އެކްސްގައި ތަފާތު ސިޔާސީ ބޭފުޅުންނާއި ސަރުކާރާ ގުޅޭ ގޮތުން ތަފާތު އެކި ވާހަކަތައް ހިއްސާކުރަމުން އަންނަ ކާކުކަން ނޭނގޭ އެކައުންޓު 'ހަސަން ކުރުސީ' ހިންގަނީ ކުރީގެ ދިވެހި ސިޔާސީ އިސް ލީޑަރެއް ކަމަށް ރަޝިއާއިން މިއަދު ބުނެފިއެވެ.
ކުރުސީ މި ފަހުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ޗިޕުތަކެއް ރަޝިއާއަށް ގެންދިޔަކަމަށް ތުހުމަތުކޮށްފައެވެ. އެ ވާހަކަ އޭނާ ދެއްކީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާ ސަފީރަށް އިޝާރާތްކުރައްވައެވެ.
އެ ޕޯސްޓާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ރަޝިއާއިން ލަންކާއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިވަން ޖަރުކަ ވިދާޅުވީ، ކުރުސީ މަސައްކަތްކުރަނީ އެމެރިކާއާ އެކު އެ ގައުމުން ބާއްވާ މަޝްވަރާތަކާއި އަދި ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް އެކުވެރި ގުޅުން ހީނަރުކުރަން ކަމަށެވެ.
"ކާކުކަން ނޭނގޭ މި އެކައުންޓުގެ މޭސްތެރިއަކީ ކާކުކަން ވަރަށް ސާފުކޮށް އެނގޭ،" ސަފީރު ވިދާޅުވިއެވެ.
އޭނާ ވަނީ ރާއްޖޭގެ ހީނަރުވެފައިވާ މާލީ ހާލަތު ރަނގަޅުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގިނަ ފިޔަވަޅުތަކެއް އަޅުއްވާކަން ފާހަގަކުރައްވާފައެވެ. އަދި، ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ އެތައް ހާސް ފަތުރުވެރިންނަކީ އެ ކަމަށް ވަރަށް ބޮޑަށް އެހީވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރަޝިއާއަކީ މި އަހަރު ވެސް ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އެ ގައުމުން މިހާތަނަށް 75،836 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ސަފީރު ވިދާޅުވި ގޮތުގައި ހަސަން ކުރުސީ އެކައުންޓު ހިންގަނީ ޔޫރަޕްގެ ގައުމެއްގައި 'ފިލައިގެން' ހުރި ކުރީގެ ސިޔާސީ އިސް ލީޑަރެކެވެ. އެ އެކައުންޓުން ދައްކާ ވާހަކަތަކާ ގުޅިގެން ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް ގުޅުންތަކަށް އަސަރުކުރިއަނުދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޮކްޓޫބަރު 2022 ގައި އޭރުގެ ޓުވިޓާގައި އުފެއްދި ކުރުސީ އެކައުންޓުން އަންނަނީ ސަރުކާރާއި ސިޔާސީ އެކިއެކި ބޭފުޅުންނަށް ފާޑުކިޔައި، ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުންނެވެ. އެ އެކައުންޓުގެ މައްސަލަ ބޮޑުވެ، އޮގަސްޓް 2023 ގައި އެއީ ކާކުކަން ހޯދަން ފުލުހުން ކްރިމިނަލް ކޯޓު މެދުވެރިކޮށް އަމުރެއް ވެސް ނެރުނެވެ. އެކަމަކު، އަދިވެސް އެއީ ކާކުކަން ރަސްމީކޮށް ހޯދިފައެއް ނުވެއެވެ.
މިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ އެކައުންޓު މަޝްހޫރުވާން ފެށިއިރު އެންމެ ގިނަ ބަޔަކު ތުހުމަތުކުރީ އެއީ އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ އެކައުންޓެއް ކަމަށެވެ.
އެ ގޮތުން، އެ މަނިކުފާނު ކުރިން ލިޔުއްވާފައިވާ ބައެއް ލިޔުއްވުންތަކުގައި އެ މަނިކުފާނާ އެއްގޮތް ޝަހުސިއްޔަތެއްގެ ގޮތުގައި 'ހަސަން ކުރުސީ' ކިޔާ ޝަހުސިއްޔަތެއް ގެންގުޅުއްވިއެވެ. އަދި، ކުރިން 'އެލެކްސް އަހުމަދު'ގެ ނަމުގައި މިހާރު 'އެމްއެން އަންއޮފިޝަލް' އެކައުންޓް ވެސް އެ މަނިކުފާނު ހިންގެވީ ކާކުކަން ނޭނގޭ ގޮތަށެވެ. އެއީ، އެ މަނިކުފާނު ހިންގަވާ އެކައުންޓެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ 'އަލެކްސް އަހުމަދު' އެކައުންޓު ހިންގަވަނީ އެ މަނިކުފާނު ކަމަށް އިއުތިރާފުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކުރުސީ އެކައުންޓު ހިންގަނީ ނަޝީދު ކަމަށް ކުރި ތުހުމަތުތަކަށް ނަޝީދު އިންކާރުކުރައްވައެވެ. އެ ގޮތުން، އެ މަނިކުފާނު ވަނީ ޖިސްމާނީ ގޮތުން ކުރުސީއަކީ އެ މަނިކުފާނު ނޫން ކަމަށް ވިދާޅުވެފައެވެ. ފަހުން ވެސް އެ ތުހުމަތުތައް ކުރެވުމުން ޖަނަވަރީ 10، 2024 ގައި ނަޝީދު ވަނީ ކުރުސީ އެކައުންޓާއި އެ މަނިކުފާނާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
އެ ނޫން ވެސް އެކިއެކި ސިޔާސީ ބޭފުޅުންނާއި މީހުންނަށް ކުރުސީ އެކައުންޓު ހިންގާކަމަށް ތަފާތު މީސްމީހުން ތުހުމަތުކުރެއެވެ. އެކަމަކު، އެ އެކައުންޓު ހިންގަނީ ކާކުކަމެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.
މިހާރު 50،000 އަށްވުރެ ގިނަ މީހުން އެކްސްގައި ކުރުސީ ފޮލޯކުރެއެވެ.