2000ގެ ޖީލަށް ސިނގިރޭޓު މަނާނުކުރީ، ނަތީޖާ ނެރެވޭނެ ގޮތަށް ބަލައިގެން: ރައީސް

'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ ގިނަ ވޯޓު ލިބުނު ނަމަވެސް 2000ގެ ޖީލަށް ދުންފަތް މަނާނުކުރީ ނަތީޖާ ނުނެރެވޭނެތީ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ޖީލަކަށް ދުންފަތް މަނާކުރުމުގެ "ޖެނަރޭޝަނަލް ބޭން"ގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ނެންގެވި ޕޯލްތަކުން 2،000ގެ ޖީލުން ފެށިގެން ސިނގިރޭޓު މަނާކުރުމަށް ގިނަ ވޯޓު ލިބުނު ނަމަވެސް، އެގޮތަށް ނުނިންމެވީ ނަތީޖާ ނުނެރެވޭނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

ޖެނަރޭޝަނަލް ބޭންގެ ވާހަކަ އެންމެ ފުރަތަމަ އެ މަނިކުފާނު އިއުލާނުކުރެއްވީ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ.

އޭރު އެ މަނިކުފާނު ވަނީ ތިން ހުށަހެޅުމެއް ދެއްވައިފައެވެ. އެއީ:

  • ޖެނުއަރީ 1، 2000ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
  • ޖެނުއަރީ 1، 2004ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
  • ޖެނުއަރީ 1، 2007ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.

މި ތިން ހުށަހެޅުމަށް ސޯޝަލް މީޑިއާގައި އެމަނިކުފާނު ނެންގެވި ޕޯލްތަކުން އެންމެ ގިނަ މީހުން ވޯޓުދިނީ 2،000ގެ ޖީލުން ފެށިގެން ދުންފަތް މަނާކުރުމަށެވެ.

ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ކެބިނެޓުން ނިންމީ 2007 ވަނަ އަހަރުގެ ޖީލުން ފެށިގެން ދުންފަތް މަނާކުރުމަށެވެ.

ކޮންމެ ބުރާސްފަތި ދުވަހެއްގައި ގެނެސްދޭ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކެބިނެޓުން އެގޮތަށް ނިންމީ ރައްޔިތުންގެ ނިންމުމަށް އިޙުތިރާމު ނުކުރާތީކީ ނޫން ކަމަށެވެ. ނަމަވެސް އެއީ ނަތީޖާ ނެރުން އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

"ޒުވާނުންގެ އާބާދީގެ ބޮޑު ބަޔަކު ދުންފަތުގެ ތެރޭގައި އުޅޭއިރު، ކެބިނެޓުން އެ ނިންމުން ނިންމިއިރު ބެލީ އަމަލީ ސިފައެއް ގެނެވޭނެ ގޮތަކަށް،" ރައީސް ވިދާޅުވިއެވެ.

"...މި އުޅެނީ ރައްޔިތުންގެ މައްޗަށް ކަމެއް މަޖުބޫރުކުރަން. ކަމެއް މަޖުބޫރުކުރަން ބަލާއިރު ބަލަން ޖެހޭނެ އޭގެ ސަބަބަކުން ބަޔަކަށް އުނދަގޫ ނުވާނެ ގޮތަކަށް އެ ކަން ކުރަން."

ރައީސް ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ވަކި ޖީލެއް ނުބަލައި އެންމެން ވެސް ދުންފަތާ ދުރުކުރުން ކަމަށެވެ. އަދި އެކަން ކުރުމަށް އެ ނިންމުމަކީ މެދު މިނެއްގެ ހައްލެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކެބިނެޓުން ނިންމަފައިފައިވަނީ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްހާލުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް އެންގުމަށެވެ. އެގޮތުން އެ ގާނޫނަށް އިސްލާހު ގެނެސް ތަސްދީގު ކުރާ ތާރީޚުން ފެށިގެން ގާނޫނަށް އަމަލުކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މި އަހަރުގެ ނޮވެންބަރުން ފެށިގެން ގާނޫނު ތަންފީޒުކުރަން ފެށުމަށް ކެބިނެޓުގެ ނިންމުމުގައިވެއެވެ.

https://sun.mv/204728

ސޯޝަލް މީޑިއާގައި ރައީސް ނެންގެވި ޕޯލްގެ ވަގުތު ހަމަވިއިރު އެކްސްގައި އެ ޕޯލަށް 5،501 މީހުން ވޯޓު ދިނެވެ. އޭގެ ތެރެއިން 51.1 ޕަސެންޓު ތާއީދުކުރީ ޖެނުއަރީ 1، 2000ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށެވެ. އެއީ 2،809 ވޯޓެވެ.

ޖުމްލަ ވޯޓުގެ ތެރެއިން 41 ޕަސެންޓު މީހުން ތާއީދުކުރީ ޖެނުއަރީ 1، 2007ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާށެވެ. އެއީ 2،242 ވޯޓެވެ.

https://sun.mv/204536

ޖެނުއަރީ 1، 2004ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ވޯޓުދިނީ އެންމެ 450 މީހުންނެވެ. އެއީ އެންމެ އަށް ޕަސެންޓެވެ.

ޖެނެރޭޝަނަލް ބޭން އާ ގުޅިގެން ރައީސް ވިދާޅުވީ، 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާތާ އަދި މާ ގިނަ ދުވަހެއް ނުވާނެ ކަމަށެވެ. އަދި އެކަމުން އެ ކުދިން ސަލާމަތްކުރުމަށް ފަސޭހަ ވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެ މަނިކުފާނު ހުށަހެޅުއްވި ތިން ގޮތް ވެސް ފަންނީ ލެވެލެއްގައި މަޝްވަރާ ކުރުމަށްފަހު، ކޮންމެވެސް އެއް ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ. އޭރުން ގާނޫނަކުން އެ އުމުރުގެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސިނގިރޭޓު އެތެރެކޮށް، ސިނގިރޭޓުގެ ވިޔަފާރިކުރާ މީހުން، އެ ވިޔަފާރި ދޫކޮށްލަން ވެސް ރައީސް ވަނީ ގޮވައިލައްވައިފައެވެ.

comment ކޮމެންޓް