އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގަށް ޖުމްލަ ނުވަ މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޔުމްނު ވެއްޓިފައިވަނީ މި މަހުގެ 18ވީ، ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ފެނިގެން މީހަކު ފުލުހަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާ ހިނގުމުގެ ކުރިން، އެ ރޭ ޔުމްނު އުޅުނީ އިތުރު އަށް މީހަކާ އެކުގައެވެ.
އެ ރޭ ޕާޓީ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓައި، އެ މީހުންނާ ގުޅޭ ތަންތަން ބަލައި ފާސްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މައްސަލައިގައި ހިމެނޭ މީހުންނަކީ:
ރައުދު އަޙްމަދު ޒިލާލް
އައިޝަތު ލަޔާލީ އިގުބާލް -
އިޒްދިޔާން މުހައްމަދު މައުމޫން
ޔޫސުފް އަހުމަދު އަކްރަމް
ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު
އާމިނަތު ޖުނައިރާ ޖަމްޝީދު
ހުސައިން ހަމީސް އަލީ
އިޖާޒް ޖާއިޒް
ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އެއީ ޖުމުލަ ނުވަ މީހެއްގެ ފޯނު ކަމަށެވެ.
މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި މައްސަލައިގައި ހިމެނޭ ރައުދު ހައްޔަރުކޮށް، އިއްޔެ ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ޖަހައިފައެވެ. ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ މި މައްސަލައިގައި ފުލުހުން ހާމަނުކުރާ މުހިންމު ވާހަކަތަކެއް ބަޔާންކޮށްފައެވެ.
އެގޮތުން އެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވަނީ ޔުމްނުއާއި، ރައުދުއާ ދެމެދު އެ ރޭ ހަމަނުޖެހުންތަކެއް ހިނގައިފައިވާ ކަމަށް ބުނެފައެވެ.
އަދި ޔުމްނު ވެއްޓުމަށްފަހު މާ ގިނައިރެއް ނުވަނީސް، ޔުމްނު ކޮބައިތޯ ރައުދުއާ ސުވާލުކުރުމުން "ވީ ތަނެއް ނޭނގޭ" ކަމަށް ބުނެ "ވެއްޓުނީކަމަށް ބެލެވޭ ކަމަށް" ރައުދު ބުނި ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އައިއޯ ވަނީ ބުނެފައެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކުރާ ގޮތާމެދު ޝައްކުވާތީ، އާންމުން އަންނަނީ ފުލުހުންނަށާއި ސަރުކާރަށް ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިކުރަމުންނެވެ.