިސާއާއި މުދާ ދައުލަތަށް ނެގުމުގެ ގާނޫނީ އުސޫލުތައް ކަނޑައެޅުން
  • ކުށްތަކާ ގުޅުންހުރި ފައިސާއާއި މުދާ އެހެން ފަރާތްތަކުގެ އަތްމައްޗަށް ދިޔަނުދިނުމަށް އެތަކެތި ހިފެހެއްޓުމާ ތަސައްރަފުކުރުން މަނާކުރުން
  • ކުށްކުރުމަށް މަގުފަހިކުރަން ފައިސާއާ މުދާ ފޯރުކޮށްދިނުމުގެ ނިޒާމުތަކަށް ހުރަސްއެޅުން
  • ރާއްޖޭން ބޭރުގައިވާ ކުށްތަކާ ގުޅޭ ފައިސާއާ މުދާ ހޯދުމާއި ހަވާލުކުރުމުގެ އުސޫލުތައް ކަނޑައެޅުން
  • ރާއްޖޭގައިވާ ބޭރު ގަައުމުތަކުގެ ކުށްތަކާ ގުޅޭ ފައިސާއާ މުދާ ހޯދައި، އެތަކެތި ގައުމުތަކާ ހަވާލުކުރުމުގެ އުސޫލުތައް ބަޔާންކުރުން
  • ދައުލަތަށް ނެގޭ ފައިސާއާ މުދަލާ ގުޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުން
comment ކޮމެންޓް