ޕާޓީ ކުރިކަމަށް ތުހުމަތުވާ އިޒްދިޔާން ވަކިކޮށްފި، ދާއޫދު ކުރީ ސަސްޕެންޑް

ރައީސް އޮފީހުގެ އިސް މަގާމުތަކުގައި ހުންނެވި ދާއޫދު އަހުމަދާއި އިޒްދިޔާން: ދާއޫދު ސަސްޕެންޑް ކުރިއިރު އިޒްދިޔާން ވަނީ މަގާމުން ވަކިކޮށްފައި--

ޕާޓީކުރިކަމަށް ތުހުމަތުވެ، ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި އޮއްވައި ރައީސް އޮފީހުގެ މަގާމެއްގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކުރި ނަމަވެސް ހަމަ އެ ތުހުމަތުވާ ދާއޫދު އަހުމަދު ސަސްޕެންޑްކުރަން ރައީސް އޮފީހުން މިއަދު ނިންމައިފިއެވެ.

ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނެވެ. އެއީ، 21 އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ.

އެ ކުއްޖާ ވެއްޓުނީ އެރޭ އޮތް 'ޕާޓީއަކަށް' ފަހު ގެއެއްގެ ތެރެއަށް ވަދެ އުޅެނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ހާމަ ކުރި ގޮތުގައި ހާދިސާ ހިނގި ރޭ 12:30 އެހާކަންހާއިރު އަށް ޒުވާނުން ވަނީ ޕާޓީއަކަށް ގޮސްފައެވެ. އެއީ، މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގެކޮޅުކަން ފަހުން ވަނީ އެނގިފައެވެ. އެކަމަކު، ގެކޮޅުގައި ކަމެއް ހިނގި ނަމަވެސް މައްސަލައަށް ނުފޫޒު ވެސް ނުފޯރުވާ ކަމަށާއި އެކަން ހިނގިކަން އެނގުނީ ވެސް ހުކުރު ދުވަހު ހަވީރު ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

އެ ޕާޓީގައި ރައީސް އޮފީހުގައި މަސައްކަތްކުރާ ބަޔަކު މަސައްކަތްކުރި ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.

އެހެން އޮއްވައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވު ދާއޫދު އަހުމަދާއި އަންޑާ ސެކްރެޓެރީ ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން ޕާޓީކުރާ ކަމަށް ބެލެވޭ ވީޑިއޯތަކެއް މީސްމީޑިއާގައި ވަނީ ލީކުކޮށްލައިފައެވެ.

އެ މީހުން ވަކިކޮށް، ވެއްޓުނު ކުއްޖާއަށް އިންސާފު ހޯދަން ގޮވާލައި ގިނަ އަދަދެއްގެ ޒުވާނުން ރޭ ވަނީ މުޒާހަރާކޮށްފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ދާއޫދާއި އިޒްދިޔާނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެ ގޮތުން، ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ދާއޫދު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކުރި ކަމަށެވެ. އަދި، ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާދޭ ކޮމިޓީން އޭނާ އިސްތިއުފާ ދީފައިވާ ކަމަށެވެ. އެކަމަކު، މި މައްސަލައިގައި ދެން ހިމެނޭ އިޒްދިޔާން ވަނީ މަގާމުން ވަކިކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ. އެ އެންމެންގެ ވަނަވަރު ވެސް ވަނީ އާންމުކޮށްފައެވެ. ހާދިސާ ހިނގި ގޭގައި ޔުމްނުއާއި ރައުދު ހަރަކާތްތެރިވާ ސީސީޓީވީ ވީޑިއޯ ފުޓޭޖް ވެސް ފުލުހުން ވަނީ ލައިވް ޓީވީގައި އާންމުކޮށްފައެވެ. އެއީ، އާންމުކޮށް ފުލުހުން ކޮށް އުޅޭ ކަމެއް ނޫނެވެ.

ޝުޖާއު ވިދާޅުވީ، އެ ފަދައިން އަމަލުކުރަނީ ގިނަ ބަޔަކު ހާދިސާއާ ގުޅޭ ގޮތުން ސުވާލު އުފައްދާތީ ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި ރައުދުއާއި ޔުމްނުގެ އިތުރުން މި ހާދިސާ ހިނގި ރޭގެ 'ޕާޓީ'އަށް ދިޔަ މީހުންނަކީ:

އައިޝަތު ލަޔާލީ އިގުބާލް

އިޒްދިޔާން މުހައްމަދު މައުމޫން

ޔޫސުފް އަހުމަދު އަކްރަމް

ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު

އާމިނަތު ޖުނައިރާ ޖަމްޝީދު

ހުސައިން ހަރީސް އަލީ

އިޖާޒް ޖާއިޒް

އެ މައްސަލައިގައި ރޭ ފުލުހުންގެ އޮފީސް ދޮށަށް އެއްވެ ގިނަ އަދަދެއްގެ ޒުވާނުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޒުވާނުން ބުނެފައިވަނީ، ފުލުހުން ތިބީ ފައިސާއަށް ވިކިފައިކަމަށާއި، މި މައްސަލައިގައި ވަރަށް ބޮޑަށް ކަންކަން ސިއްރުކުރަން އުޅޭ ކަމަށެވެ. އަދި، ޒުވާން އަންހެން ކުއްޖާ ވެއްޓުނު ގޮތާމެދު އުފެދޭ އެންމެހާ ސުވާލުތަކަށް މިހާރުން މިހާރަށް ޖަވާބު ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

ބައެއް އާންމުން ގެންދިޔައީ އެ ހާދިސާއާ ގުޅުވައި ތަފާތު އެކި ތުހުމަތުތައް ކުރަމުންނެވެ. އެ ގޮތުން، އަންހެން ކުއްޖާ ވެއްޓުނީ ނޫން ކަމަށާއި އެ ކުއްޖާއަށް އަނިޔާކޮށް ވައްޓާލީ ކަމަށް ބުނެ ބައެއް މީހުން ތުހުމަތުކުރިއެވެ. އަދި އެ ކަމުގައި ސިޔާސީ ފަރާތެއްގެ ބައިވެރިވުން އޮތް ކަމަށް ބުނެ ވެސް ވާހަކަ ދެކެވެއެވެ.

ފުލުހުން ބުނި ގޮތުގައި ތަހުގީގަށް މިހާތަނަށް އެނގެނީ އެ ކުއްޖާ އަމިއްލައަށް ވެއްޓުނީ ކަމަށެވެ.

comment ކޮމެންޓް