ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބެލި މައްސަލައިގައި، މައްސަލަ ބަލަންފެށިއިރު ކުރި ތުހުމަތާ މައްސަލަ ބަލައި ނިމުނުއިރު ކޮށްފައި އޮތް ތުހުމަތު ތަފާތުކަން "ސަން"އަށް އެނގިއްޖެއެވެ.
މި މައްސަލަ ބަލަން ޖޭއެސްސީން އެކުލަވައިލި ކޮމިޓީން މިދިޔަ ފެބްރުއަރީ މަހުގެ 26ގައި އަޒްމިރަލްދާއަށް ފޮނުވާފައިވާ ނޯޓިސްގައި ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ގުޅައި އޭނާގެ ފިރިމީހާ ޑރ. އިސްމާއީލް ލަތީފްގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ މައްސަލައެއް ކަމަށެވެ. މިއީ އެ ކޮމިޝަނަށް ލިބުނު ޝަކުވާއަކާ ގުޅިގެން ބަލާ މައްސަލައެއް ކަމަށް ވެސް އެ ނޯޓިސްގައި ވެއެވެ.
އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ވެސް މި ތުހުމަތާ ގުޅޭގޮތުންނެވެ. ތަހުގީގު ކޮމިޓީން ފުރަތަމަ އެކުލަވާލި ރިޕޯޓުގައި ވެސް ތުހުމަތުގެ ގޮތުގައި ބަޔާންކޮށްފައި އޮތީ ސީދާ ފަނޑިޔާރު އަޒްމިރަލްދާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ގުޅުއްވި ކަމަށެވެ.
ނަމަވެސް، ޖޭއެސްސީގެ ތަހުގީގު ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ތަހުގީގު ނިންމައި، ޖަވާބުދާރީވުމަށް ފަނޑިޔާރަށް ފުރުސަތު ދިނުމަށް ފޮނުވި ރިޕޯޓުގައި ވަނީ، އެ ކޮމިޝަނުން އަޒްމިރަލްދާގެ މައްޗަށް ތުހުމަތު ކުރަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، އެކޯޓުގެ އެހެން ފަނޑިޔާރަކާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ގުޅައި ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެއް ކަމަށެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ވެސް ޖޭއެސްސީން ތުހުމަތު ކުރެއެވެ.
ކޮމިޓީން ނިންމާފައި ވަނީ މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން ފެންނަކަމަށެވެ. ނަމަވެސް، މި ނިންމުން ނިންމާފައި ވަނީ ކޮމިޓީން ތުހުމަތު ބަދަލު ކުރުމަށް ފަހުކަން "ސަން"އަށް ވަނީ އެނގިފައެވެ. ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ވަނީ މިމައްސަލައަށް މަހާޒާއި އަޒްމިރަލްދާ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
ކޮމިޝަނުގެ ތަހުގީގު ކޮމިޓީން މައްސަލަ ހިންގަނީ އިންސާފުން ބޭރުން އިޖުރާއަތުތަކާ ޚިލާފަށްކަމަށް މީގެ ކުރިން ވެސް އަޒްމިރާލްދާގެ ވަކީލުން ތުހުމަތު ކޮށްފައި ވެއެވެެ.
އަޒްމިރަލްދާ، މަހާޒް އަދި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ، އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހުއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އެ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ މައްސަލައެއް ވެސް ކުރިއަސް ގެންދެއެވެ. އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ މެންބަރުން އެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލައެއް ބަލަމުން ދަނިކޮށެވެ.
ސަސްޕެންޝަންގައި ހުންނެވި ހުސްނުއްސުއޫދު މިދިޔަ މަހުގެ ހަތަރު ވަނަ އިސްތިއުފާ ދެއްވައިފައިވާއިރު، ފަނޑިޔާރުންގެ މައްޗަށް އޭސީސީންނާއި ޖޭއެސްސީން ކުރިއަށްގެންދާ ތަހުގީގުތަކާ ގުޅޭ ގޮތުން އޭނާއާއި އަޒްމިރަލްދާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ.
ސުއޫދު ވަނީ ފަނޑިޔާރުން ސަސްޕެންޑު ކުރި މައްސަލަ ބޭރުގެ އިދާރާތަކަށް ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން އދ.ގެ ފަރާތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެެ. އަދި މި މައްސަލައިގައި ދިވެހި ސަރުކާރު ޖަވާބުދާރީ ވުމަށް އަދ. އިން ވަނީ އަންގައިފައެވެ.