ބަންގިއަށް މަލެއް ފޮޅޭ ވާހަކަ ޤަބޫލުކުރާނީ ކޮންބައެއްތޯ؟

"ބަންގިއަށް މައު ފޮޅޭ ވާހަކަ ޤަބޫލުކުރާނީ ކޮންބައެއްބާއެވެ؟" މިއީ ކޮށްލަން ރަނގަޅު ސުވާލެއް ކަމުގައި އަޅުގަނޑު ވެސް ދެކެމެވެ. މި ސުވާލަށް ސީދާ ގޮތުން ދެވޭނެ އޮންނާނީ 2 ޖަވާބެކެވެ. އެއީ "އަހަރެން ޤަބޫލު ކުރަމެވެ." ނޫނީ "އަހަރެން ޤަބޫލެއް ނުކުރަމެވެ." ދެން ހުންނާނީ ނުސީދާ ޖަވާބުތަކެވެ. އެއީ "މާތް ﷲގެ ކުޅަދުންވަންތަ ކަމާމެދު ޝައްކެއް ނުކުރަމެވެ." ނޫންނަމަ "އިންކާރެއް ނުކުރަމެވެ." ނޫންނަމަ "ނުވުމަށްވުރެ ވުން ގާތް ކަމެކެވެ." މިފަދަ އެތައް ޖަވާބެކެވެ.

މީގެ ކޮންމެ ޖަވާބަކުން ވެސް މީސްތަކުން އެކި ބަޔަށް ބައިވެ ފަޅިފަޅި އަށް ބެހިދާނެއެވެ. މި ކަމާމެދު އަޅުގަނޑު ވެސް ވިސްނައިލީމެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް އޮތްތޯ ފިކުރު ހިންގައިލީމެވެ. އަޅުގަނޑަށް ވިސްނުނީ ބައިވަރު އިތުރު ސުވާލުތަކެކެވެ.

އަޅުގަނޑު މި މަލުގެ ޚަބަރު ދުށީ މީސްމީޑިޔާގައި ދައުރުވަމުން އައި ވީޑިއޯ އަކުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޑަރޯގާއެއް، އޭނާ ހައްދާ ބަގީޗާ ގަހެއްގައި އަޅާ މަލަކާ ބެހޭގޮތުން މައުލޫމާތު ދެނީއެވެ. އެ މަލުގެ އަޖައިބުކަމެއް ފެނިގެން އެ ވާހަކަ ދައްކަނީއެވެ. ދުނިޔޭގެ މަޝްހޫރު ޚަބަރު ޗެނަލެއް ކަމުގައިވާ، ކޭބަލް ނިއުސް ނެޓްވޯކުން ޝާއިޢުކޮށްގެން އުޅޭ ވީޑިއޯ ރިޕޯޓެކެވެ. ޑަރޯގާ ބުނާ ގޮތުން، އޭނާގެ ބަގީޗާގައި އިންނަ އެ މައު ބަންގީގެ އަޑަށް ފޮޅެއެވެ. އަދި ވީޑިއޯއިން އެ މަންޒަރު ފެންނައިރު ބަންގީގެ އަޑު ވެސް އިވެއެވެ. މި ވީޑިއޯގައި ބުނާ ގޮތުން އެ ފެންނަ ރީނދޫ ކުލައިގެ މައު ފޮޅޭނީ ބަންގީގެ އަޑު އިވުމުންނެވެ.


މި އަޖާއިބު ވާހަކައިން މީސްތަކުން ހައިރާން ކުރުވިއެވެ. އަދި ލޯބިވާ މީހުންނާއި ދަންނަ އެންމެންނަށް މި ވާހަކަ ހިއްސާކުރަން އެ މީހުންގެ ޒަމީރު މަޖުބޫރު ކުރުވިއެވެ. އެފަދަ ގޮތަކުން އަޅުގަނޑާ ހަމައަށް ވެސް މި ޚަބަރު އައެވެ. އަދި ކަމުގެ އަޖާޢިބު ޙައިރާން އަޅުގަނޑަށް ވެސް ކުރިލެއް ބޮޑު ކަމުން މީގެ ޙަޤީޤަތަކީ ކޮބައިތޯ ނުބަލާ ނުހުރެވޭ ގޮތް ވެއްޖެއެވެ.
ތަންކޮޅެއް ދިގުކޮށް ނަމަވެސް މި ވާހަކަ ދައްކާލާ ހިތްވާތީ ލިޔެލާނަމެވެ. ކެތްތެރިކަމާއެކީ މި ވާހަކަތައް ވިދާޅުވެދެއްވިއްޔާ ވަރަށް އުފާ ކުރާނަމެވެ. ސުވާލު ގުޅެނީ އަޤީދާގެ މައްސަލައަކާ ނޫނެވެ. އެހެނަސް.... ޖަވާބު އަޤީދާގެ މައްސަލައަކާއި ގުޅުވޭތަން ނުފެނޭ ހެއްޔެވެ؟

މި މަލުގެ ނަމަކީ "އީވިނިންގ ޕްރައިމްރޯސް" (evening primrose)އެވެ. މި މައު ފޮޅެނީ ހަވީރަށެވެ. މާމަލުގެ ދިރާސާކުރާ ފަރާތްތަކުން ބުނަނީ މި މައު ފޮޅޭސަބަބަކީ އިރުގެ އަލި ފަނޑުވުން ކަމެވެ. މި ހިސާބުން އުފައްދަންވީ ސުވާލަކީ މި މައު މެންދުރު ނަމާދުގެ ބަންގި އަށް ވެސް ފޮޅޭ ތޯއެވެ؟ އިޝާ ނަމާދުގެ ބަންގި އަށް ވެސް ފޮޅޭ ތޯއެވެ؟ ދެ ބަންގި ދޭތެރޭ މި މައު އަލުން މޯޅިވަނީ ތޯއެވެ؟ މިކަހަލަ އެތައް ސުވާލެކެވެ.

އަދި ވެސް އަޑު އައްސަވާށެވެ. މަލުގެ ދިރާސާ ކުރަށްވާ އެހެން ފަރާތްތަކުން ބުނަނީ އޮޕޭރާ ކިޔާ އަޑަށް މި މައު ފޮޅޭ ކަމަށެވެ. ދެން އޮތް ސުވާލަކީ ބަންގީގެ އަޑު ނުވަތަ އޮޕޭރާގެ އަޑު ނީވޭ ހިސާބެއްގައި މި މައު ފޮޅޭނެތޯ ނުވަތަ ނޫންތޯއެވެ؟ މައު ފޮޅޭކަމަށް ބެލެވޭ ގަޑިއެއްގައި ބަންގި ނުގޮވައިފިއްޔާ މި މައު ފޮޅިދާނެބާއެވެ؟ ނުވަތަ އެ ދުވަހަކު މި މައު ނުފޮޅި އެ ގޮތުގައި އިންނާނީބާއެވެ؟ ހައްތާވެސް ސުވާލެވެ.
ތިބޭފުޅުންނަށް މި ހުށައަޅާ ލިންކަށް ބައްލަވާށެވެ.

މި ލިންކުގައިވާ ވީޑިއޯއިން ފެންނަނީ ކުޑަކުދިންތަކެއް ވާހަކަ ދައްކަމުން ނުވަތަ އެހެންމިހެން އުޅެމުން ދަނިކޮށް މި ބުނާކަހަލަ މަލެއް ފޮޅެމުން އަންނަ މަންޒަރެވެ. މިއީ ވެސް ވެދާނެ ކަމެއް ބާއެވެ؟
ދެން އޮތް ވާހަކަ އަކީ ބަންގި ޝަރުޢު ކުރެއްވުމުގެ ކުރިން މި މައު ފޮޅުނީ ކިހިނެއް ބާއެވެ؟ ނުވަތަ މިއީ ބަންގިއާ އެކު ދުނިޔެއަށް ފޮނުވުނު މަލެއް ބާއެވެ؟ މި ވެސް ކޮށްލުން ރަނގަޅު ސުވާލެއް ނޫންތޯއެވެ؟
އަދި ވެސް ސުވާލެއް އުފައްދަމާ ބަހީއެވެ. ބަންގީގެ އެތައް ވައްތަރަކާއި ސްޓައިލެއް އުންނައިރު މި މައު ފޮޅެނީ އެތަނުން ކޮން ވައްތަރެއްގެ ބަންގިއަކަށް ތޯ ކުރެވޭ ސުވާލެވެ.ބައެއް މިސްކިތްތަކުން ގޮވާ ބަންގި ޞައްޙަ ނުވާނެ ކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ވާހަކަ އަޅުގަނޑު އަޑު އެހީމެވެ.

ކަލިމަތައް ނުބައިކޮށް ކިއުމާއި، އަކުރު މަޚުރަޖު ބަދަލުވުމާއި ބަންގީގެ ކުރިޔަށް ފަހަތަށް ކަލިމަ އިތުރު ކޮށްފައި ވުމެވެ. އަދިވެސް މި ނޫން އެތައް މައްސަލައެކެވެ. އިސްލާމްދީނުން ބޭރުވެފައިވާ ބައެއްގެ ގޮތުގައ ދީނުގެ ބޮޑެތި ޢިލްމުވެރިން ވިދާޅުވާ ޝިޢާއީންގެ ބަންގި ވެސް މި މައު ފޮޅުމުގެ ސަބަބެއް ކަމުގައި ހިމަނާނަން ތޯއެވެ؟ ނޫނީ އެ ބަންގިއަށް މި މައު ނުފޮޅޭނެބާއެވެ؟ މިފަދަ ސުވާލު އުފެއްދުމަށް ޓަކައި ހިނދުކޮޅަކު ހަމަހިނމޭނެވެލައި ސިކުނޑިއަށް ފުރުޞަތެއް ދިނުން މުޙިއްމެވެ.

ދެން ބަލައިލަންވީ އެ ނޫން މާމެލާމެއްޔަށް ލިބިގެންވާ މަލުގެ ޙައްޤުތަކަށެވެ. މި މަލެކޭ އެއްގޮތަށް ދެން ހުރި މާލެމާމެލީގެ ވެސް ވެރި ރައްބަކީ الله تعالىއެވެ. މި މައު ބަންގިއަށް ފޮޅިފައި އެހެން މައުތައް ބަންގިއަށް ނުފޮޅުން އެއީ އެހެން މާމެލާމެލީގައި ހިމެނޭ އުރެދުމުގެ ސިފައެއްތޯއެވެ؟ ނޫނީ ނުކިޔަމަންތެރި ކަމެއްބާއެވެ؟ ނޫނީ އެހެން މާމެލާމެލި އެ ތަކެތީގެ ޗާލޫކަމަށް އިންސާނުންގެ ކިބައިން ލިބޭ ތައުރީފުގެ މައްޗަށް ބޮޑާވެ ﷲއަށް ކިޔަމަން ތެރިކަން އަދާނުކުރަނީ ހެއްޔެވެ؟ ރަނގަޅު ޖަވާބަކަށް ވާސީލުވުމަށް ޓަކައި އެކި ޒާތްޒާތުގެ ސުވާލު އުފައްދާ އެއަށް ޖަވާބު ލިބޭތޯ ބެލުން މުހިއްމެވެ.

އަދި ވަރަށް މުހިއްމު ވާހަކައެއް އެބަ އޮތެވެ. ދެން ކުރަންވީ ސުވާލަކީ ބަންގިއަށް މި މައު ނުފޮޅިދާނެ ތޯއެވެ؟ މިއީ "ތިޔަ ވިދާޅުވާ މުޢުޖިޒާތާއި ޣައިބުގެ ކަންކަން..." އެހެން ނޫންތޯއެވެ؟ މި އަށް ދޭން އޮތް ޖަވާބަކީ" ވެދާނެއެވެ." ނުވަތަ "ނުވެދާނެއެވެ." "އަދި އެއީ ސަބަބަކަށް ވެސް ވެދާނެއެވެ." "އެކަމު އެއީ ހަމަ އެކަނި ސަބަބަށް ނުވެވެސް ހިނގައި ދާނެއެވެ؟" އެބަހީ؛ ބަންގީގެ އަޑަށް ފޮޅުންއެއީ މި މަލަށް އޮތް ހަމައެކަނި ސަބަބަށް ނުވަންޏާ، އެކަންތައް މުޢުޖިޒާތުގެ އިމުން ބޭރުވީއެވެ. މުޢުޖިޒާތަކީ އާދަ ފޫވައްޓައިލާ ކަންކަމެވެ. ބަންގި ނޫން އަޑުއަޑަށް މިމައު ފޮޅެންޏާ، ނުވަތަ ބަންގީގެ އަޑު ނުއިވުނަސް މި މައު ފޮޅެންޏާ، ދެން މި ކަމުގައި އޮތީ އާދަޔާ ޚިލާފު ކޮން ކަމެއްތޯއެވެ؟

ޣައިބުގެ ނިޔާގައި އެ މަލަށް ބަންގިއެއީ މުޙިއްމު އެއްޗެއް ކަމުގައި ލައްވައިފައި ވާނަމަ އެ ކަމެއް އޮތީ އެ މަލަށެވެ. އަދި އެމާ ބަންގިއަށް ފޮޅުމަކުން ނުވަތަ ނުފޮޅުމަކުން އިންސާނަކަށް ވާނެ ގެއްލުމެއް ނުވަތަ ފައިދާއެއް ވެސް ނޯންނާނެއެވެ. އެ ކަމެއް އެ ގޮތަށް ބަލައި އަޅުގަނޑުމެން އިންސާނުން އަޖައިބުވާކަށް ނުވެއެވެ. އެ ނޫން ވަރަށް މުޙިއްމު އެތައް ކަމެއް އަޅުގަނޑުމެންގެ ކިބައިން ދޫވެގެން ދާ ދިއުން މީ އަދި ހާދަ އަޖައިބުކަން ބޮޑު ކަމެކެވެ.

CNN އަށްވެސް ކިޔައިދޭން މި އެނގުނީ މަލެއްގެ ފޮޅުން ބަންގިޔާ ގުލިފައިވާ ވާހަކަ ދެއްތޯއެވެ؟ ބަންގީގެ އަޑުއަހާ މިސްކިތަށް ގޮސް ނަމާދުކުރާ މީހުން ފޮޅޭ ވާހަކަ ވެސް އަދި ކިޔައިދޭނެ ދުވަހެއް އައުން އެއީ ކުރެވޭ އުންމީދެއް ނޫންތޯއެވެ؟ އަދި މިހައިތަނަށް ބޮޑަށް ކިޔައިދެވިފައިހުރީ މިސްކިތްތަކުން ހަރުކައްޓާއި، ހަރު ފިކުރާއި ހަރުބީން އުފެދޭ ވާހަކަ ނޫންތޯއެވެ؟ މި ކަހަލަ ފުލެއް ބިތެއް ނެތް ވާހަކަ CNNން ގެނެސް ދިނުމުން، އެ ދުވަހު ސޯޝަލް މީޑިއާ ފުރިގެން ބަންޑުންވީ CNNއަށް ޝުކުރާއި ތަހުނިޔާއާއި މުބާރިކުބާދީ ކިޔަމުންނެވެ. މިއީ ހަމަ އަސްލު ބަންގިއާއި ބަންގީގެ ކަރާމާތް ކިޔައިދޭން ޝާއިޢުކުރި ރިޕޯޓެއްބާއެވެ؟ ނޫނީ ޒުވާން މުސްލިމުންނާ ކުރެވޭ ފިކުރީ ތަފާތު ހަނގުރާމައެއްބާއެވެ؟

މި ލިންކުން ވެސް ތިޔަ ފެންނަނީ މި މަލާއި ބެހޭގޮތުން އިޒްރޭލުގެ ސައިންޓިސްޓުން ހޯދާފައިވާ ހޯދުމެކެވެ. މި ވާހަކަ ވެސް ތެދު ވެދާނެއެވެ. ނުވަތަ ދޮގުކުރާނެ ބަޔަކުވެސް އުޅެދާނެއެވެ. އެ މަލަށް ﷲ ކުރައްވާ އިލްހާމާއި، ކުޅަނދުރަށް ﷲ ކުރައްވާ އިލްހާމު ދެނެވޮޑިގެންވަނީ ހަމައެކަނި އެ އިލާހެވެ.

ގުޅޭ ޓެގު
comment ކޮމެންޓް