މަރުވާ ޣައިރުމުސްލިމު މީހާއަށް ޒިޔާރަތްކުރުމަކީ ކޮންކަހަލަ ކަމެއް؟

ސަހަރާގައި ބަޔަކު ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޣައިރުމުސްލިމަކު މަރުވުމުން އޭނާގެ ގެއަށް ޒިޔާރަތްކޮށް އެ ގޭގައި ވަގުތު ކޮޅެއް ހޭދަކޮށްލުމަކީ ކޮންކަހަލަ ކަމެއްތޯ އަހައި ކޮށްފައިވާ ސުވާލަކަށް ޖަވާބުދެމުން ބުނަމެވެ.

الحمد الله، الصلاة والسلام علي رسول الله
މި މައްސަލައަކީ މި އުންމަތުގެ އެންމެ މާތްބޭކަލުން ކަމުގައި ވެވަޑައިގެންނެވި ޞަޙާބީންގެ ޙަޔާތްޕުޅުގައި ވެސް ދިމާވެފައި އޮތް މައްސަލައެކެވެ. އޭގެތެރެއިން ގިނަބޭފުޅުން އިސްލާމްވެވަޑައިގެންނެވީ ލޯބިވާ އެތައް ބަޔަކާ ޚިލާފުވެވަޑައިގެން ގިނިކަންޏާއެވެ. މަންމަ ހުރީ ޔަހޫދީއެއް ގޮތުގައެވެ. ނޫނީ ބައްޕަ ހުރީ ނަޞްރާނިއްގެ ގޮތުގައެވެ. ނޫން ނަމަ އަނބިމީހާ ނުވަތަ ފިރިމީހާގެ އިތުރަށް ބައެއް ޙާލަތުތަކުގައި އަމިއްލަ ދަރީން ވެސް އެ މީހުން އެ ތިބި ދީނެއްގެ މަތީ ތިއްބާ އިސްލާމްވެވަޑައިގެންނެވި ޞަޙާބީން ތިއްބެވިއެވެ.

އެފަދަ ޞަޙާބީންގެ ޙަޔާތްޕުޅުގައި، އެބޭކަލުންނަށް ނަސަބު ނިސްބަތްވާ އެތައް ބަޔަކު ދުނިޔެ ދޫކުރިއެވެ. އަދި އެ މީހުންގެ ޖަނާޒާތަކަށް ދިޔުމާ ބެހޭގޮތުން ސުވާލުކުރެވުނެވެ. މި ހުރިހާ ސުވާލެއްގެ ޖަވާބު ބިނާވެގެން އައީ ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތަށެވެ. ﴿وَلَا تُصَلِّ عَلَىٰ أَحَدٍ مِّنْهُم مَّاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِ ۖ إِنَّهُمْ كَفَرُوا بِاللَّـهِ وَرَسُولِهِ وَمَاتُوا وَهُمْ فَاسِقُونَ﴾ (سورة التوبة ٨٤) މާނައީ: "އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކު ވެސް ކަށުނަމާދު ނުކުރައްވާށެވެ! އަދި އެ މީހެއްގެ މަހާނަދޮށުގައި ވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެން اللَّهއަށާއި، އެކަލާނގެ ރަސޫލާއަށް ކާފިރުވޫއެވެ. އަދި އެއުރެން މަރުވީ، ފާސިޤުން ކަމުގައިވާ ޙާލުގައެވެ."

މި އާޔަތުގައި މި ވަނީ ސީދާ ޖަނާޒާގައި ބައިވެރިވުމުގެ ވާހަކައެވެ. ޖަނާޒާގައި ބައިވެރިވުން ފިޔަވައި އެ ނޫން ގޮތަކަށް އެ މީހެއްގެ ގެއަށް ނުވަތަ ޢާއިލާއަށް ޒިޔާރަތް ކުރެވިދާނެތޯ އަހައިފިއްޔާ، ދޭން އޮތީ އެހެން ޖަވާބެކެވެ. އެ މީހުންގެ ޖަނާޒާއޭ މި ބުނެވޭ ބަހުގެ މާނައަކީ ވަޅުލުމުގައި އެ ބަޔަކު ގެންގުޅޭ ދީނީ މިންގަޑުތަކާއި ހަމަތަކެވެ. އެއިން އެއްވެސް ކަމެއްގައި މުސްލިމަކު ބައިވެރިވެގެން ނުވާނެއެވެ.

ޞަޙާބީންގެ (ޣައިރު މުސްލިމް) މައިންފަބައިން މަރުވުމުން އެ މީހުންނަށް ޒިޔާރަތް ކުރުމާމެދު ޢުމަރުގެފާނަށް ދެންނެވުނު ހިނދު ވިދާޅުވިއެވެ. ތިބާ އެ މީހުންނާ އެކުގައި ދާނަމަ ޖަނާޒާގެ (އެބަހީ: ސަންދޯކުގެ) ކުރީގައި ހުރެގެން ހިނގާށެވެ! އަދި އެ ދާހިސާބަކަށް ދެވުމުން އެ މީހުންގެ ދީނީ ޙަރަކާތްތައް ނިމެންދެން ދުރުގައި ހުންނާށެވެ!

އެހެން ނަޒަރަކުން ވެސް މި ކަމަށް ބަލައިލުން މުހިއްމެވެ. މީހުން މަރުވެގެން އުޅޭ ވަގުތަކީ ޖަޒުބާތީ ވަގުތެކެވެ. އެ ވަގުތު އިންސާނާގެ ފިޠުރަތު ހޭލައެވެ. އެ ވަގުތުގެ ބޭނުންހިފައި ﷲގެ މަގުން އެއްކިބާވެފައިވާ މީހާއަށް ހެޔޮ ނަސޭހަތެއްދީ އޭނާއަށް އިސްލާމްދީނުގެ މަގަށް ގޮވައިލުން އެއީ ވަރަށް ޙިކުމަތްތެރި ގޮތެކެވެ. އެހެނަސް މި ކަން ކުރުމުގެ ގޮތުން ވިޔަސް ޣައިރު މުސްލުމުންގެ ޖަނާޒާގައި ބައިވެރިވުން ހުއްދަ ނުވާނެއެވެ. އަދި އެ ދުވަހު އެ މީހުން ތެރެއަށް ގޮސް އުޅުން ވެސް ރަނގަޅެއް ނޫނެވެ. އެ ނޫން ކޮންމެ ވެސް އެހެން ދުވަހެއްގައި އެ ކަން ކުރުން އެއީ ވަރަށް ރަނގަޅު ގޮތެކެވެ.

(*ނޯޓް: ބައެއް ފަހަރު ޣައިރު މުސްލިމުންގެ ޖަނާޒާތަކާ ގުޅުން ހުރި ކަންކަން ގިނަ ދުވަސް ތަކަކަށް ދެމިގެން ވެސް ދެއެވެ.)

ޣައިރު މުސްލިމަކު މަރުވިއިރު އެ މީހުންގެ ބަޔަކު ނުވަތަ މީހަކު، މަރުވި މީހާ ވަޅުލުމުގެ ކަންތައްނުކޮށްފިއްޔާ، މުސްލިމުން އެ ޤަބުރު ވަޅުލަން ވާނެއެވެ. (އެހެނަސް މުސްލިމުންގެ މައްޗަށް ޖަނާޒާކުރާ ފަދައިން އެ މީހުންގެ މައްޗަށް ޖަނަޒާކުރުމެއް ނޯންނާނެއެވެ. ވަޅުގަނޑެއް ކޮނެފައި އޭގެތެރެއަށްލައި ފަސްއެޅުމުން ނިމުނީއެވެ.) ބަދުރު ހަނގުރާމައިގައި މަރުވި މުޝްރިކުންގެ ޤަބުރުތަށް ވަޅުނުލައި އުކާލެވިފައިވަނިކޮށް އެ ޤަބުރުތަށް ވަޅުލުމަށް ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَޢަލީގެފާނަށް ދެންނެވިއެވެ. والله أعلم.

ގުޅޭ ޓެގު
comment ކޮމެންޓް