މާލޭ, ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮށްވައި މިއަދު ފެނުނު ޒުވާން އަންހެނަކަށް ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 7:23 ގައި ކަމަށެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުރާޅުމައްޗަށް ވެއްޓިފައި އޮށްވައި ފެނިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުން އެ އަންހެން ކުއްޖާ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނީ އެތާ ކައިރި ހުރި އެހެން އިމާރާތެއްގެ މަތިންނެވެ.
ނަމަވެސް، އޭނާ އެތަނަށް ވެއްޓުނު ގޮތެއް ފުލުހުން އަދި ހާމަ ނުކުރާތީ އެކަން ވަނީ ޔަގީން ކުރެވޭ ގޮތް ނުވެފައެވެ.
އައިޖީއެމްއެޗްގެ ބަހެއް ނުލިބޭތީ އޭނާގެ ހާލަތުގެ ތަފުސީލެއް ވެސް އަދި ނުލިބެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.