ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލައިގައި ޖަވާބުދާރީވާން އދ އިން އަންގައިފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު: -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ މަސްލަހަތު ވަރަށް ބޮޑަށް އޮތް މައްސަލައެއް ބަލަމުން ދަނިކޮށް, ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކުރި މައްސަލަ އދ. އަށް ހުށަހެޅުމުން އެ މައްސަލައިގައި ދިވެހި ސަރުކާރު ޖަވާބުދާރީވުމަށް އެ ޖަމިއްޔާއިން އަންގައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ މިދިޔަ މަހު 26 ގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. އެއީ،

  • ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު
  • ފަނޑިޔާރު މަހާޒް އަލީ ޒާހިރު
  • ފަނޑިޔާރު ހުސްނުއްސުއޫދު

https://www.sun.mv/203791

އެކަމަކު، ސަސްޕެންޑުކޮށް ތިން ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް ބަލަމުން އަންނަނިކޮށް ސުއޫދު ވަނީ އިސްތިއުފާދެއްވައިފައެވެ.

ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ ބޭރުގެ އިދާރާތަކަށް ހުށަހެޅުއްވީ ސުއޫދެވެ. އދ.ގެ އިތުރުން ކޮމަންވެލްތާއި ވޯލްޑް ބޭންކުފަދަ މާލީ އިދާރާތަކުގެ ސަމާލު ކަމަށް ވެސް އޭނާ މި މައްސަލަ ގެންނެވިއެވެ.

ސުއޫދު މިއަދު "ސަން" އަށް ވިދާޅުވީ މިމަހުގެ ދެ ވަނަ ދުވަހު އދ. އިން ވަނީ މި މައްސަލައިގައި އަންނަ ޖޫން މަހުގެ ދެވަނަ ދުވަހު ކުރިން ޖަވާބުދާރީވުމަށް ދިވެހި ސަރުކާރަށް އަންގާފައި ކަމަށެވެ.

މި ކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ސުއޫދު ވިދާޅުވީ، އެ މައްސަލަ ހުށަހެޅުއްވީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ހިމާޔަތްކޮށް، ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރަން ކަމަށެވެ.

"އެކަން ކަށަވަރުނުވާނަމަ މި ޒަމާނުގައި ދައުލަތެއް ނުހިންގޭނެ. ބައިނަލްއަގުވާމީ ގުޅުންތަކެއް ނުދެމެހެއްޓޭނެ،" އޭނާ ވިދާޅުވިއެވެ.

ޖޭއެސްސީން ކުއްލި ގޮތަކަށް ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ޕާޓީ ބަދަލުކުރުމުންނާއި ޕާޓީން ވަކިކުރުމުން ވެސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ކުއްލި ގޮތަކަށް ގެނައި އިސްލާހާ ގުޅޭ ދުސްތޫރީ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވަން ވަރަށް ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައެވެ.

އޭގެ ފަހުން ޕީއެންސީން ވަނީ ސުޕްރީމް ކޯޓު ބެންޗު ހަތަކުން ފަހަކަށް ކުޑަކުރަން ވެސް ހުށަހަޅައި ފާސްކޮށްފައެވެ. އެ ބިލަށް ތާއީދުކުރަން ޕީއެންސީގެ ހުރިހާ މެންބަރުންނަށް އެންގިއެވެ. އެކަމަކު، އެ ބިލު ފާސްކުރިތާ އެތައް ދުވަހެއް ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލައިފައެވެ. އެއަށް ފަހު އެ ބިލް އޮތީ ކޮމެޓީ މަރުހަލާގައެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒުގެ މައްސަލައިގައި ޖޭއެސްސީއިން މިހާތަނަށް އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. އެ ދެ ފަނޑިޔާރުން ވެސް ތިބީ ސަސްޕެންޝަންގައެވެ.

comment ކޮމެންޓް