އިސްތަންބޫލް (24 އެޕްރީލް 2025) : ތުރުކީގެ އެންމެ ބޮޑު އަދި އެންމެ ތާރީޚީ ސިޓީކަމަށްވާ އިސްތަންބޫލަށް އިއްޔެ އައި ބިންހެލުމެއްގައި 160 ވަރަކަށް މީހުންނަށް އަނިޔާވެ ބައެއް އިމާރާތްތަކުގައި ރެނދުލުން ފިޔަވައި އެ ނޫން މާބޮޑު ގެއްލުންތަކެއް ނުލިބޭކަމަށް އެ ގައުމުން ބުނެފިއެވެ.
ތުރުކީ ސަރުކާރުން ބުނިގޮތުގައި ގިނަ މީހުން ޒަޚަމްވެފައިވަނީ ބިން ހެލުން އައި ވަގުތު އިމާރާތްތަކުން ނުކުތުމުގެ ތެރޭގައި ތާށިވެގެންނާ އަދި ދޮރުތައް ތާށިވެގެން ބައެއްމީހުން ކުޑަދޮރުތަކުން ފުންމާލުމުގެ ސަބަބުންނެވެ. އެއްވެސް މީހަކަށް ފުރާނައަށް ނުރައްކާވާ ވަރުގެ ގެއްލުމެއް ނުލިބެއެވެ.
ބިންހެލުމުގެ ސަބަބުން ދުވަސްވީ އިމާރާތްތަކުގައި ރެނދުލާފައިވެއެވެ. އަދި އިސްތަންބޫލްގައި ހުރި ބައުވެގެން މީހުން ނޫޅޭ އިމާރާތެއް ވެއްޓުނު ކަމަށްވެސް ތުރުކީ ސަރުކާރުން ބުނެފައިވެއެވެ.
ބިންހެލުން އައިކަމަށްވަނީ ރެކްޓަރު މިންގަނޑު 6.2 ގެ ބާރުމިނުގައެވެ. މިއީ އިމާރާތްތައް ވެއްޓޭފަދަ ބާރުގަދަ މިންގަނޑެއް ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ. ބިންހެލުމަށް ފަހު އިސްތަންބޫލަށް ކުދިކުދި ލޮޅުންތައް އައިސްފައިވެއެވެ. ބިންހެލުމުގެ އަސަރު އިސްތަންބޫލުގެ އިތުރުން އެސިޓީގެ ކައިރީގައިވާ ސަރަހައްދުތަކަށް ކުރިއެވެ. ބިންގަނޑަށް ލޮޅުންވެސް އެރިއެވެ.
ރިޕޯޓްތައް ބުނާގޮތުން ބިންހެލުމުގެ މަރުކަޒު ހުރީ އިސްތަންބޫލުގެ ހުޅަނގުން 80 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ސިލިވްރީ ނަމަކަށް ކިޔާ ސަރަހައްދެއްގެ ބިމުއަޑީގައި ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ފުނުގައެވެ.
އިސްތަންބޫލަށް އިއްޔެ އައި ބިންހެލުމުގެ ސަބަބުން މުޅި ތުރުކީގައި ބިރުވެރިކަން އުފެދުނެވެ. އެއީ ބޮޑު ބިންހެލުމެއް އަތުވެދާނެ ކަމުގެ ބިރަށެވެ. 2023 އަހަރުގެ ކުރީކޮޅު ތުރުކީގެ ދެކުނުގެ ސަރަޙައްދުތަކާއި ސޫރިޔާގެ އުތުރުގެ ސަރަޙައްދުތައް ހިމެނޭހެން ބޮޑު ސަރަހައްދަކަށް ރެކްޓަރ މިންގަނޑުން 7.8 ގެ ބާރުގަދަ ބިންހެލުމެއް އައިސް ބައިލައްކައަށް ވުރެ ގިނަމީހުން މަރުވެ ލައްކަ އަކަށް ވުރެ ގިނަމީހުން ޒަޚަމްވިއެވެ.
އެ ބިން ހެލުމުގެ އަސަރު ލުބްނާނަށާއި ފަލަސްތީނަށްވެސް ކުރިއެވެ. ނަމަވެސް ބޮޑު ގެއްލުން ލިބުނީ ތުރުކީގެ ހުޅަނގު ދެކުނަށާއި ސޫރިޔާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކަށެވެ.