ޗައިނާއިން ޔަމަންގެ ޙޫޘީންނަށް އެހީވާ ކަމަށް އެމެރިކާއިން ރަސްމީކޮށް ތުހުމަތުކޮށްފި

އެމެރިކާ ޔަމަނަށް އުދުވާނީ ހަމަލާތައް ދެނީ

ވޮޝިންޓަން (19 އެޕްރީލް 2025): ޗައިނާއިން ޔަމަންގެ ޙޫޘީންނަށް އެހީވާކަމަށް އެމެރިކާ ރަސްމީކޮށް ތުހުމަތުކޮށްފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާއިން ހޫޘީންނަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދޭ ކަމަށާއި އަދަން ކަނޑުއޮޅިއާއި ބާބުލް މަންދަބުގެ ކައިރިން ދަތުރުކުރާ އެމެރިކާއާއި އިސްރާއީލުގެ ބޯޓުތަކުގެ ޕޮޒިޝަންތައް އެހާ ރަނގަޅަށް ޙޫޘީންނަށް އެނގެނީ ސެޓަލައިޓްގެ އެހީގައި ޗައިނާ ފޯރުކޮށްދޭ މައުލޫމާތުގެ ސަބަބުންކަން ކަށަވަރުވެފައިވާ ކަމުގައެވެ.

މިކަން ކުރަނީ ޗައިނާ ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ޗަންގް ގުއަންގް ސެޓެލައިޓް ޓެކްނޮލޮޖީންކަން ޔަގީން ވެފައިވާ ކަމަށާއި މިއީ ގަބޫލުކުރެވޭނެ ކަމެއްނޫންކަަމަށް އެެމެރިކާ ބުނެއެވެ. ޗައިނާ ބުނާގޮތުން އެމެރިކާ ދައްކާ ވާހަކަތަކުގެ ހަގީގަތެއް ނެތެވެ. އަދި މިއީ ސިޔާސީ ބޭނުމުގައި އެމެރިކާ ދައްކާ ވާހަކަތަކެއް ކަމަށްވެސް ބެލެވޭ ކަމުގައެވެ.

ހޫޘީން ބުނާގޮތުން އެ ޖަމާއަތުން އެމެރިކާގެ އާގު ބޯޓުތަކަށާއި އަސްކަރީ މަނަވަރުތަކަށް ހަމަލާދެނީ އެމެރިކާއިން އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާކޮށް ޔަހޫދީ ޓެރަރިޒަމަށް ވާގިވެރިވާތީއެވެ.

ޚާއްސަކޮށް ޣައްޒާގައި އިސްރާއީލު ހިންގާ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖެނޮސައިޑަށް އެމެރިކާ ފާޅުކަންބޮޑުގޮތެއްގައި އެހީވާތީއެވެ. އަދި އެމެރިކާއިން ޔަމަންގެ އާންމުންނަށް ހަމަލާދީ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދިޔުމަކީވެސް ހޫޘީންގެ ހަމަލާތައް އެމެރިކާގެ އާގު ބޯޓުތަކަށް އަމާޒުވާ މައިގަނޑު ސަބަބެކެވެ.

އެމެރިކާ އިއްޔެވެސްވަނީ ޔަމަންގެ ބަނދަރަކަށް ހަމަލާދީ އާންމުންގެ 80އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. އެމެރިކާއަކީ އަބަދުވެސް އެމެރިކާއަށް ވުރެ ބަލިކަށި ފަރާތްތަކަށް ބާރުދައްކައި ހަމަލާތައް ދޭ ގައުމެކެވެ. އެމެރިކާއާ އެއްވަރުގެ ނުވަތަ އެމެރިކާއަށް ވަރުގަދައަށް ރައްދު ދެވޭފަދަ ބާރުތައް ދެކެ ބިރުގަންނަ ޖެހިލުންވާ ގައުމެކެވެ.

ހޫޘީންގެ ރައްދު ހަމަލާތަކުގެ ސަބަބުން އެމެރިކާއާއި އިސްރާއީލުގެ އާގުބޯޓުތަކަށް ޖެހިފައިވަނީ ރަތްކަނޑުން ގޮސް ސްވޭސް ހުރަސް ކުރުމުގެ ބަދަލުގައި އެފްރިކާ ވަށާލާފައި ދާށެވެ. މިކަމުގެ ސަބަބުން އެތައް ސަތޭކަ މިލިޔަން ޑޮލަރެއްގެ ގެއްލުމަކާ އެމެރިކާގެ ކުންފުނިތައްވަނީ ކުރިމަތިލާން ޖެހިފައެވެ.

ހޫޘީންގެ ރައްދު ހަމަލާތަކުގައި އެމެރިކާގެ 180 އަށްވުރެ ގިނަ އާގު ބޯޓަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އަދި ހޫޘީންގެ މިސައިލްތަކެއްވެސް އެމެރިކާގެ އަސްކަރީ ދެ މަނަވަރަކަށް އެރިކަމުގެ ރިޕޯޓްތަކެއް ދާދިފަހުންވަނީ ފެންމަތިވެފައެވެ. ގަލްފުގެ އަރަބި ގައުމެއްގެ ޑޮކްޔާޑަކަށް އެދެމަނަވަރު މަރާމާތުކުރަން ގެންދިޔަކަންވަނީ ހާމަވެފައެވެ. މިކަމާބެހޭގޮތުން އެމެރިކާ އެއްޗެއް ނުބުނެއެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ފައިނޭންޝަލް ޓައިމްސްވެސް މިދިޔަ ހަފުތާގައިވަނީ ސެޓެލައިޓް ޚިދުމަތްތައް ފޯރުކޮށްދޭ ޗައިނާގެ ކުންފުންޏަކުން ޙޫޘީންނަށް އެހީތެރިކަން ފޯރުކޮށްދޭކަން އިނގިރޭސި ޖާސޫސީ އިދާރާ އެމްއައިފައިވްއިން ކަށަވަރުކޮށްދޭ ކަމަށްބުނެފައެވެ.

ފައިނޭންޝަލް ޓައިމްސް ބުނާގޮތުން ޗައިނާގެ ބޭނުމަކީ ޙޫޘީންނަށް އެހީތެރިވެދީގެން އެމެރިކާގެ ބައެއް ބާވަތްތަކުގެ ހަތިޔާރު ހަފުސްކޮށްލުމެވެ. އެމެރިކާ، ޙޫޘީންނަށް ދޭ ހަމަލާތަކުގައި ބޭނުންކުރާ ކަމަށްވަނީ ޗައިނާ އީރާން ފަދަ ގައުމުތަކާ ކުރިމަތިލުމަށް ބޭނުންކުރާ ބާވަތުގެ އަގުބޮޑު އަދި ބާރުގަދަ ހަތިޔާރެވެ.

މި ހަތިޔާރުތަކުން ހަމަލާދީ ޔަމަންގެ ހަތިޔާރުނެތް އާންމުން މެރުމުގައި އެމެރިކާ ކާމިޔާބު ހޯދިނަމަވެސް ހޫޘީންގެ އަސްކަރީ ގާބިލްކަން ފުނޑުފުނޑުކޮށްލުމުގައި އެމެރިކާވަނީ ވަރަށް ބޮޑަށް ނާކާމިޔާބުވެފައެވެ. މި ބާވަތުގެ އަގުބޮޑު އަދި އުފައްދަން ދިގު މުއްދަތެއް ނަގާ ހަތިޔާރު އެމެރިކާ އަތުން ހުސްވަމުންދާތީ އެމެރިކާގެ ދިފާއީ ވުޒާރާގެ މަސްއޫލުވެރިއަކު ދާދި ފަހުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޔަމަނަށް ދޭ ހަމަލާތަކުގައި އަގުބޮޑު ހަތިޔާރު ބޭނުންކުރާތީ މިކަމުގެ ސަބަބުން އެމެރިކާއަށް އެތައް ބިލިޔަން ޑޮލަރެއްގެ ގެއްލުން ވަމުންްދާކަން ޕެންޓަގަންއިންވަނީ އިއުތިރާފު ވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް