މާލޭގައި އިއްޔެ އިތުރު މީހަކަށް ހަމަލާދޭން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އެންމެ ފުރަތަމަ އިއްޔެ ހިނގީ މާލޭގެ ކެފޭއެއްގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގި މާރާމާރީއެކެވެ. އެ މަރާމާރީގައި 22 އަހަރުގެ ޒުވާނަކު ވަނީ ޒަޚަމުކޮށްލާފައެވެ. އޭނާއަށް އައިޖީއެމްއެޗުގެ ވޯޑުގައި ފަރުވާދެމުން އަންނައިރު، އެ މަރާމާރީގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ މެންދުރު ފަހު 15:38 ހާއިރެވެ.
އޭގެ ފަހުން ރޭ ވަނީ އިތުރު މީހަކަށް ވެސް ހަމަލާއެއް ދޭން އުޅެފައެވެ.
އެ މައްސަލައިގައި މިއަދު ފުލުހުން 'ސަން'އަށް ބުނީ، މާލޭ، އަލަމާ ގޯޅި، މުނިވެޔޮ މަގު ކަންމަތީގައި ރޭ 22:29 ހާއިރު މީހަކަށް ހަމަލާ ދޭން އުޅުނު މައްސަލައެއް ރިޕޯޓުކުރި ކަމަށެވެ. ނަމަވެސް، މީހަކު ޒަޚަމުވި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އިއްޔެ ދެ މާރާމާރީއެއްގެ މައްސަލަ ފެންމަތިވިއިރު، މީގެ ދުވަސްކޮޅެއް ކުރިން ބިދޭސީންގެ މެދުގައި ވެސް މާރާމާރީތަކެއް ހިނގިއެވެ.