މާލޭ ބާޒާރު ސަރަހައްދު ބަލައި ފާސްކޮށް، އަށް ބިދޭސީއަކު ހިފަހައްޓައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކްފޯހުން އިއްޔެ ހަވީރު ހިންގި ރެއިޑު އޮޕަރޭޝަނެއްގައި މާލޭ ބާޒާރު ސަރަހައްދުގައި ހިންގަމުންދާ ގުދަންތަކާއި ފިހާރަތައް ބަލައި ފާސްކުރި ކަމަށެވެ.
އެ އޮޕަރޭޝަންގައި، ގަވައިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ އަށް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި ސަރުކާރުގެ އަމާޒަކީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ. އެހެންވެ، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްޙޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު ހޯމް މިނިސްޓްރީން "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި އޮޕަރޭޝަނެއް ފެށިއެވެ.
މިފަހުން، މިނިސްޓްރީން ބުނީ، އެ އޮޕަރޭޝަންގެ ދަށުން ފާއިތުވި 10 މަސް ދުވަސްތެރޭ، 100،000އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯ-މެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށެވެ.