ވަގަށް އެތެރެ ކުރަން އުޅުނު ދޮޅުލައްކައެއްހާ ސިނގިރޭޓް އަތުލައިގެންފި

މީގެ ކުރިން ވަގަށް ރާއްޖެއަށް އެތެރެކުރި ސިނގިރެޓުތަކެއް -- ފޮޓޯ/ ކަސްޓަމްސް

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމުން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ ސިއްރުން އެތެރެކުރަނިކޮށް އަތުލައިގަތީ 130،155 ސިނގިރޭޓު ކަމަށެވެ. އެއީ އިއްޔެ ގަން އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތަކެތި ކަމަށް ކަސްޓަމުން ބުންޏެވެ. އެއީ ގާތްގަނޑަކަށް 650 އަށްވުރެ ގިނަ ސިނގިރޭޓު ކާޓަންއެވެ.

ރާއްޖޭގައި ސިނގިރެޓު މިހާރު ވިއްކަމުންދާ އަގުން ބަލާނަމަ، އެއީ ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާގެ ސިނގިރޭޓެވެ.

ކަސްޓަމުން ބުނީ މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް ދެވޭ އަދަބެއްގެ ގޮތުގައި އާންމުކޮށް ކުރެވެނީ ޖޫރިމަނާ ކަމަށެވެ.

މި މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް އަދި އެނގިފައެއް ނެތެވެ.

ދުންފަތާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސިނގިރެޓުން ނަގާ ޓެކްސް ބޮޑުކުރުމަށް މި ސަރުކާރުން ނިންމިފަހުން، ބޮޑެތި އަދަދުތަކުން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅެނިކޮށް އެކި ފަހަރުމަތިން ވަނީ ހިފަހައްޓައިފައެވެ.

comment ކޮމެންޓް