އެއް ދުވަސް ތެރޭ ސޮރީގެ ތިން ޝޯ ހައުސްފުލް

މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ، ފާތިމަތު ނަހުލާގެ "ސޮރީ"ގެ ޓިކެޓު ދޫކުރަން ފެށުމާއެކު ފުރަތަމަ ތިން ޝޯ ހައުސްފުލް ވެއްޖެއެވެ.

ނަހުލާގެ އަސަރުގަދަ ސޮރީ ދައްކަން ކައިރިވާ ވަރަކަށް ބެލުންތެރިންގެ ކެތްތެރިކަން އަންނަނީކޮޅުންލަމުންނެވެ. ފިލްމާ ގުޅޭ ތަފާތު މައުލޫމާތުތައް އަންނަނީ ފިލްމު ނެރުން ކައިރިވާވަރަކަށް އާންމުކުރަމުންނެވެ.

ނަހުލާގެ ސޮރީގެ ޓިކެޓު ދޫކުރަން ފަށާފައިވަނީ އިއްޔެއެވެ. އަދި، ފިލްމަށް ޓިކެޓު ދޫކުރަން ފެށުމާ އެކު އެއް ދުވަސް ވެސް ނުވަނީސް ފިލްމުގެ ފުރަތަމަ ތިން ޝޯ ވަނީ ހައުސް ފުލްވެފައެވެ. މިހާރު ޕްރޮޑަކްޝަނުން ވަނީ ފިލްމުގެ ހަތަރުވަނަ އަދި ފަސްވަނަ ޝޯގެ ޓިކެޓު ދޫކުރަން ފަށާފައެވެ.

ނަހުލާގެ ސޮރީއަށް އޮތް ޑިމާންޑް ވަރަށް ބޮޑެވެ. އެގޮތުން، އެތައް ބަޔަކު އަންނަނީ ޓިކެޓު ހޯދުމަށް ހޮޓްލައިނަށް ގުޅަމުންނެވެ. އެއާއެކު އެތައް ބަޔަކަށް ނަންބަރަށް ނުގުޅޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ޕްރޮޑަކްޝަނުން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން އާންމުންގެ ކިބައިން ވަނީ ޓީމުން މައާފަށް އެދިފައެވެ.

ނަމަވެސް، ފިލްމަށް އޮތް ޑިމާންޑު ބޮޑުކަން ފާހަގަކޮށް އެކަމާ ވަރަށް ހިތްހަމަޖެހިފައިވާ ކަމަށް ޓީމުން ވަނީ ފާހަގަކޮށްފައެވެ. ސޮރީގެ ޓިކެޓު ހޯދިމަށް ގުޅާނީ 77844422 އަށެވެ.

ނަހުލާގެ ސޮރީ އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 17ގައެވެ.

މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއުގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި ދޮށީ ދަރިފުޅު މަރިޔަމް އީނާޝް ސިނާންގެ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހު ވެސް ފެންނާނެއެވެ.

ސޮރީއަކީ ނަހުލާ ފިލްމު ޕްރޮޑިއުސް ކުރުމުން ބޮޑު ބްރޭކެއް ނެގުމަށް ފަހު އާ ފިލްމެއް އާންމުންނަށް ދޫކޮށްލާ ފުރަތަމަ ފަހަރެވެ. ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ.

comment ކޮމެންޓް