ސްމާޓްފޯނާއި ލެޕްޓޮޕް އަދި އެހެނިހެން އިލެކްޓްރޯނިކް އުފެއްދުންތަކަށް ދެވިފައިވާ އިމްޕޯޓް ޓެރިފް އިސްތިސްނާ ދެމިއޮންނާނީ ކުރު މުއްދަތަކަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މި ބަޔާން އައިސްފައިވަނީ ވައިޓް ހައުސްއިން ބައެއް އިލެކްޓްރޯނިކް އުފެއްދުންތަކަށް 90 ދުވަހުގެ މުއްދަތަކަށް ޓެރިފް އިސްތިސްނާ ދިނުމަށް ނިންމި ނިންމުމަށް ފަހުގައެވެ.
ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވެފައިވަނީ މި އުފެއްދުންތައް އެހެން "ޓެރިފް ބަކެޓަކަށް" ބަދަލުވަނީ ކަމަށާއި، އަންނަ ދެ މަސް ތެރޭގައި އައު ޓެރިފްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ސެމިކޮންޑަކްޓާ ދާއިރާއާއި މުޅި އިލެކްޓްރޯނިކްސް ސަޕްލައި ޗެއިންއާ ގުޅޭގޮތުން ޤައުމީ ސަލާމަތީ ވިޔަފާރި ތަޙްޤީޤެއް ފަށާނެ ކަމަށްވެސް އޭނާ ވަނީ ވަޢުދުވެ ވަޑައިގެންފައެވެ.
ޓްރަމްޕްގެ ވިޔަފާރި ވަޒީރު ހަވާޑް ލުޓްނިކް ވިދާޅުވެފައިވަނީ ޗައިނާއިން އިމްޕޯޓްކުރާ މުހިންމު ޓެކްނޮލޮޖީ އުފެއްދުންތަކަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެ ކަމަށާއި، ސެމިކޮންޑަކްޓަރާއި ބޭސް އުފެއްދުންތަކަށް އަމާޒުކޮށްގެން ވަކި ދާއިރާތަކަށް ޓެރިފް ކަނޑައެޅޭނެ ކަމަށެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުން ގޯސްވަމުންދާ ކަމަށް ފާހަގަކުރެވެއެވެ. އެމެރިކާއިން ޗައިނާގެ އުފެއްދުންތަކަށް ނަގާ ޓެރިފް 145 އިންސައްތައަށް ބޮޑުކޮށްފައިވާއިރު، ޗައިނާއިން އެމެރިކާގެ އުފެއްދުންތަކަށް 125 އިންސައްތައިގެ ޓެރިފެއް ވަނީ ކަނޑައަޅާފައެވެ.