ރިޔާސީ އިންތިޚާބުގެ ވޯޓުލުން އެއްބުރުން ނިންމައިގެން ސަރުކާރެއް އުފެއްދުމަކީ ރަނގަޅު އުސޫލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، އެމްޑީޕީއާއާއި ޑިމޮކްރެޓްސްގެ މެންބަރުން އެ ކަމަށް ތާއީދުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުދާހެން، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ރައީސްވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވައިލުމާމެދު ފެންނަ ނުފެން ވޯޓެއް ނެގުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.
މި ކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައި، ނަޝީދު އެކްސްގައި ވިދާޅުވެފައިވަނީ، އެއްބުރުން ވޯޓުލައި ނިންމައި، ސަރުކާރެއް އުފެއްދުމަކީ ރަނގަޅު އުސޫލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އޭގެ ފަހުން ޑިމޮކްރެޓްސްގެ ސަޕޯޓަރުންގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ އެމްޑީޕީއާއި ޑިމޮކްރެޓްސްއަސް ތާއީދުކުރައްވާ ބޭފުޅުން، އެއްބުރުން ރިޔާސީ އިންތިޚާބު ނިންމަން ތާއީދުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވަކި އިންސައްތައެއްގެ ތާއީދާ އެކު ރައީސަކު ހޮވޭގޮތަށް ބަދަލުތަކެއް ގެނައުމަށް ތާއީދު ކުރައްވާކަން މީގެ ކުރިން ވެސް ނަޝީދު ހާމަ ކުރައްވާފައިވެއެވެ.
ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިޚާބު އެއްބުރުން ނިންމަން ޕީއެންސީގެ މަޖިލީސް މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ. އެ ބަދަލުތައް ގެންނަން ނަގަންޖެހޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު މި އަހަރު ނަގަން މަސައްކަތްކުރާ ކަމަށް ވެސް ޕީއެންސީގެ މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވިއެވެ.
އިންތިޚާބަށް ގެންނަ ބަދަލުތަކުގެ ތަފުސީލު ރަސްމީކޮށް ހާމަނުކުރި ނަމަވެސް ސަރުކާރުގެ ބައެއް އެކްޓިވިސްޓުން އަންނަނީ ޕްރިފަރެންޝަލް ވޯޓިން ސިސްޓަމަކަށް ތާއީދުކޮށް ކެމްޕޭން ކުރަމުންނެވެ. އެ ފަދަ ނިޒާމެއްގައި ވޯޓު ދޭންޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ގިންތިކޮށްގެންނެވެ. އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަށް އެކެއް، އަދި ދެވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓަށް ދޭއް، އެ ފަދަ ގޮތަކަށެވެ.