އަމާޒަކީ ރަށްރަށުގައި ތިބި މޮޅު ކުދީންނަށް ގައުމީ ޓީމަށް ދާން މަގުފަހިކޮށްދިނުން: ވަޒީރު

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު: ވަޒީރު ވިދާޅުވީ، އަމާޒަކީ ރަށްރަށުގައި ތިބި މޮޅެތި ކުދީން ނެޝެނަލް ޓީމަށް ދާނެ ޕާތްވޭއެއް އުފެއްދުން ކަމަށް -- ފޮޓޯ/ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ސަރުކާރުގެ އަމާޒަކީ ރަށްރަށުގައި ތިބި މޮޅެތި ކުދީންނަށް ޤައުމީ ޓީމަށް ދެވޭނެ މަގުފަހިކޮށްދިނުން ކަަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މ. މުލަކު ފުޓުބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައިދެއްވުމަށް ފަހު 'ސަން'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، މުލަކުގައި ހުރި ފިޓްނެސް ރިކްރިއޭޝަން ސެންޓަރު ފާއިތުވި 15 ވަރަކަށް އަހަރު ހިނގާފައިނުވާ ކަމަށެވެ.

ނަމަވެސް، މިހާރު ވުޒާރާއިން ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން، ހުއްޓިފައި ހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތުގެ ދަށުން ހިންގާ މަޝްރޫއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު، މ. މުލަކަށް ވަޑައިގަތުމުން އެ ރަށުން ވަޒީރަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކުރިއަށްގެންދިޔަ ލަނގިރިޖެހުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ފަރުމާކޮށްފައިވާނީ 187 ރަށެއްގައި ރިކްރިއޭޝަން ސެންޓަރުތައް ގާއިމުކުރާ ގޮތަށް ކަަމަށެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ ރައީސްގެ އިރުޝާދުފުޅުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ވެސް ގާއިމުކުރާ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ، އުންމީދަކީ މިހާރު މަޖިލީހުގައި އޮތް ކުޅިވަރާ ބެހޭ ގާނޫނު ފާސްވެ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުބާރާތްތައް ބޭއްވި، މުޅި ރާއްޖެ ޝާމިލުވާ ގޮތަށް މުބާރާތްތައް ކުޅެން ފެށުން ކަމަށެވެ.

މީގެ އެންމެ ބޮޑު ބޭނުމަކީ ރަށްރަށުގައި ތިބި މޮޅެތި ޓެލެންޓު ހުންނަ ކުދީން ނެޝެނަލް ޓީމަށް ދާނެ ޕާތްވޭއެއް ކްރިއޭޓްކުރުން. މިއީ އަޅުގަނޑު ދެކޭ ގޮތުގައި ފުޓުބޯޅައިގެ އަދި ކުޅިވަރުގެ ވެސް މެނޭޖްމެންޓަށް މުޅި ކުޅިވަރު ޑީސެންޓްރަލައިޒް ކުރުމުގެ ގޮތުން ހުރިހާ ކުޅިވަރަކުން އެ ކުޅިވަރެއްގެ ނެޝެނަލް ޓީމަށް [މުޅި ރާއްޖޭން] ކުދީން ނެގޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ސިސްޓަމެއް ކަމަށް އަޅުގަނޑު އުންމީދުކުރަނީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު

ވަޒީރު މުލަކަށް ކުރެއްވި ދަތުރުގައި ވަނީ އެ ރަށުގެ ކައުންސިލުން ތަރައްޤީކޮށްފައިވާ ލައިސެންސް ޓްރެކްގެ އިތުރުން އެ ރަށުގެ ފެރީ ޓާމިނަލް ވެސްް ހުޅުވައިދެއްވާފައެވެ.

https://sun.mv/203015

މި އަހަރާ އަންނަ އަހަރު ތެރޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރައްވާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރީން ވަނީ އިއުލާނުކުރައްވައިފައެވެ.

comment ކޮމެންޓް