ދިވެހި ފިލްމު އިންޑަސްޓްރީން 2000ގެ ކުރީކޮޅުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި އެކްޓަރު ޚަދީޖާ އިބްރާހީމް (ކުޑަ ހައްޖަ) ދެން ކެމެރާ ކުރިމަތީން ނުފެންނާނެ ކަމަށް ހާމަކޮށްފިއެވެ.
ދިވެހި ފިލްމު އިންޑަސްޓްރީ އާ އެތައް އަހަރެއް ވަންދެއް ދުރުގައި ހުރުމަށްފަހު އަލުން އޭނާ އެނބުރި އައިސްފައިވަނީ މިދިޔަ އަހަރު ނެރުނު މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ ފިލްމު "ލަސްވިޔަސް" އިންނެވެ. ފިލްމުގައި ހައްޖަ ފެނިފައިވަނީ ސަޕޯޓިން ރޯލަކުންނެވެ. އެތައް ބަޔަކު ހީކޮށްގެން ތިބީ، މި ރޯލާއެކު ހައްޖަ ފިލްމު އިންޑަސްޓްރީއަށް އެނބުރި އައީ ކަމަށެވެ. ނަމަވެސް ފިލްމު އިންޑަސްޓްރީން ނުފެންނާނެ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
ދިވެހި އެފްއެމްއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ހައްޖަ ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި އިތުރު ފިލްމަކުން އޭނާ ފެނުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. އަދި އެއީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމުގައި ވެސް ހައްޖަ ބުނެފައިވެއެވެ.
ޓެޑްރީގެ ލަސްވިޔަސްގެ ރޯލެއް ކުޅެން ނިންމީ، އެއީ ފިލްމު އިންޑަސްޓްރީއަށް އަލްވަދާއު ކިޔުމުގެ ގޮތުން ކުޅޭ ރޯލަކަށް ހަދަން ބޭނުން ވެގެން ކަމަށް ހައްޖަ ފާހަގަކޮށްފައިވެއެވެ.
ހައްޖަ އެންމެ ފުރަތަމަ ދިވެހި ފިލްމު އިންޑަސްޓްރީން ފެނިފައިވަނީ 2003 ވަނަ އަހަރެވެ. އެއީ ފާތިމަތު ނަހުލާގެ ހިޓު ފިލްމު "ކަލާޔާ ނުލާ"ގެ ގެސްޓު ރޯލަކުންނެވެ. އެ އަހަރު އޭނާ ވަނީ ޓެލެޑްރާމާ "ރުހެވޭނީ ކޮން ހިތަކުން؟" އިން ވެސް ފެނިފައެވެ. އެއަށްފަހު ތަފާތު ބޮޑެތި ޕްރޮޖެކްޓުތަކުން ހައްޖަ ވަނީ ފެނިފައެވެ. އޭގެތެރޭގައި "އެދަތުރު" އާއި "ލޫދިފާ" އާއި "ތީޔޭ މިހިތުގެ ވިންދަކީ" އަދި "ވައިރޯޅިއަށްވެސް ސިއްރުން" ފަދަ އުފެއްދުންތައް ހިމެނެއެވެ.
ހައްޖަގެ އެކްޓިންއަށް އޭނާ ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ރޯލަށް ހަތަރު ފަހަރަކު ނޯމިނޭޓް ވެފައެވެ. އެންމެ ފަހުން އޭނާ ނޮމިނޭޓް ވެފައިވަނީ 2019 ގައި "ވަކިން ލޯބިން"ގެ ރޯލަކަށެވެ. އެ އަހަރު ހައްޖަ ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑު ކާމިޔާބުކޮށްފައެވެ.
@dhivehifm #EtharinMihaaru #wednesday@14:00 #DhivehiFm91 ♬ original sound - DhivehiFM