7.6 ބިލިއަންގެ ދަރަނި ނުދެއްކި، ދަރަނި ދައްކަން ބަޖެޓުކުރި ފައިސާގެ 77 ޕަސެންޓު ހުސްވެއްޖެ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މި އަހަރަށް ލަފާކޮށް ފާސްކުރި، ބަޖެޓު ހުށަހަޅައިދެއްވަނީ -- ފޮޓޯ/ މިނިސްޓްރީ

ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ދަރަނި އަނބުރައި ދެއްކުމަށް ކަނޑައެޅި ފައިސާގެ 77 ޕަސެންޓު ހުސްވެއްޖެއެވެ.

މި އަހަރު އެކަނި ވެސް ބޭރުގެ ދަރަންޏަށް 688 މިލިއަން ޑޮލަރު، ނުވަތަ 10.6 ބިލިއަން ރުފިޔާ ރާއްޖެއިން ދައްކަން ޖެހެއެވެ. އަދި އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރު، ނުވަތަ 17 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

މި އަހަރަށް ފާސްކުރި 56.4 ބިލިއަން ރުފިޔާގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ކަނޑައަޅާފައިވަނީ ތިން ބިލިއަން ރުފިޔާއެވެ. އެހެން ކަމުން ލޯނު އަނބުރައި ދެއްކުމަށް ކަނޑައެޅި އަދަދުން ބާކީ މިހާރު ހުރީ 800 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން އެނގޭ ގޮތުގައި، އޭގެ ތެރެއިން ޖޫން ފަހެއްގެ ނިޔަލަށް ތިން ބިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

އެހެން ކަމުން މި އަހަރު ތެރޭގައި ދައްކަންޖެހޭ ބޭރުގެ ދަރަންޏަށް، 7.6 ބިލިއަން ރުފިޔާ އަދިވެސް ނުދައްކައި އެބައޮތެވެ. އެއީ މި އަހަރަށް ކަނޑައެޅި ބަޖެޓުގެ 13.5 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ.

އެންމެ ބޮޑު ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ، ފިޗުން ވެސް މިއަދުވަނީ މި އަހަރާއި އަންނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ ބޮޑު ދަރަނި ނުދެއްކިދާނެކަމުގެ ބިރުބޮޑުކަން ފާހަގަކޮށްފައެވެ.

https://sun.mv/207206

އަދި ރާއްޖެއަށް ދީފައި އޮތް 'ސީސީ' ނުވަތަ 'ޖަންކް' ރޭޓިން ވަނީ ދަމަހައްޓައިފައެވެ.

'ސީސީ' ރޭޓިންއަކީ ދަރަނި ނުދެއްކި ބަނގުރޫޓުވެދާނެކަމުގެ ބިރު ބޮޑުވުމުންދޭ ރޭޓިންއެކެވެ. އެއަށް ވުރެ ދަށަށް ދެން އިންނަ ރޭޓިންއަކީ 'ސީ' ރޭޓިންއެވެ. އެއީ، ބަނގުރޫޓުވާނެކަން ޔަގީންވުމުން ދޭ ރޭޓިންއެކެވެ. ރާއްޖެއަށް ދީފައި އޮތް 'ސީސީ' ރޭޓިންއަކީ ދަރަނި ނުދެއްކުމުގެ ބިރު އޮތުމުން ދޭ ރޭޓިންއެކެވެ.

ދަރަނީގެ ކަންބޮޑުވުން އިންތިހާއަށް އޮތް ނަމަވެސް ދަރަނި ނުދެއްކި ބަނގުރޫޓުނުވާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ. މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބަކީ ވެސް ބަނގުރޫޓުނުވެ ގައުމު ސަލާމަތްކުރުން ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނެފައިވެއެވެ.

އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ގެނައި ރިފޯމުގެ ތެރެއިން، ފަތުރުވެރިކަމުގެ ވިޔަފާރިތަކުން އެމްއެމްއޭއަށް ޑޮލަރު މާރުކުރުން މަޖުބޫރުކުރުން ހިމެނެއެވެ. އޭގެ ހެޔޮ އަސަރު ފެންނަކަން ފިޗުން ވެސް ފާހަގަކޮށްފައިވެއެވެ.

މިދިޔަ އޭޕްރީލްގެ ނިޔަލަށް ދައުލަތުގެ ރިޒާވުގައި ހުރީ 856 މިލިއަން ޑޮލަރެވެ.

އެކަމަކު، އެއީ ބޭނުންވާ ވަރަށް ވުރެ މާ ބޮޑަށް ވެސް ދަށް އަދަދެކެވެ. ފިޗުން ފާހަގަކުރި ގޮތުގައި ހަމައެކަނި ރިޒާވަށް ބަރޯސާވާން ޖެހިއްޖެ ނަމަ އެ ފައިސާއިން ވާނީ ހަމައެކަނި ދޮޅު މަހަށެވެ. އެއީ، ގައުމަކަށް އެކަށިގެންވާ އަދަދެއް ނޫނެވެ.

comment ކޮމެންޓް