މިދިޔަ އަންގާރަ ދުވަހު ސިނަމާލެ ބުރިޖުގެ ހައިވޭގައި ވޭނަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ހަ އަހަރުގެ ކުޑަ ކުއްޖާއަށް އަދިވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
"ސަން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި ހަ އަހަރުގެ ކުއްޖާއަށް އަދިވެސް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ.
ނަމަވެސް ކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ހާދިސާގައި އަނިޔާވި ފިރިހެން މީހާއަށް ފަރުވާދެނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ. ނަމަވެސް އޭނާގެ ހާލުވެސް ރަނގަޅުވަމުން އަންނަކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
އެކްސިޑެންޓް ހިނގި ދުވަހު މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، އެ އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އެ ދުވަހުގެ 17:53ހާއިރުގައި ކަމަށެެވެ.
އެކްސިޑެންޓް ހިނގަން މެދުވެރިވީ ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި، މާލެއިން ހުޅުމާލެއަށް ދާ ލޭނުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ.
މަންޒަރު ދުށް މީހަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، އެކްސިޑެންޓުވުމުން ކުޑަކުއްޖާ ވިއްސައިގެން ގޮސް ޖެހިފައިވަނީ، ސައިކަލާ ދުރު ހިސާބެއްގައެވެ. ހައިވޭގެ އެ ހިސާބަށް ލޭ ފައިބައިފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.