ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ 133ވަނަ އަހަރީ ދުވަހުގެ ޕެރޭޑުގައި ސިފައިންގެ ޚިދުމަތަށް އަލަށް ގަނައި އުޅަނދުތައް ދައްކައިލައިފިއެވެ.
ދިވެހި ސިފައިންގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހެވެ. ނަމަވެސް އެ ދުވަހަކީ ރަސްމީ މަސައްކަތު ދުވަހަކަށްވާތީ އަހަރީ ދުވަހުގެ ޕެރޭޑު ވަނީ މިއަދު ބާއްވާފައެވެ.
އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ކުރިއަށްގެންދިޔަ ޕެރޭޑުގައި އެމްއެންޑީއެފްގެ ހުރިހާ ބާރަކުން ބައިވެރިވެފައިވާއިރު އެމްއެންޑީއެފްއިން ބުނީ މިއަދު ޕެރޭޑުގެ ޚާއްސަކަމަކީ އަލަށް ގެނެވުނު ވެހިކަލްތައް ދައްކާލުން ކަމަށެވެ.
ވެހިކަލްތަކާ ބެހޭގޮތުން ވާހަކަދައްކަމުން އެމްއެމްޑީއެފުން ބުނީ މި ވެހިކަލްތަކަކީ އޫއޭއީގެ އުފެއްދުމެއް ކަމަށެވެ. ރާއްޖެފަދަ އެއްގަމާއި ކަނޑު ބޮޑު ގައުމަކަށް ބަލާއިރު މި ވެހިކަލްތަކަކީ ބޭނުންކުރަން ފަސޭހަ ވެހިކަލްތަކެއް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

19 އެޕްރީލްް 2025: ދިވެހި ސިފައިންގެ 133ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޕެރޭޑު -- ސަން ފޮޓޯ/ މޫސާ ނަދީމް
އެމްއެންޑީއެފްއިން ބުނީ މި ވެހިކަލްތަކަކީ ކުރީން ސިފައިން ބޭނުންކުރި ވެހިކަލްތަކަށްވުރެ ދިފާއީ ގޮތުން ވަރުގަދަ ވެހިކަލްތަކެއް ކަމަށެވެ.
އެގޮތުން މަޑު ފަސްގަނޑުމަތީގަޔާއި އަތިރިމަތީގައިވެސް މި ވެހިކަލްތައް ފަސޭހަކަމާއެކު ދުއްވާލެވޭނެ ކަމަށާއި ތާރު މަގުތަކުގެ އިތުރުން ގާޖަހާފައި ހުންނަ މަގުތަކުގައި ވެސް މި ވެހިކަލްތައް ފަސޭހަކަމާއެކު ދުއްވާލެވޭނެ ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

19 އެޕްރީލްް 2025: ދިވެހި ސިފައިންގެ 133ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޕެރޭޑު -- ސަން ފޮޓޯ/ މޫސާ ނަދީމް
މި އަހަރުގެ އަހަރީ ދުވަހުގެ ޕެެރޭޑުގައި ގިނަ އުޅަނދުތަކެއް ފެނިގެން ނުދިޔަ ނަމަވެސް ސިފައިންގެ ހުރިހާ ބަހާއަކުން ގެމައެއް މި ޕެރޭޑުގައި ވަނީ ދައްކާލާފައެވެ. އެގޮތުން މިއަރުގެ ޕެރޭޑަށް ބަލާއިރު ކޯސްގާޑްގެ ޚިދުމަތާއި މެރިން ކޯޕްސްގެ އިތުރުން އެއާ ކޯޕްސް، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު، ސާވިސް ކޯޕްސް، މެޑިކަލް ކޯޕްސް، އޭޖީ ކޯޕްސްގެ އިތުރުން ހުރިހާ ޑިޕާޓްމެންޓަކުން މި ޕެރޭޑުގައި ބައިވެރިވެފައިވާކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އެމްއެންޑީއެފް ބޭންޑުގެ ތަފާތު ހަރަކާތްތައް މިފަހަރުގެ ޕެރޭޑުގަ އިވެސް ވަނީ ދައްކާލާފައެވެ.
މިއަދުގެ ޕެރޭޑު ބަލައިލުމަށް ވެސް އާންމުންގެ ގިނަ ބަަޔަކު ވަނީ މަގުމައްޗަށް އެއްވެ މަގުތައް ފުރާލާފައެވެ. އާންމުކޮށް ސިފައިން ޕެރޭޑު ބާއްވަނީ މިނިވަން ދުވަސް ފަދަ ގައުމީ ދުވަސްތަކުގައެވެ.