އެކަޑަމީން ބާއްވާ އަތުލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހިބަހުގެ އެކެޑަމީގެ މުބާރާތެއްގެ ތެރެއިން: އެކަޑަމީން ބާއްވާ އަތުލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިވެހިބަހުގެ ދުވަހާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީން ބާއްވާ އަތުލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އެޕްރިލް މަހުގެ 14ވަނަ ދުވަހެވެ. މިއަހަރު ދިވެހިބަހުގެ ދުވަހުގެ ޝިއާރަކީ، ''އިސްކުރާނީ ދިވެހިބަސް'' މި ޝިއާރެވެ.

މި މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލީ މިމަހުގެ 13ވަނަ ދުވަހުއެވެ.

އެކެޑަމީން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް އަތުލިޔުމުގެ މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭކަމަށެވެ. އެހެންކަމުން، މުބާރާތުގައި ބައިވެރިވުުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިމަހުގެ 30ވާ ބުދަ ދުވަހުގެ 14:00އާ ހަމައަށް ކަމަށް އެކެޑަމީން ބުނެފައި ވެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރީ ގިނަ ބަޔަކު ބައިވެރި ވުމަށް ފުރުސަތު ދިނުމަށް ކަމަށް އެކެޑަމީން ވަނީ ބުނެފައެވެ.

ކުރިން މި މުބާރާތް ކުރިޔަށް ގެންދަނީ ދައުލަތުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކަށް އަމާޒުކޮށްގެންނެވެ. އެހެންނަމަވެސް މި އަހަރުގެ މުބާރާތުގައި އޮފީސްތަކުގެ އިތުރުން 18އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މި މުބާރަތުގައި ބައިވެރިވެވޭނެއެވެ.

ދިވެހިބަހުގެ އެކެޑަމީގެ އަދަބީ މުބާރާތެއްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެކެޑަމީން ބުނީ މި މުބާރާތް ބަހާލައިފައިވަނީ މައިގަނޑު ތިން ބަޔަކަށް ކަމަށެވެ. އެއީ:

  • ރީތިތާނަ: މި ބަޔަކީ ރަސްމީ ލިޔުންތައް ލިޔުމުގައި ގެންގުޅޭ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ތާނައަކުރުތައް ރީތިކޮށް ލިޔުމުގެ ބައެވެ.
  • އަވަސްތާނަ: މި ބަޔަކީ ނުރަސްމީ ލިޔުންތަކާއި ރަސްމީ ލިޔުންތައް ވެސް އާންމުކޮށް ލިޔާ މިންވަރަށްވުރެ އަވަހަށް ލިޔުމުގެ ބައެވެ.
  • ފަރުމާތާނަ: މި ބަޔަކީ ތާނައިގެ އަކުރުތައް ބޭނުންކޮށްގެން ލޮލަށް ރީތި އެކި ފަރުމާތަކަށް ލިޔުމުގެ ބައެވެ.

މި ތިން ބައިގެ ތެރެއިން ކޮންމެ ބައެއްގައި ވެސް، އެއް އޮފީހެއްގެ ފަރާތުން ބައިވެރި ކުރެވޭނީ ފަސް މުވައްޒަފުންނެވެ.

މީގެ އިތުރުން އެކެޑަމީން ބުނީ، 2022ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައި ވީނަމަވެސް، މިއަހަރު އެކެޑެމީއަށް ޒިޔާރަތްކޮށް ތަކެތި ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސައިފައި ވާކަމަށެވެ. މި ތަކެތި ހުށަހަޅަން ޖެހެނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައިކަން އެ އެކެޑަމީން ފާހަގަކުރިއެވެ.

މި މުބާރާތުގެ ކޮންމެ ބަޔަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާއިރު އެންމެ ރީތި 10 ލިޔުން ވެސް ހޮވާނެއެވެ. އަދި އޮފީސްތަކުގެ ބައިން ވެސް ވަނަވަނަ ހޮވާއިރު މި ފަރާތްތަކަށް ތަށްޓާއި، އިނާމު އަދި ހަނދާނީ ލިޔުން ދޭނެއެވެ. މި މުބާރާތުގެ ނަތީޖާފާޅުކުރުން އޮންނާނީ އެކެޑަމީން ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިއަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިއާރާ ގުޅިގެން އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަހީމް ވިދާޅުވީ، ތަންތަނަށް ނަން ކިޔުމާއި މުބާރާތްތަކާއި އެކިއެކި ހަރަކާތްތައް ހިންގާއިރު އެހެން ބަސްބަހުން ނަން ކިޔުން އާންމުވެފައި ވާކަމަށެވެ. އެހެންކަމުން މި ޝިއާރުގެ ބޭނުމަކީ ދިވެހިބަހުން މިފަދަ ކަންކަމަށް ނަން ދިނުމަށް ހިތްވަރު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ސަރުކާރާއި ކުންފުނިތަކާއި ސުކޫލުތަކާއި އޮފީސްތަކާއި ޖަމިއްޔާތަކުން ބާއްވާ މުބާރާތްތަކާއި ހަރަކާތްތަކަށް ދިވެހިބަހުން ނަން ކިޔުމަށް އަޝްރަފު އިލްތިމާސް ކުރެއްވިއެވެ.

comment ކޮމެންޓް